އާންމު މީހަކު އެންމެ މަދުން ވެސް ވެސް ދުވާލަކު 30 މިނިޓް ފާޚާނާގައި ހޭދަކުރެއެވެ. ގައިން ތާހިރުވެ ނަލަވަނީ ވެސް ފާޚާނާގައެވެ. ނަމަވެސް މިކަމަށް ބޭނުންކުރާ ބައެއް ސާމާނު ފާޚާނާގައި ބެހެއްޓުމަކީ ރަގަޅު ކަމެއް ނޫނެވެ. މިގޮތަށް ބެހެއްޓޭ ބައެއް ތަކެތިން ސިއްޙަތަށް ގެއްލުންވާފަހަރުވެސް އާދެއެވެ. މިގޮތުން ކުރެވުނު ބައެއް ދިރާސާތަކަށްފަހު ފާޚާނާގައި ބަހައްޓަން ކަމުނުދާ ބައެއް ތަކެތި ސިއްޙީމާހިރުން ވަނީ ފާހަގަ ކޮށްފައެވެ. މިއަދު މި ބަލާލަނީ އެފަދަ ބައެއް ތަކެއްޗަށެވެ.

  1. މޭކަޕް ބުރުސް

މޭކަޕްކުރުމަށް ބޭނުންކުރާ ބުރުސް ގަވާއިދުން ދޮވެ ހިކި ތަނެއްގައި ބަހައްޓަންވާނެއެވެ. ބަހައްޓާނީ ބުރުހުގެ ހިފަހައްޓާބައި ތިރިއަށްވާ ގޮތަށް ދަޅެއް ކަހަލަ އެއްޗަކަށް އަޅާފައެވެ. ފާޚާނާގައި ބުރުސް ބަހައްޓާފައި ހުންނަނަމަ ބުރުހުގައި ބެކްޓީރިޔާ އާލާވާގޮތް ވާނެއެވެ. މިހެން ހުއްޓާ މޭކަޕް ކުރުމަށް ބޭނުންކުރުމުން އެ ބެކްޓިރިޔާތައް ހަމަށް ވާސިލްވެ ތަފާތު އެކި ހަމުގެ މައްސަލަތައް ކުރިމަތިވެދާނެއެވެ.

  1. ސެންޓު

ފާޚާނާގައި ސެންޓުފުޅި ބެހެއްޓުމުގެ ސަބަބުން އޭގައި ހިމެނޭ މޮލޮކިއުލަރ ސްޓްރަކްޗަރ އަށް ބަދަލުއައިސް އޭގެ ވަސް ތަފާތު ވާނެއެވެ. ފާޚާނާއިން ބޭރުގައި ކަބަޑެއް ނުވަތަ ވަތްގަނޑެއްގައި ސެންޓު ރައްކާކުރާށެވެ.

  1. ތުވާލި

ބޭނުންކޮށްފައި ހުންނަ ތުވާލި ފާޚާނާގައި ބެހެއްޓުމުން ތަތްމުޑުވަހެއް ދުވާކަން ފާހަގަ ކުރެވޭނެއެވެ. އެއީ ތުވާލީގައި އާލާވާ ބެކްޓީރިޔާގެ ސަބަބުންނެވެ. މިހެން ހުއްޓާ އަލުން މި ތުވާލި ބޭނުން ކުރުމުން އެ ބެކްޓީރިޔާ ހަމަށް ފޯރާނެއެވެ. ތުވާއްޔެއް ތިން ފަހަރު ބޭނުން ކުރުމަށްފަހު ރީތިކޮށް ދޮންނަން ވާނެއެވެ. އަދި ދެން އެތުވާލު ބޭނުން ކުރަން ވާނީ ރަގަޅަށް ހިއްކުމަށް ފަހުގައެވެ.

  1. ރޭޒަރ

ފާޚާނާގައި ރޭޒަރ ބަހައްޓާނަމަ އަވަހަށް އޭގައި ދަބަރު ޖަހާނެއެވެ. އަދި ދެން އެ ރޭޒަރ ބޭނުން ކުރުމުގެ ސަބަބުން ހަންގަނޑު ހަލާކުވާން މެދުވެރިވެދާނެއެވެ. ގިނަ ފަހަރަށް ބޭނުން ކުރެވޭ ރޭޒަރެއް ނަމަ ބޭނުންކޮށް ނިމުމުން ރީތިކޮށް ދޮވެ ހިއްކުމަށްފަހު ފަޚާނާއިން ބޭރު، ހިކި ތަނެއްގައި ރައްކާކުރާށެވެ.

  1. މޫނުގައި އުނގުޅާ ކްރީމް

މޫނުގައި އުނގުޅާ ކްރީމް ފާޚާނާގައި ބަހައްޓާއިރު އޭގެ މަތި ދޫވެފައި ހުރެއްޖެނަމަ މޫނު ހިރުވާ އަދި އެކްނޭ އުފެދެން މެދުވެރިވާ ބެކްޓީރިޔާގެ ހާއްޔަކަށް ވެދާނެއެވެ. އަދި ހޫނުފެނުން ފެންވަރާއިރު މުޅި ފާޚާނާއަށް އެވާ ހޫނުގެ ސަބަބުން ކްރީމްގައި ހުންނަ މާއްދާތައް ވަކިވެ ކްރީމްގެ ފެންވަރު ދަށްވާނެއެވެ. ފާޚާނާއިން ބޭރުގައި ހިކި ތަނެއްގެ ކަބަޑެއްގައި ނުވަތަ ފްރިޖްގައި މި ފަދަ ކްރީމް ބަހައްޓާށެވެ.

  1. ގަހަނާ

ކިތަންމެ އަވަހަށް ނަގަން ނަމަވެސް ފާޚާނާގައި ގަހަނާ ބަހައްޓާނަމަ އޭގެ ވިދުން ކެނޑި ބާވާނެއެވެ. ރަން ނޫން ކޮންމެ މައުދަނަކުން ހަދާފަ ހުއްޓަސް، ފާޚާނާގައި ބަހައްޓާނަމަ ގަހަނާގެ އުމުރު ކުރުވާނެއެވެ.

  1. ދަތްއުނގުޅާ ބުރުސް

ފާޚާނަ ތަށީގެ މަތި ނުލައްޕާ ފްލަޝް ކުރާނަމަ، އޭގައި ހުންނަ ބެކްޓީރިޔާ 15 ފޫޓު ދުރަށް ފެތުރިގެން ދާނެއެވެ. މިހެން ދާއިރު ދަތްއުނގުޅާ ބުރުހުގައިވެސް މި ބެކްޓީރިޔާތައް ހަރުލާނެއެވެ. އަދި ދެން އެދާނީ ސީދަ އަނގައަށެވެ. ޑޮކްޓަރުން އިރުޝާދުދެނީ ފާޚާނަތައްޓާ ވީ އެންމެ ދުރެއްގައި ހިކި ތަނެއްގައި ދަތްއުނގުޅާ ބުރުސް ބެހެއްޓުމަށެވެ.