ބައެއް މީހުންނީ ސޯޝަލް މީޑިޔާއަށް މާ ފަރިތަ ބައެކެވެ. ހާއްސަކޮށް ސޯޝަލް މީޑިޔާގެ އެއް މަންސަ ކަމަށްވާ ފޭސްބުކް ގައެވެ. އާދެ އެފް.ބީ ގައެވެ. އެފް.ބީ ގައި މާ މަޖާވެގެން ބައެއް މީހުން އުޅޭ އިރު، ކަތިލެވެނީ އަމިއްލަ މީހާގެ އަބުރުކަން އެބައިމީހުން ނުދަނެއެވެ. މިއީ އެބައިމީހުންގެ ވިސްނުން ކޮށިކަމުން ނުވަތަ އެބައިމީހުންނަށް ތަންދޮރު ނުދަންނާތީ އުޅެވޭ ގޮތެއްކަމެއް ނޭނގެއެވެ. އެނގޭހާވެސް ހަގީގަތަކީ މިފަދައިން އެފް.ބީ ތެރޭގައި މާ މަޖާވެގެން، އަމިއްލަ އަބުރު ކަތިލަމުން އުޅޭ އެތައް ބަޔަކު އުޅޭ ކަމެވެ.

މިއީ ފަހަރެއްގައި އެހެންމީހުންނާ ބެހޭ ކަމަކަށް ނުވެދާނެއެވެ. މި ވާހަކަ ދައްކާ މީހާއީ "ދަލުބޭރުން" ޖެހޭ މީހެކޭވެސް ބުނެފާނެއެވެ. ނަމަވެސް ގަބޫލުކުރަން ޖެހޭ ކަމަކީ މިވާހަކަ ނުދައްކާ މިއަދު ފަރުޖެހެން ނެތްކަމެވެ. އެހެނީ މިގޮތަށް އެފް.ބީ ތެރޭގައި މާ މަޖާވެގެން އުޅެނީ އެކެއް ދެމީހެއް ނޫންކަމެވެ. އެތައް ބައިވަރު ބައެކެވެ.

އެފް.ބީ ނުވަތަ ފޭސްބުކް އަކީ އެތަނަކަށް ތަފާތު މީހުން ތަފާތު އެއްޗެހި ލާ އުޅޭ ތަނެކެވެ. ތަފާތު ޕޯސްޓް ތަކެވެ. އެއްބައި ޕޯސްޓް ތަކުގައި ވަނީ ހަގީގަތެވެ. އަނެއްބައި ޕޯސްޓްގައި ހުންނަނީ ދޮގެވެ. އަނެއްބަޔަކު މީހުންނަށް އޮޅުވާލަންވެސް ޕޯސްޓް ތައް ހަދައިގެން މަސައްކަތްކުރެއެވެ. ހުރިހާކަމެއްގެ ހަގީގަތް ދެނެވޮޑިގެންވަނީ މާތް ﷲ އެވެ.

އެފް.ބީ ތެރޭގައި މާ މަޖާވެގެން އުޅޭ މީހުން މިފަދަ ހަބަރުތަކުގެ ދޮގު ތެދު ނުބަލާ "ޝެއާ" ކުރެއެވެ. ކޮމެންޓްކޮށް ހަދައެވެ. އަދި ކޮމެންޓް ކޮށް ހަދާއިރު، ހުތުރު ބަހުރުވަ ބޭނުންކޮށްފައި ހުރެއެވެ. މަޖަލަކަށް ހަދާފައި ދޮގުވެސް ހަދަނީ މަދެއްކޮށެއް ނޫނެވެ. މީހުނާ ޒުވާބު ކުރަނީވެސް މާ މަޖާކަމެއް ކަމުގައި ދެކިގެންނެވެ. ބައެއްފަހަރު، ލިޔެވުނު އެއްޗަކާއި މެދު ހިތާމަކޮށް އެ އެއްޗެއް ޑިލިޓުވެސް ކުރާތަން ފެނެއެވެ. މިހާލަތުގައި މި ވާ ގޮތް އެނގޭ ހެއްޔެވެ. 

ބައެއް މީހުން އެފް.ބީ ގައި ވަރަށް ހިތާމަވެރި އިހުސާސްތަކެއް ނުވަތަ ޝުއޫރުތަކެއް ފާޅުކޮށްފައި ހުރެދާނެއެވެ. ހަގީގަތުގައިވެސް ހިތާމަތަކަށް ލުޔެެއް ހޯދުމުގެ ނިޔަތުގައި އެކަންކަން އެފް.ބީ އަށް ދޫކޮށްލުމަށެވެ. ނަމަވެސް އެއްކަލަ އެފް.ބީ ގައި މާ މަޖާވެގެން އުޅޭ މީހުން އެކަންކަން ވެސް ނަގަނީ މަޖާ ކަމެއްގެ ގޮތުގައެވެ. މަޖަލަކަށް ހަދާ "ޝެއާ" ކުރެއެވެ. ހަޑި ހުރުތު ބަސްތަކުން މަޖާ ކޮމެންޓްކޮށް ހަދައެވެ. އެއްކަލަ ހިތާމައާއި މޮޅިވެރިކަން ލިބުނު މީހާ އަނެއްކާ އިތުރަށް ވަނީ ހިތްދައްޗެވެ. ތަސައްލީއެއް ލިބޭނޭ ކަމުގެ އުންމީދުގައި ކުރި ކަންތަކުގެ ނަތީޖާ މި ލިބެނީ އުންމީދު ނުކުރާހާ ހިތިކޮށެވެ.

ކާކުކަން ނޭނގޭ ގޮތަށް ވަގު އައިޑީ ހަދައިގެން އެފް.ބީ ގައި އުޅޭ މީހުންވެސް މަދެއް ނޫނެވެ. އަދި ކާކުކަން އެނގޭނޭހެން އުޅޭ މީހުން މާ ގިނައެވެ. ހިތާމައަކީ މިފަދައިން މާ މަޖާވެގެން، ޕޯސްޓް ތަކަށް މަޖާ ކޮމެންޓް ކޮށް ހަދަނީ އަނެކާ އެކަމެއް ނަގާ "ސީރިއަސް" މިނަކަށް ބަލާ ނުލައެވެ. މިފަދަ ކަންކަމުގެ ސަބަބުން އަނެކާގެ ކުރިމަތީގައްޔާއި، އެފް.ބީ ގައި ދެން އެމަންޒަރު ދެކޭ މީހުންގެ ކުރިމަތީގައި ވެއްޓެނީ ތިމާގެ އަގެވެ. ގެއްލެނީ ތިމާގެ އަބުރެވެ. ނަމަވެސް ހިތާމަ އަކީ އެއްކަލަ މަޖާވެގެން އުޅޭ މީހާއަށް އެކަން އިހުސާސް ނުވާކަމެވެ. އޭނާގެ ވާހަކަ އެތައް ބަޔަކު އެތައް ތަނެއްގައި ދައްކާނޭކަން އޭނާއަށް ނޭނގޭ ކަމެވެ. އެ ގޯތި އެސޮރު، އަނެކަކު ގޯތި އެކޮއެ އެއީ އެވެނި މިވެނި ފާޑަކަށް އުޅޭ އެވެނި މިވެނި ގޮތަކަށް އުޅޭ މީހެކޭ ކިޔާ ހާދަ ފާޑު ފާޑުގެ އެއްޗެހި މީހުން ކިޔާނެއެވެ. ހުދު ތިމާވެސް އެފަދަ އެހެން މީހުންނޭ ކިޔައިގެން ލައްކަ ވާހަކަ ހުންނާނީ ދައްކާފައެވެ. މި ހަގީގަތް ގަބޫލު ކުރާށެވެ.

ކަންކަން މިހެން ހުރުމާއި އެކު ބުނެވެން އޮތީ، އެފް.ބީ ގައި މާ މަޖާވެގެން އުޅޭ މީހުން، އެ ކަތިލަނީ އެމީހުންގެ އަމިއްލަ އަބުރެވެ! މިކަންކަމުގައި ވިސްނާ ފިކުރު ކުރާ މީހަކަށް ނޫނީ އިބުރަތެއް ހާސިލް ކުރުމަކީ ނާދިރު ކަމެކެވެ. އެހެންކަމުން އަހަރެމެން އެންމެންނީ މިފަދަ ކަންކަމަށް ފަރުވާތެރިވެ ސަމާލުވެ، އަނެކާގެ އިހުސާސްތައް ދަނެގެން އެފް.ބީ ބޭނުންކުރާ ބައެއް ކަމުގައި ވަމާތޯއެވެ.