ކަރަންޓު ބޭނުންކުރާ މިންވަރު ދަށްކުުރުމުން ހަމައެކަނި ލުއި ފަސޭހަތައް ލިބެނީ އެ ގެއަކަށް ނުވަތަ އެ ތަނަކަށް އެކަންޏެއް ނޫނެވެ. ކަރަންޓު ބޭނުންކުރާ މިންވަރު މަދުކުރުމުން އޭގެ ސަބަބުން ޖައްވު ހޫނުވުން ހުއްޓުވުމަށް އެހީތެރިވެދިނުމާއި، ކަރަންޓް ބިލުން އެތައް ތަނެއް ކުޑަކުރުމަށް އެހީވެދެއެވެ. އެގޮތުން، އާއްމު ދިރިއުޅުމުގެ ބައެއް އާދަތަކަށް ބަދަލު ގެނައުމަކީ ވެސް އެކަމަށް އެހިވެދޭނެ ކަންކަމެވެ.

ތިރީގައި މިގެނެސްދެނީ ކަރަންޓު ބޭނުންކުރާ މިންވަރު ދަށްކޮށް، ބިލަށް ހެޔޮ ބަދަލެއް ގެނައުމަށް ކުރެވޭނެ ބައެއް ކަންތައްތަކެވެ. 

-ދުވާލުގެ ވަގުތުގައި ޤުދުރަތީ އަލިކަން ގޭތެރެ ނުވަތަ އެތަނަކަށް ވަނުމަށް ފަރުދާތައް ކަހާލައި، ދޮރުތައް ހުޅުވައިގެން، ކަރަންޓު ލައިޓް ބޭނުންކުރުން މަދުކުރުން.

-އާއްމުކޮށް ބޭނުންކުރާ ބޮކި، ހޮޅިބުރި އަދި ލައިޓް ފަދަ ތަކެތީގެ ބަދަލުގައި ސީއެފްއެލް ނޫނީ އެލްއީޑީ ބޮކި ބޭނުންކުރުން.

-ކަރަންޓު އާލާތްތައް ބޭނުންނުކުރާ ވަގުތުތަކުގައި ނިއްވާލައިފައި ބެހެއްޓުން.

އެގޮތުން، ޓީވީ، ކޮމްޕިއުޓަރު، ފޯން ޗާޖަރު، ކޭބަލް ޑިކޯޑަރު އަދި އިންޓަނެޓް މޮޑެމް ފަދަ ތަކެތި ގޭގައި ނޫޅޭ ވަގުތުގައި ނިއްވާލައިފައި ބެހެއްޓުން.

-ފުރިޖު ފަދަ ތަކެތި ގިނަވަގުތު ހުޅުވާފައި ހުންނަނަމަ ހަކަތަ ބޭނުންކުރާ މިންވަރު އިތުރުވާނެ، ވީމާ ވީހާވެސް އަވަހަށް ފުރިޖުގެ ދޮރު ލެއްޕުން.

-ބޭނުންކުރާތާ ގިނަ ދުވަސްވެފައިވާ ކަރަންޓު އާލާތްތަކުގެ ބަދަލުގައި އެނާޖީ ސޭވިން މޮޑެލްގެ އާލާތްތައް ބޭނުންކުރުން.

-އޭސީ ފަދަ ތަކެތި ވީހާވެސް މަދުން ބޭނުންކުރުން، ހާއްސަކޮށް ފިނި ދުވަސްވަރު އޭގެއަށް ބަރޯސާވާ މިންވަރު މަދުކުރުން. ނުވަތަ އޭގެ ފިނި މާގަދަ ނުކުރުން. އޭސީ ޖައްސާފައި ހުންނަ ވަގުތުގައި ދޮރާއި، ކުޑަދޮރު ލައްޕާފައި ހުރިކަން ޔަގީންކުރުން.

-ފެން ހޫނު ކުރަން ބޭނުން ކުރާ ޖަގާއި ހީޓަރު ފަދަ ތަކެތި ބޭނުންކުރުމުގައި އެވަގުތަކު ބޭނުންވާ މިންވަރަކަށް އެކަށީގެންވާ ވަރަށް ފެން އަޅައިގެން ބޭނުންކުރުން.

-ފޭރާން ދޮވުމަށްފަހު ހިއްކުމަށް ޑްރަޔާއެއް ބޭނުންކުރުމުގެ ބަދަލުގައި ވީހާވެސް ގިނައިން އަވިން ހިއްކުން.

-ކޮންމެ ދުވަހަކު އިސްތިރި ކުރުމުގެ ބަދަލުގައި ހަފްތާއަކު ވަކި ދުވަސްތަކެއްގައި އިސްތިރިކުރުން.

ކަރަންޓު ބޭނުންކުރާ މިންވަރު މަދުކޮށް، ޑީސަލް އިންޖީނަށް ބަރޯސާވާ މިންވަރު މަދުކުރުމަކީ ތިމާވެށި ހިމާޔަތްކުރުމުގެ އިތުރުން އަމިއްލަ ޖީބަށް ވެސް ލުއި ހޯދޭނެ ކަމެކެވެ. އެގޮތުން، ދެމެހެއްޓެނިވި ގޮތެއްގައި ކަރަންޓް ބޭނުންކުރާ މިންވަރު މަދުކުރުމަށް އޮތް އެންމެ މޮޅު ގޮތަކީ އިޔާދަކުރަނިވި ހަކަތައިން އުފައްދާ ކަރަންޓު ބޭނުންކުރުމެވެ.