އަހަރުމެންގެ ތެރެއިން ގިނަބަޔަކު އެކިއެކި ކޯސްތައް ދަނީ ހަދަމުންނެވެ. ކޯހުގެ އެއް ބަޔަކީ ކިޔަވައިދޭ ބައިތަކުންދޭ އެސައިމަންޓްތަކެވެ. ކޮންމެ ކޯހެއް ފެށޭއިރު، އަދި ކޮންމެ ސެމެސްޓަރއެއް ފެށޭއިރު، އެ ސެމެސްޓަރގައި ކިޔަވައިދޭނެ ބައިތަކާއެކު، އެ ސެމެސްޓަރގައި ނަގާނެ ޓެސްޓްތަކާއި، ހަދަން ޖެހޭ ޓިއުޓޯރިއަލްތަކާއި އެސައިމެންޓްތަކުގެ މަޢުލޫމާތުދެއެވެ. އެބައިތަކަށް ކަނޑައެޅިފައިވާ މާރކްސްތަކާއި ނިންމަންޖެހޭ މުއްދަތުތަކާއެކުގައެވެ. ނަމަވެސް، ގިނަ ދަރިވަރުންގެ އެންމެ ބޮޑު ފިކުރަކަށްވަނީ އަދި އެންމެ ބޮޑު ބޮލުގެ ރިހުމަކަށްވަނީ، ނިންމަންޖެހޭ ދުވަހަށް އެސައިމަންޓްތައް ނުނިންމިދާނެތީއެވެ. އެކަމާ ކަންބޮޑުވެ ހާސްވާ ކުދިން ވަރަށް ގިނައެވެ. ފަހުވަގުތު ނިދި ނަގާލާފައި އެސައިމެންޓްތައް ހަދަން ތިބޭ ކުދިން ވަރަށް ގިނައެވެ. ބައެއް ކުދިން ވިސްނާވިސްނާ ބޯ ގޮއްވައެވެ. އެހެން މީހުންނަށް އަގުދީގެންވެސް ބައެއް ކުދިން ފަހުވަގުތު ނިންމައެވެ. ފަހުގެ އީޖާދީ ވިސްނުންތައް ބޭނުންކޮށްގެން އެކަން ކުރާ ކުދިންވެސް ވަރަށް ގިނައެވެ. ނަމަވެސް، އެސައިމަންޓްތައް ކަރުނަޔާނުލާ ނިންމާލެވިދާނެ ފަސޭހަ ގޮތްތަކެއް އެބަ ހުއްޓެވެ.

ގިނަ ފަހަރު އެސައިމަންޓްތައް ހަވާލުކުރާނީ، އޭގައި ހިމަނަންޖެހޭ ބައިތައް ކިޔަވައިދިނުމުގެ ކުރިންނެވެ. ގިނަ ކުދިން ފަހު ވަގުތަށް އެސައިމެންޓްތައް ބަހައްޓަނީވެސް މި ސަބަބަށްޓަކައެވެ. ނަމަވެސް، އެސައިމެންޓް ހަވާލުކުރުމުން އެންމެ ފުރަތަމަ ކަމަކަށް، އެ އެސައިމަންޓް ރަނގަޅަށް ކިޔާލާށެވެ. އޭގައި ހިމަނަންޖެހޭ ބައިތައް ނޯޓުކުރާށެވެ. އޭރުން ކިޔަވައިދެމުންދާއިރު، އެސައިމެންޓަށް ބޭނުންވާ މަޢުލޫމާތު ނެގުމަށް ފަސޭހަވާނެއެވެ. އަދި ކިޔަވައިދެމުންދާއިރު، އެސައިމެންޓާ ގުޅުންހުރި ބައިތައް އައުމުން، އެ ބައިތައް ވަކި ފައިލެއްގައި ނޯޓުކުރަމުން ގެންދާށެވެ. ލިބޭ ހުރިހާ މަޢުލޫމާތެއް އެއްކުރަމުން ގެންދާށެވެ. ކޮށާ މަށާނީ ފަހުންނެވެ.

ދެވަނަ ކަމަކަށް، އެސައިމެންޓަށް ބޭނުންވާ މަޢުލޫމާތުގެ ބޮޑުބައި ކިޔަވައިދިނުމުން، އެކަން ކުރާނެ ތާވަލެއް ރާވާލާށެވެ. އެސައިމެންޓުގެ މުއްދަތު ހަމަވާ ތާރީޚްގެ ކުރިޔަށް ނިމޭވަރަށް އެކިއެކި ކަންކަން ރާވާލާށެވެ. މިސާލަކަށް ބާކީ އެއް މަސްދުވަސް އޮތްކަމަށްވާނަމަ، ބޭނުންވާ މަޢުލޫމާތު އެއްކުރުމަށް ވަކި މުއްދަތެއް، ލިޔުމަށް ވަކި މުއްދަތެއް، ބޭނުންވާ ރިފަރެންސް ހޯދުމަށް ވަކި މުއްދަތެއް އެނގޭ ގޮތަށް ތާވަލެއް އެކުލަވާލާށެވެ. މި ތާވަލު ހަދާއިރު، އެކަށީގެންވާ މުއްދަތުތަކެއްލުން ވަރަށް މުހިންމެވެ.

ތިންވަނަ ކަމަކަށް، މާ ބޮޑަށް ހާސްވެ ފިކުރު ނުކުރާށެވެ. ހަމަޖެހިލައިގެން ކުރާ މަސައްކަތް ތެޅިގަނެގެން ކުރާ މަސައްކަތަކަށްވުރެ ހާސްގުނަ ފުރިހަމަވާނެއެވެ. ކުރިން ދެންނެވި ގޮތަށް ތާވަލުގައި އޮތް ގޮތަށް ކުރިޔަށް ނުދިޔަ ނަމަވެސް، ވިސްނާ ވިސްނާ ބޯ ހަލާކު ކޮށްލުމަށްވުރެ، ޖެހިގެން އަންނަ ދުވަހު، ނިމުނު ދުވަހަށްވުރެ ރަނގަޅަށް އެކަމަށް ވަގުތު ހޭދަކުރާނެކަމަށް އަޒުމް ކަނޑައަޅައި މަސައްކަތްކުރާށެވެ.

އެންމެ ފުރިހަމައަށް މަސައްކަތް ނުނިމިދާނެއެވެ. އެސައިމެންޓަށް ފުރިހަމަ މާރކްސް ލިބޭނެކަމަށް އުއްމީދު ނުކުރާށެވެ. އެހެންނަމަވެސް، އޭގެ މާނައަކީ އެއްޗަކަށް އެއްޗެއް ހަދާފައި ސަބްމިޓްކޮށްލުމެއް ނޫނެވެ. ލިބިފައިވާ ވަގުތާއި، މަޢުލޫމާތާއި އަމިއްލައަށް ހެދި ތާވަލަށް ބަލާފައި ފުރަތަމަ ނިންމާށެވެ. ބަސްހަމަކުރަން އިހަށް ނުވިސްނާށެވެ. ފުރަތަމަ ނިންމާ އެއްޗަކީ، ދެވަނަ ފަހަރަށް ކިޔައިލުމުން، އެތައް މައްސަލަތަކެއް ފާހަގަވާނޭ އެއްޗެކެވެ. އެހެންކަމުން ނިންމާފައި، ދެވަނަ އަދި ތިންވަނަ ފަހަރަށްވެސް، އަދި ވަގުތު އޮވެއްޖެނަމަ، އެއަށްވުރެ ގިނައިންވެސް، އިސްލާޙު ގެންނާންވީއެވެ. 

ތިމާ އަމިއްލައަށް ލިޔާ އެއްޗެއް އަމިއްލައަށް ކިތަންމެ ވަރަކަށް ކިޔަސް، ކުށެއް ނުފެނި ހިނގައިދާނެއެވެ. އެހެންކަމުން، އެހެން މީހަކު ލައްވާ އެ އެސައިމެންޓް ކިޔާލެވޭހައި ވަގުތު އޮއްވާ މަސައްކަތް ނިންމާލެވޭތޯ ބަލާށެވެ. ނިންމުމަށްފަހު، ކުރިން އެ ކޯސް ހެދި ކުއްޖަކު ލައްވާ، ނުވަތަ ކިޔަވައިދޭ މުދައްރިސް ލައްވާ އެސައިމެންޓް ޗެކު ކޮށްލެވިދާނެއެވެ. 

މާބޮޑަށް އެހެން މީހުންނަށް ބަރޯސާ ނުވުމަކީވެސް މުހިންމުކަމެކެވެ. މިސާލަކަށް، މަޢުލޫމާތު ހޯދުމާއި، ކުށްފިލުވުމާއި، އެސައިމެންޓް ބައިބައި އަތުރާލުމުގައި އެހެން މީހެއްގެ އެހީތެރިކަން ބޭނުންވެދާނެއެވެ. ނަމަވެސް، އެ ހާލަތުގައިވެސް، އެހެން މީހުންނަށް މާބޮޑަށް ބަރޯސާ ވެއްޖެނަމަ، ތާވަލާއި އެއްގޮތަށް ނުދިޔުމަކީ، އެކަށީގެންވާކަމެކެވެ. 

އެކަކަށްވުރެ ގިނަ މީހުންގެ ޚިޔާލު ހޯދުމަކީ، ނުވަތަ ކުރިން ހަދާފައި ހުންނަ އެސައިމެންޓްތައް ބަލައިގެން އެކަން ކުރަން އުޅުމަކީ، ގިނަ ފަހަރު ވަރަށް ލަނޑު ލިބޭ ކަމެކެވެ. އެކި މީހުންގެ ޚިޔާލު ތަފާތުވާނެއެވެ. ލިޔުމުގެ ވައްޓަފާޅިވެސް ތަފާތުވާނެއެވެ. މުޅި ސްޓައިލް އެއްކޮށް ނަކަލުކުރުމަށްވުރެ، ޚިޔާލު ނެގުމަށްފަހު އަމިއްލައަށް އެސައިމެންޓް ރާވާލުމަކީ އެންމެ ބުއްދިވެރިގޮތެވެ.

މިކަންކަން ކޮށްލެވިއްޖެނަމަ، އެސައިމެންޓެއް ހަދައިލުމަކީ އުނދަގޫކަމެއް ނޫނެވެ. އަދި ކަރުނަޔާ ނުލައި އެސައިމެންޓެއް ހަދާލުމަކީ ނުހަނު ފަސޭހަ ކަމަކަށް ވެގެންދާނެކަން ޔަޤީނެވެ.