މިއީ ކެލިފޯނިޔާއަށް އުފަން ޓެއްސާ ހަންސެން ސްމިތް ނަމަކަށް ކިޔާ 25 އަހަރުގެ އަންހެނެއްގެ ވާހަކައެވެ. އުމުރުން އެންމެ 8 އަހަރުގައި ފެނަށް އެލާޖިކު ވާކަން އެނގި، ސީދާ ފެނުން ފެންވަރާ މިންވަރު ޓެއްސާ ދިޔައީ މަދު ކުރަމުންނެވެ.

ފެނަށް އެލާޖިކު ވާކަން އެނގުނީ ކޮންމެ ދުވަހަކުވެސް ގައި ހިރުވާ އިސްތަށިތަކުގެ ބުޑަށް ތަދުވެ ރަތްވެފައި ހުންނާތީ ޑޮކްޓަރަށް ދެއްކުމުންނެވެ. އެއާއި އެކު ޑޮކްޓަރުންގެ ލަފައަކަށްވީ ޓެއްސާ ސީދާ ފެނުން ފެން ނުވެރުމަށެވެ. ނަމަވެސް އޭގެ ފަހުން ބައެއް ފަހަރުފަހަރަށް ފެންވަރާކަމަށް ވެއެވެ. ޓެއްސާ ގެ ނަސީބަކީ ފެން ބުއިމުން އެލާޖިކު ނުވާކަމެވެ. ފެނަށް އެލާޖިކުވަނީ އޭނާގެ ހަންގަނޑެވެ. ފެން ބޯއިރު ތުންފަތުގައިވެސް ފެން ޖެހޭނަމަ ކޮންމެވެސް ވަރެއްގެ ހިރުވުމެއް ހުންނަ ކަމަށް ޓެއްސާ ވަނީ ޑޮކްޓަރުންނަށް ކިޔައިދީފައެވެ. 

އެކިކަހަލަ ފެނުގައި އެލާޖިކްވާ މިންވަރު ތަފާތުކަމަށާއި އެހެންކަމުން އެންމެ ކުޑަކޮށް އެލާޖިކްވާ ފެނަކުން ދޭތެރެ ދޭތެރިން އޭނާ ފެންވަރާ ކަމަށާއި އަދި ގަވައިދުން ބޭސް ބޭނުންކުރާ ކަމަށްވެސް މީޑިއާ ރިޕޯޓުތަކުގައި ވެއެވެ. އެގޮތަށް އެތައް އަހަރެއް ފާއިތުވުމަށްފަހު، ޓެއްސާގެ އުމުރުން 25 އަހަރުގައި މިއަދު، އޭނާ ފެންވަރައިފި ނަމަ ބޮލުން ލޭ އާދެއެވެ. މިކަން މެދުވެރިވަނީ އިސްތަށިތަކުގެ ބުޑުން ކަމަށް ޑޮކްޓަރުން ވަނީ ބުނެފައެވެ.

އެއާއި އެކު މިހާރު ޑޮކްޓަރުން ޓެއްސާއަށް ލަފާދީފައިވަނީ އެއްގޮތަކަށްވެސް ގައިގައި ފެން ނުޖެއްސުމަށެވެ. އެހެންކަމުން ދެން އޭނާއަށް އޮތީ ދަތި ދުވަސްތަކެކެވެ. ނަމަވެސް ޑޮކްޓަރުން އަންނަނީ މިކަމަށް ލުޔެއް ލިބޭނޭ ގޮތެއް އޮތްތޯ ބަލަމުންނެވެ.

 

ހަވާލާ: ޕީޕަލް 2023