ޖެންޑާ އީކުއިލިޓީ ނުވަތަ ޖިންސީ ހަމަހަމަ ކަމޭ ބުނީމަ އެއީ ކޯންޗެއްކަން ނޭނގޭ މީހަކު ނުހުންނާނޭ ބުނިޔަސް ދޮގަކަށް ނުވާނެއެވެ. ޖިންސީ ހަމަހަމަ ކަމަކީ ދެ ޖިންސުގެ މީހުންނައް ވެސް ހަމަހަމަކަމާއި އެއްވަރަކަށް ފުރުސަތު ދިނުމެވެ. ނަމަވެސް ގިނަ ފަހަރަށް ޖިންސީ ހަމަހަމަ ކަމޭ ބުނެވޭ ހިނދު މިދައްކަނީ ހަމަ އެކަނި އަންހެނުންނައް ލިބިފައިނުވާ ފުރުސަތު ނުވަތަ ރައްކާތެރި ކަމުގެ ވާހަކައެވެ.
ހަމައެގޮތައް ފިރިހެނުންނައް ވެސް ނުލިބޭ ރައްކާތެރިކަމާއި ހައްގުތައް ހުރެއެވެ. އެގޮތުން ދިވެހިރާއްޖޭ ގެ ވަޒީފާ ގެ ބާޒާރަށް ބެލިޔަސް ސޭލްސް ޕާރސަން އެއްވިޔަސް ކޭޝިއާރ އެއް ވިޔަސް ގިނަ ފަހަރަށް މި ފުރުސަތު މިލިބެނީ އަންހެން ކުދިންނަށެވެ. ފިރިހެންކުއްޖަކު ޖިންސީ އަނިޔާތަކާއި ކުރިމަތިލީ ވާހަކަ ބުނެފިނަމަ އެކަން ވެސް އެއީ ބޮޑު ޖޯކަކަށެވެ. އަންހެން ކުއްޖަކު އެކަހަލަ ކަމަކާއި ކުރިމަތިލައިފިނަމަ އެކަން ބޮޑުކަމަށް ވެގެން ދިޔުން ވެސް މީ ފިރިހެނުންނައް ޖެންޑާ އީކުއަލިޓީ ނުލިބޭކަމެކެވެ. އަންހެން ކުއްޖަކަށް އަނިޔާއެއް ލިބޭނަމަ އެކަމުން ސަލާމަތްކުރަން ކުރެވެން އޮތްހާކަމެއް މީހުން ކުރާއިރު ފިރިހެން ކުއްޖާއަށް އަނިޔާ ލިބޭއިރު ގިނަ މީހުން ތިބޭނީ ފޯނު ހިފަހައްޓައިގެން ވީޑިޔޯ ކުރާށެވެ. ނުވަތަ އެކަމާ އެފިރިހެން ކުއްޖާއާއި ދިމާލަށް މަލާމަތް ކުރާށެވެ. މިކަން ވެސް މީ ފިރިހެނުންނަށް ކުރިމަތިވާވަރަށް ބޮޑު ނާއިންސާފީއެކެވެ. "ފިރިހެން ކުދިން ނުރޯނޭ"، "ފިރިހެންނުން ހިންދީ ފިލްމެއް ނުބަލަނާނޭ، ލޯބި ގެ ވާހަކައެއް ނުކިޔާނެ" "ފިރިހެނުންނަކަށް ތަދެއް ނުވާނެ" މީ ހަމަ އަޅުގަނޑުމެން ކުޑައިރު އަޑުއަހާފަ ހުރި އެއްޗިއްސެވެ. ނަމަވެސް އަޅުގަނޑުގެ ސުވާލަކީ ފިރިހެން ކުދިން ނުރޯންވީ ފިރިހެންކުދިންނަކީ ހިތެއް ނުވަތަ އިހުސާސެއް ނެތް ބަޔަކީތޯއެވެ. އެކި ކުދިން ޝައުގުވެރިވާނީ އެކި ކަންކަމެވެ. އެހެނަސް ގިނަފަހަރަށް މިވާގޮތަކީ ވަކި ކަމަކީ އަންހެންކަމެއްކަމަށް މި އިންނަނީ މުޖުތަމައުއިން ކަނޑައަޅާފައިއެވެ. އަންހެން ކުއްޖެއް މާ ބޮޑަށް ފަލަ ވިޔަސް ނުވަތަ ހިކި ވިޔަސް ނުނީ ކަޅު ނުވަތަ ދޮންވިޔަސް އެ އަންހެން ކުއްޖާ އެހުރީ ހަމަ އެންމެ ރީތި ސިފައިގައެވެ. ނަމަވެސް ފިރިހެން ކުއްޖެއް ފަލަ ނުވަތަ ހިކި ނޫނީ ކަޅު ވެއްޖެނަމަ އޭނާއާއި ދިމާކުރުމަކީ ހަމަ ކުރަންޖެހޭ ކަމެއް ފަދައެވެ. މީގެ އިތުރުން އެތައްކަމަކުން ފިރިހެން ކުދިންނައް އީކުއިލިޓީ ލިބިފައިއެއް ނުވެއެވެ. ނަމަވެސް މައްސަލައަކީ މީހުން ދައްކަންނުޖެހޭ ނުވަތަ ނުދައްކާ ވާހަކައަށްވާތީއެވެ.
އަންހެން ކުދިން ފަދައިން ފިރިހެން ކުދިންނަށް ވެސް ބައެއް ފަހަރު އެމީހުންނަށް ލިބިދޭން ޖެހޭ ހައްގު ނުލިބިހުރެއެވެ. އެހެންވުމުން ހަމައެކަނި އަންހެނުންނައް ނުލިބޭ ހަމަހަމަކަމުގެ ވާހަކަ ނުދައްކާ ދެޖިންސައް ވެސް ނުލިބޭ ރައްކާތެރިކަމުގެ ވާހަކަ ދެއްކުން ކިހިނެތް ވާނެތޯއެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން