ޖަންގިޔާ އާކުރަނީ ކިހާ އަވަސް އަވަހަކަށް ހެއްޔެވެ؟ މިއީ ކުރަން އުނދަގޫ، ޖަވާބުދޭން އަދި މާ އުނދަގޫ ސުވާލެކެވެ. ނަމަވެސް މިއީ މުހިންމު ސުވާލެކެވެ. ބައެއް މީހުން ގަބޫލުކުރާގޮތުގައި ޖަންގިޔާ ބަދަލު ކުރަންޖެހެނީ އޭގެ ބައްޓަން ގެއްލި، ލޯވަޅު އެޅި، އުނަގަނޑުގައި ހަރުނުލާވަރަށް ރަބަރު ދޫވުމުންނެވެ. ނަމަވެސް މިއީ ވަރަށް ނުރައްކާތެރި ވިސްނުމެކެވެ. ކިތަންމެ ރީތިކޮށް ދޮވެގެން ގެންގުޅުން ނަމަވެސް ގިނަ ދުވަސްވުމުން ފޮތީގައިވެސް ބެކްޓީރިޔާ އާލާވާނެއެވެ. އަދި މީގެ ސަބަބުން ކުޑަކަމުދާ ނިޒާމުގެ އިންފެކްޝަން ޖެހުމަކީ ގާތްކަމެކެވެ.

ތަޖުރިބާކާރުން ހާމަކުރާ ގޮތުގައި 12-6 މަސް ތެރޭގައި ޖަންގިޔާތައް ބަދަލު ކުރަންވާނެއެވެ. ކިތަންމެ ރީތިކޮށް ދޮވެގެންވެސް ގިނަ ދުވަހު ޖަންގިޔާ ބޭނުން ކުރުމަކީ ރައްކާތެރިކަމެއް ނޫނެވެ. ލޮލަށް ނުފެންނަ އެތައް ބެކްޓީރިއާއެއް ފޮތީގައި ހާލިހަދާނެއެވެ. ޖަންގިޔަލަކީ ނާޒުކު ގުނަވަންތަކުގެ ހަންގަނޑުގައި ޖެހިފައި ހުންނަ އެއްޗަކަށް ވެފައި އެހިސާބުގައި 10،000 ވުރެ ގިނަ ބެކްޓީރިޔާ ދިރިއުޅޭނެއެވެ. މީގެ ތެރޭގައި ބޭރަށް ހިންގާ، ނިއުމާނިޔާ ޖެހި ކުޑަކަމުދަ ނިޒާމްގެ އިންފެކްޝަނަށް މަގުފަހިވާ އީ- ކޮލީ ވެސް ހިމެނެއެވެ. ޖަންގިޔަލުގައި އުފެދޭ ބެކްޓީރިޔާގެ ތެރޭގައި ގެއްލުންދޭ ބެކްޓީރިޔާ މަދު ނަމަވެސް ގިނަ ދުވަސްވުމުން އެ ބެކްޓިރިޔާތަކުން ވެސް ގެއްލުން ލިބޭނެއެވެ. ގިނަ ދުވަހު ޖަންގިޔާ ދޮވެ ހިއްކުމުގެ ތެރޭގައި، ހިރަފުހުގައި އުޅޭ ބައެއް ބެކްޓީރިޔާވެސް އޭގައި ތަތްވާނެއެވެ. މީގެ ސަބަބުން ހަމުގައި ބިހިނަގާ އެލަރޖިކް ވުމުގެ ފުރުސަތުބޮޑެވެ.

ކިތަންމެ ގިނަ ޖަންގިޔާއެއް ގެންގުޅުނު ނަމަވެސް އަހަރު ދުވަސް ވުމުން ޖަނގިޔާތައް ބަދަލުކުރުމަށް ސިއްޙީ މާހިރުން އިރުޝާދުދެއެވެ. އަދި މަދު ޖަންގިޔާ ގެންގުޅެ، އަވަސް އަވަހަށް ރޯލް ކުރާނަމަ 6 މަސްވުމުން ބަލާލަން ކިތަންމެ ރީތިކޮށް ހުރި ނަމަވެސް އެވީ އާ ޖަންގިޔާ ހޯދާށެވެ. ޚާއްސަކޮށް ޖިމަށް ދިއުން ފަދަ ގިނައިން ދާހިއްލާ ކަންކަން ކުރުމަށް ޚާއްސަ ޖަންގިޔަލެއް ގެންގުޅޭނަމަ އެހެން ޖަންގިޔާތަކަށް ވުރެ އަވަހަށް ބަދަލު ކުރަންވާނެއެވެ.

ހަމަ މިގޮތަށް އެއްދުވަހަށް ވުރެ ގިނަ ވަގުތަށް އެއް ޖަންގިޔާ ލައިގެން ހުރުމަކީވެސް ރައްކާތެރިކަމެއް ނޫނެވެ. މީގެ ތެރޭގައި ފިރިހެނުން ލާ ދޫ ބޮކްސަރވެސް ހިމެނެއެވެ. ވަރަށް ގިނަ މީހުނަށް ތަޖުރިބާ ކުރެވިފައި ވެސް ހުރެދާނެއެވެ. ދެވަނަ ދުވަހާ ހަމައަށް އެ ޖަންގިޔާ ލައިގެން އުޅޭނަމަ ހަންގަނޑު ހިރުފަވާނެއެވެ. އެއީ އޭގައި އުފެދިފައި ހުންނަ ބެކްޓީރިޔާގެ ސަބަބުންނެވެ. މެޝިނުން ދޮވުމުގެ އިތުރުން މަހަކު އެއް ފަހަރު ކަހަލަ ގޮތަކަށް ހުރިހާ ޖަންގިޔާ ހޫނުފެނުން ދޮވުމަކީވެސް ލޮލަށް ނުފެންނަ ބެކްޓީރިޔާތައް މަދު ކުރުމަށް ކުރެވޭނެ ވަރަށް މުހިންމު ކަމެކެވެ. ހަމަ އެކަނި ޖަންގިޔަލެއް ނޫނެވެ. ހުސްމެޝިން ވެސް ހޫނުފެނުން ދޮވެލަން ވާނެއެވެ. އަންނައުނުގައި ހުންނަ މިފަދަ ބެކްޓީރިޔާ މެޝިންގައި ހަރުލާފައި ވެސް ހުންނާނެއެވެ.