ގެއިން ބޭރަށް ނިކުމެއްޖެނަމަ އަންހެނުން އެކަނބަލުންގެ ސަލާމަތާއި ރައްކާތެރިކަމަށް އިތުރަށް ބަލަން ޖެހެއެވެ. ޚާއްސަކޮށް ނުދަންނަ ފިހާރަތަކަށް ވަދެ، އަންނައުނު ހެޔޮވަރުކުރުމަށް ޓްރަޔަލް ރޫމް ބޭނުން ކުރުމުގައި ވަރަށް ބޮޑަށް ބަލަން ޖެހެއެވެ. ރާއްޖޭގައި މިކަން އާންމު ނޫން ނަމަވެސް ބަލައިގެން އުޅުމަކީ ބުއްދިވެރިކަމެކެވެ. މިކަން އާދައަކަށް ވެއްޖެނަމަ ރާއްޖެއިން ބޭރަށް ވިޔަފާރި ދަތުރުކުރައްވާ ފަރާތްތަކަށް ވެސް ރައްކާތެރިކަން ލިބޭނެއެވެ. ދެރަ އެއް ލިބުމުގެ ކުރިން އެކަމާ މެދު ސަމާލުވެ ހުރުން މުހިންމެވެ. ޓްރަޔަލް ރޫމްތަކުގައި ހަރުކޮށްފައި ހުންނަ ކެމެރާތަކަށް އެރުމުން، އެކަން ފޮރުވުމުގެ ގޮތުން ފައިސާއާއިއ އެހެނިހެން ކަންކަން ފުއްދައިދޭން މަޖުބޫރުކުރުވުން މިއީ އަޅުގަނޑުމެން އަޑުއަހާ ވާހަކަ ތަކެވެ. އެހެންކަމުން މިއަދު މި ބަލާލަނީ ޓްރަޔަލް ރޫމް ބޭނުން ކުރުމުގައި ސަމާލުކަން ދޭންވީ ބައެއް ކަންކަމަށެވެ.

1.       ފޯނު ބޭނުން ކުރާށެވެ. އާންމުގޮތެއްގައި ސިއްރު ކެމެރާއެއް ހަރުކޮށްފައި ހުންނަތަނެއްގައި ފޯނުގެ ސިގްނަލް ކެނޑޭނެއެވެ. އެހެންކަމުން ފިހާރައިގައި ތިބޭ މީހުނަށް ޝައްކު ނުވާނޭހެން ކޮންމެވެސް މީހަކާ ފޯނުން ގުޅޭތޯ  މަސައްކަތް ކުރާށެވެ. ގުޅިއްޖެ ނަމަ ރަގަޅެވެ. ނުގުޅޭނަމަ ޓްރަޔަލް ރޫމް ބޭނުން ނުކުރާށެވެ. ފޯން ނުގުޅުނީ އެތަނުގައި ހަރުކޮށްފައިވާ ސިއްރު ކެމެރާގެ ފައިބަރ އޮޕްޓިކްސްގެ ސަބަބުން މޮބައިލްއަށް ސިގްނަލް ނުލިބިގެން ކަމަށްވުން އެކަށީގެންވެއެވެ.

2.       ބޮކިތައް ނިވާލާށެވެ. ކޮންމެ ކެމެރާއެއްގައިވެސް ކޮންމެވެސް ވަރެއްގެ އިންފްރާރެޑް އައްޔެއް ހުންނާނެއެވެ. އެއްކޮށް އަނދިރިވުމުން މިއަލި ފާހަގަ ކުރަން ފަސޭހަ ވާނެއެވެ. މިގޮތަށް ކެމެރާއެއް ހަރުކުރި ނަމަ އާންމުކޮށް އެކެމެރާއެއް ހުންނާނީ އަބަދުވެސް ކަރަންޓާއި ގުޅާފައެވެ. އެހެންކަމުން މިހެން ބަލައިގެން ކެމެރާގެ އަލިކަމެއް ފެނުން ގާތެވެ.

3.       ޓްރަޔަލް ރޫމްގައި މާ ސާމާނު ގިނަ ނަމަ އެކަމަށް ފަރުވާތެރިވާށެވެ. އާންމުކޮށް މިފަދަ ކެމެރާ ހަރުކުރުމަށް އެކި ފާޑުގެ ފޮށިގަނޑުބޭނުން ކޮށްފައި ހުރެއެވެ. ނަމަވެސް އާންމުކޮށް ޓްރަޔަލް ރޫމެއްގައި ހުންނަންވާ ވަރަށް ނުވަތަ އެހެން ބާވަތުގެ އެއްޗެހި އަޅާ ފުރާ ގުދަނަކަށް ހަދާފައިވާ ނަމަ އެތަނެއް ބޭނުން ނުކުރުން ބުއްދިވެރިއެވެ.

4.       ލޯގަނޑަށް ރަގަޅަށް ބަލާށެވެ. ޓްރަޔަލް ރޫމްތަކުގައި ހަރުކޮށްފައި ހުންނަ ކެމެރާ އެންމެ ގިނައިން ހުންނަނީ ލޯގަނޑުގެ ފުރަގަހުން ހަރުކޮށްފައެވެ. މިހެން ކެމެރާއެއް ހަރުކޮށްފައި ހުންނަ ނަމަ ލޯގަނޑުގައި އިނގިލީގެ ކުރި ޖައްސާލުމުން ކޮންމެވެސް ވަރެއްގެ ހުސް ޖާގައެއް އިންނަން ވާނެއެވެ. މިހެން ހުސްޖާގައެއް ނެތް ނަމަ އެތަނުގައި ގޯހެއް އުޅުން ގާތެވެ.

5.       ސެލްފީއެއް ނަގާށެވެ. ފޮރުވިފައި ހުންނަ ކެމެރާގެ އިންފްރާރެޑް ހަމަ ލޮލަށް ނުފެނުން ނަމަވެސް ކެމެރާގެ ލެންސަށް ވަރަށް ފަސޭހައިން އަރާނެއެވެ. އެހެންކަމުން ކެމެރާގައި މުޅި ރޫމް ވަށައިގެން ސްކޭން ކޮށްލާށެވެ. ކިތަންމެ ކުޑަ އަލިކަމެއް ހުއްޓަށް ބުއްދިވެރީ އެތަނެއް ބޭނުން ނުކުރުމެވެ.

މަތީގައިވާ ކަންކަމަކީ ހޮޓެލްތަކަށް ޗެކިން ވުމުގައާއި އާންމު ފާޚާނާތައް ބޭނުން ކުރުމުގައި ވެސް ސަމާލުކަން ދޭންވާ ކަންކަމެވެ.