އަބަދުވެސް އަޑުއިވެނީ ޖިންނި ސައިތާނުން އަވަލާ ވާހަކައެވެ. އެއީ އިހުންސުރެ އަދާ ޖެހެންދެން އަބަދުވެސް ދެކެވޭ ވާހަކައެކެވެ. ޖިންނީންނަކީ އިންސާނުން ފަދައިން މި ކާއިނާތުގައި ލައްވާފައިވާ މަޙުލޫގަކަށްވާއިރު، އެއިން އެއްޗަކަށް ކޮންމެވެސް ކަހަލަ ގޯނާއެއް، އެނގުމާއި ނޭނގުމުގެ ތެރެއިން އިންސާނާގެ ފުށުން ކުރެވުމުން އިންސާނާއާއި ވައިހިއްޕާލައެވެ. އަވަލައެވެ. ތަފާތު ގޯނާތައް އިންސާނާއަށް ކުރުވައެވެ. އޭގެ ސަބަބުން އެ އިންސާނާ ބަލިކޮށްލުމާއި، ތަޙައްމަލުކުރަންދަތި ކިތަންމެ ވޭނެއް ޖައްސުވައެވެ. ފުރާނައަށާއި މުދަލަށް ގެއްލުންދެއެވެ. އަދި އެކަމުން ސަލާމަތްވުމަށް ޖިންނީންގެ އުނދަގޫ ޖެހޭ މީހުން ބޮޑެތި ތަކުލީފުތައް އުފުލަންޖެހެއެވެ. އެތައް ކަމެއް ތަޙައްމަލުކުރަންޖެހެއެވެ. 

މި ދެންނެވުނީ އިންސާނަކާއި ޖިންނީން އަވަލީމާ އުޅެންޖެހޭ ގޮތުގެ ވާހަކައެވެ. ދައްކަން މިއުޅެނީ އިންސާނަކު އަވަލުމުގެ ވާހަކައެވެ. ސުވާލަކީ އިންސާނުންނަކީ އަވަލާ ބައެއް ހެއްޔެވެ؟ އަވަލީމާ ވަނީ ކިހިނެއް ހެއްޔެވެ؟ އަވަލަނީ ކީއްވެ ހެއްޔެވެ؟

ދިވެހި ބަސްފޮތުގައި 'އަވަލުން' މި ބަހުގައި ދެ މާނައެއް ހިމަނާފައިވެއެވެ. ފުރަތަމަ މާނައަކީ، "ޝަހުވާނީ އެދުމުގައި އަޅައިގަނެގެން އުޅުމެވެ". ދެވަނަ މާނައަކީ "ދޯޅުވުމެވެ". މި ދެ މާނައަށް ވިސްނާއިރު، އިންސާނުން އިންސާނުންނާ އަވަލުމަކީ ވާކަމެއްކަން އެބަ އެނގެއެވެ. މިސާލަކަށް މީހަކަށް ހިތްދެވި މާބޮޑަށް އެކަމަށް ހުސްވާފަހުން، އެ މީހަކު ދޫކޮށް ދިޔައީމާވެސް ނެއްޓެން ނޭނގިގެން ދުރަށް ނުދެވި، އެ މީހެއްގެ ފަހަތުން އަބަދާއަބަދު މުގޯލި އަޅައި، ފާރަލައި، ޖެއްސުންކޮށް އަދި ނުވިތާކަށް ގެއްލުންދޭ ހިސާބަށް ވިސްނުން ދިޔައީމާ އެހުރީ އަވަލާފައިކަމަށް ބުނެވިދާނެ ނޫންހެއްޔެވެ؟

އެހެން މޭރުމަކުން ވިސްނާއިރު، އެކަކަށްވުރެ އަނެކަކު ކުރިއަރައި ދާތަން ފެނުނީމާ ހަސަދަވެރިވެ، އެމީހަކަށް ލިބޭ ފައިދާތައް ލިބުން ހުއްޓުވުމަށްޓަކައި ކުރެވުނުހައިކަމެއް ކޮށް، ޖެއްސުންކޮށް، މަލާމާތާއި ފުރައްސާރަކޮށް ގެއްލުންތައްދީ، ދިމާވާ ކޮންމެތާކުން ދިމާކޮށް ކުރާ ކޮންމެ ކަމަކަށް ހަޖޫޖަހައި، ކުރެވޭ އެއްވެސް ރަނގަޅުކަމެއް ނުފެންނަ ހިސާބަށް ދިޔައީމާ އެ ހުރީ އަވަލާފައޭ ނުބުނެވޭނެ ހެއްޔެވެ؟

ދެން އޮތީ މިހާރުގެ މީސްމީޑިއާއިން އަވަލުމުގެ ވާހަކައެވެ. ފޭސްބުކް، މެސެންޖަރ ނުވަތަ އެހެންވެސް މަންސަތަކުން ތިމާ ކޮންމެ ނިޔަތެއްގައި ޕޯސްޓެއް ކުރިޔަސް ނުވަތަ އެއްޗެއް ޙިއްޞާކުރިޔަސް އަވަލާފައި ތިބޭ މީހުން ފާޅުވާނެއެވެ. އެކުރި ޕޯސްޓަށް ރިއެކްޓްކުރާނެއެވެ. ޖެއްސުމަށް ކޮމެންޓްކޮށް ކޮމެންޓް ސެކްސަން ހަރާބުކޮށްލާނެއެވެ. ތިމާ ކިތަންމެ ރަނގަޅު ޕޯސްޓެއް ކުރިޔަސް މިބުނާ މީހުން ބަލައެއް ނުގަންނާނެއެވެ. ސިޔާސީ ފިކުރު ތަފާތުވުމަކީވެސް އިންސާނުން އަވަލާ އެއް ސަބަބެވެ. އެހެނީ އިދިކޮޅު ފިކުރު މީހެއްނަމަ، އެ ދެން ކަންތަކާ ޖެހުނީއެވެ.

ޖިންނީން އަވަލުމަށްވުރެ އިންސާނުން އަވަލީމާ މިހާރު މާ ގޯސްހެން ހީވެއެވެ. އެފަދަ މީހުންގެ ކިބައިން ސަލާމަތްވުމަށް އޮތް އެންމެ ފަސޭހަ މަގަކީ، އެމީހުންނާ ދުރުވެލުމެވެ. އެކި މަންސަތަކުން އެފަދަ މީހުން ފާހަގަކޮށް އެމީހުން 'ބުލޮކް' ކޮށްލެވިދާނެއެވެ. ބުލޮކް ކޮށްލަން ބޭނުން ނުވާނަމަ، އެމީހުންގެ ކޮމެންޓްތަކާއި ޕޯސްޓްތައް ނުފެންނަ ކަމަށް ހަދައިގެން އުޅުމެވެ.