އާދައިގެ މަތިން އޮފީހަށް ނުކުމެ ކޮފީއެއް ގިރާލައިގެން ސްޓޭޝަންގައި އިށީނީމެވެ. އޭރު ސޮއި ކުރަންޖެހޭ ވަގުތު ހަމަވީއެވެ. އެހެންނަމަވެސް، ހައިރާންކަމެއް ލިބުނީ އެއް ޑިޕާޓްމަންޓުގައި މަސައްކަތްކުރާ މުވައްޒަފަކު އޮފީހަށް ނުނިކުންނަކަން އެނގުމުންނެވެ. މިވީ ފަސް އަހަރު ތެރޭގައިވެސް މިއީ އޭނާ އޮފީހުން ނުފެންނަ ފުރަތަމަ ދުވަސްކަމަށްވުމުން ގުޅާލީމެވެ. "އާނ. މިއަދު މިއުޅެނީ ވަރަށް އެހެން ކަހަލަ ކަމެއް ދިމާވެގެން. މަންޖެ ރޭގަ މަށާ ރުޅިވެގެން. އެހެންވެ ދާހިތް ނުވީ. އެހެންވެ 'ސިކެއް' ޖަހައިލީ" ކަމަށް އެ އެކުވެރިޔާ ބުންޏެވެ. އެކުވެރިޔާ ސިކް ލީވްއެއް ނެގީއެވެ. އެކަމަކު ބަލިވެގެނެއް ނޫނެވެ. 

ވަޒީފާގެ މާހައުލުގައި މުވައްޒަފުންނަށް ކަށަވަރުވާ ޗުއްޓީތަކުގެ ތެރެއިން އެއް ޗުއްޓީއަކީ، ބަލިވެގެން ނެގުމަށް އިންނަ 30 ދުވަހުގެ ސަލާމް ޗުއްޓީއެވެ. ނުވަތަ "ސިކް ލީވް"އެވެ. އެއީ އަހަރެއްގެ މައްޗަށް އެކި ދުވަސްމަތިން ނެގޭ ގޮތަށް ވަޒީފާއާއިބެހޭ ޤާނޫނުން މުވައްޒަފުންނަށް ކަށަވަރުކޮށްފައިވާ ވީއްލުމެކެވެ. އެހެންނަމަވެސް، އަދުގެ ޒުވާނުންގެ ނަޒަރުގައި މިދެންނެވި 'ސިކް ލީވް' ނުވަތަ ސަލާމުގެ 30 ދުވަހަކުން އަދި ނުވާނެއެވެ. 'ނޯ މޫޑް ލީވް' ވެސް މިހާރު ނެގެން ޖެހޭނެއެވެ. 

ހެނދުނު ހޭލާއިރު މީހާގެ 'މޫޑު' ހުންނަ ގޮތުންވެސް ސަލާމް ބުނެލަނީއެވެ. ގޭގައި ދެމީހަކު ޒުވާބު ކޮށްލިޔަސް، ގޭމް ގަނޑެއް ޖަހާލަން ވިޔަސް، ކިރިޔާ ބޮލެއްގައި ރިއްސާލިޔަސް އޮފީހަށް ސަލާމެކެވެ. އަދި ކީއްހެއްޔެވެ؟ ކޯސްތަކުގައި ކިޔަވާ ކުދިންގެ ތެރެއިން ބައެއް ކުދިން، އެސައިމެންޓްތައް ނުނިމިގެންވެސް އެންމެ އަވަހަށް ކޮށްލާ އެއްކަމަކީ، އޮފީހަށް ނުނިކުމެ ސަލާމް ބުނެލުމެވެ. މި ދެންނެވި 'ކޫސަނި' ސަބަބުތަކަށް ސަލާމް ބުނެބުނެ އަހަރުގެ މެދުތެރެއަށްދާއިރު، ސަލާމް ޗުއްޓީގެ ގޮތުގައި އެކައްޗެއްވެސް ބާކީ ނޯވެއެވެ.

ދިވެހިރާއްޖޭގައި އާންމުކޮށް ނެގޭ ޗުއްޓީތަކުގެ ތެރޭގައި ހިމެނެނީ އަހަރީ ޗުއްޓީ، އާއިލީ ޒިންމާގެ ޗުއްޓީ، ޚިތާނުކުރުމުން ލިބޭ ޗުއްޓީ، ދަރިއެއް ލިބިގެން ދޭ ޗުއްޓީ، ވިހައިގެން ލިބޭ ޗުއްޓީ، އާއިލާ މީހަކު ނިޔާވެގެން ނެގޭ ޗުއްޓީ، މުސާރަ ނުލިބޭ ގޮތަށް ނެގޭ ޗުއްޓީ، އާއި ސަލާމްގެ ޗުއްޓީއެވެ. އެހެންނަމަވެސް، ބައެއް ގައުމުތަކުގައި މި ޗުއްޓީގެ އިތުރަށް އެކި ނަންނަމުގައި ޗުއްޓީތައް ދެއެވެ. މިސާލަކަށް އަރާމުކޮށްލަން ނުވަތަ ރެސްޓް ކޮށްލަން އެމެރިކާ އަދި އިނގިރޭސިވިލާތުގައި ދެވޭ 'ޑުއެޓް ލީވް" އަކީ، ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުމަށް މުވައްޒަފުންނަށް ނެގޭ ގޮތަށް އިންނަ ޗުއްޓީ ދުވަހެކެވެ. ބައެއް ގައުމުތަކުގައި ކައިވެނިކުރުމަށް 'މެރިއޭޖް ލީވް' ނެގެއެވެ. އަދި ނިއުޒީލެންޑުގައި 'ވިކްޓިމްސް ލީވް' ގެ ގޮތުގައި އިތުރު 10 ދުވަސް ނެގޭ ގޮތަށް އޮވެއެވެ. އެއީ ޖިންސީ ފުރައްސާރައާއި، ގޭތެރޭގެ ހަމަނުޖެހުމާއި، ދިމާކުރުންކަހަލަ ކަމެއް ދިމާވެއްޖެނަމަ ނެގޭ ގޮތަށް އޮންނަ ޗުއްޓީއެކެވެ.

ދެން އުފެދޭ ސުވާލަކީ، އިތުރު ނަންނަމުގައި ޗުއްޓީތަކެއް އުފަން ކުރުވައިގެން ވެސް މުވައްޒަފުން ބޭކާރު ގޮތުގައި ސަލާމްބުނުން ހުއްޓުވިދާނެތޯ ކުރެވޭ ސުވާލެވެ. ގިނަ ފަހަރު ސަލާމް ބުނަނީ ވަޒީފާގެ މުހިންމުކަމާއި އެކަމަށް ދޭންޖެހޭ އަހަންމިއްޔަތުކަން ނުވިސްނޭތީކަމަށް ޤަބޫލުކުރެވެއެވެ. އަދި އެކަން ކުރުމުގައި ދޮށީ މީހުންނަށްވުރެ އަރަމުން އަންނަ ޒުވާނުން ނުވަތަ އަލަށް ވަޒީފާތަކަށް ނުކުންނަ ކުދިން އުޅެނީ ކުރީގައެވެ. މިކަން ހަމަމަގަށް އެޅުވުމުގައި ގިނަ އޮފީސްތައް ވަނީ ނުކުޅެދިފައެވެ.