އަޅުގަނޑުމެން އެންމެނަކީވެސް ދިރިއުޅުމުގައި އަބަދުވެސް ކޮންމެވެސް ކަމަކާއި ކުރިމަތިލަމުން އަންނަ ބައެކެވެ. “ދިރިއުޅުމަކީ ހަނގުރާމަ އެކޭ” ބުނެ އުޅެނީ މިހެންވެއެވެ. އެއްބަޔަކު ޒަވާޖީހަޔާތުގެ މައްސަލަތަކާއި ދަރީންގެ ކަންކަމާއި ކުރިމަތިލާއިރު، އަނެެއް ބަޔަކު ބޮޑު ބައްޔަކާ ހަނގުރާމަ ކުރަމުން ހިނގައިގޮސްދާނެއެވެ.

ޒަމާނުއްސުރެއް އަޅުގަނޑުމެން ދިވެހިންގެ ތެރޭގައި މީހަކު ގިނަ ދުވަސްކޮށްފައި ފެނުމުން “އޭ ތީނަ ހާދަ ފަލައޭ” ބުނާ އުސޫލުން، ބޮޑެތި ބަލިތަކާއި ކުރިމަތިލަމުން އަންނަ މީހުންނަށް އެބަލީގެ ނެގެޓިވް ވާހަކަތައް ކިޔައިދޭ މީހުންވެސް މަދެއް ނޫނެވެ. މީ ހިތާމަ ހުރި ކަމެކެވެ. މީހަކު ބޮޑު ބައްޔަކާއި ހަނގުރާމަ ކުރާނަމަ އެމީހަކަށް ދޭންވީ ހިތްވަރެވެ. އޯގާތެރި ކަމާއި ލޯތްބެވެ. އެެއްޗެއް ބުނަން ބޭނުންވާނަމަ ބުނެލަންވީ އަޑު އަހާލުމުން އެމީހާ އަށް ހިތްހަމަޖެހުން ލިބޭ ފަދަ އެއްޗެކެވެ. 

ބޮޑެތި ބަލިތައް ތަހަންމަލު ކުރަމުން އަންނަ މީހުންނަށް ލިބޭ އެންމެ ބޮޑު ހިތްވަރަކަށް ވާނީ ގާތް މީހުންގެ ސަޕޯޓެވެ. މިކަން މިހެން އޮތް ކަމުގައި ވިޔަސް ވެސް ބައެއް މީހުން ބަލިމީހާ އާއި ވާހަކަ ދައްކާ އިރު އެބަލި ޖެހިފައި ހުރި ދަންނަ އެހެން މީހަކަށް ދިމާވި ދެރަ ގޮތެއްގެ ވާހަކަ ކިޔައިދީފާނެއެވެ. މިކަހަލަ ވާހަކަތައް އިވުމުން ބަލި މީހާގެ ހިތްވަރު ގޮސް ބައްޔާ ދޭތެރޭ ދެކޭ ގޮތްބަދަލުވެއެވެ. ހަގީގަތަކީ އެއްވެސް ބައްޔެއްގައި ދެމީހަކަށް އެއް ގޮތެއް ނުވާނެއެވެ. އެކި މީހުންގެ ދިފާއީ ނިޒާމު ތަފާތުވާނެއެވެ. އެހެންކަމުން އެއް ބައްޔެއް ވިޔަސް ވެސް އެކި މީހުންގެ ހަށިގަނޑަށް އެ ބަލީގެ އަސަރު ކުރާ ގޮތް ތަފާތު ވެދާނެއެވެ. 

ގިނަ ފަހަރު ބަލި މީހުންނަށް އެ ބަލިޖެހިފައި ތިބޭ އެހެން މީހުންގެ ތަޖުރިބާ ކިޔައިދެނީ ރަނގަޅު ނިޔަތުގައެވެ. ނިޔަތް ކިތަންމެ ރަނގަޅު ކަމުގައި ވިޔަސް ވެސް މީގެ ސަބަބުން ބަލި މީހާއަށް ކޮށްފާނެ ނޭދެވޭ އަސަރަކަށް ވިސްނާފައިވީ އެހެން މީހުންގެ ތަޖުރިބާ ވީހާވެސް ހިއްސާ ނުކުރާށެވެ. ނޭނގި ނަމަވެސް މީގެ ސަބަބުން ބަލި މީހާގެ ނަފްސާނީ ދުޅަހެޔޮ ކަމަށް އަސަރުކޮށްފާނެތީއެވެ. ބޮޑު ބައްޔަކާއި ކުރިމަތިލައިގެން އުޅޭއިރު ބަލިމީހާގެ ވިސްނުން އެ ބައްޔާއި ދޭތެރޭގައި ހުންނަ ގޮތް ވަރަށް މުހިންމެވެ. މިއީ އަރައިގަނެވޭނެ ކަމެއް ކަމަށް ވިސްނުން ބަހައްޓަން ޖެހެއެވެ. އަދި މިހެން ވިސްނުމަށް ގާތްތިމާގެ މީހުންގެ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވާނެއެވެ. ގާތްމީހަކު ބޮޑު ބައްޔަކާއި ހަނގުރާމަ ކުރަމުން އަންނަ ނަމަ އެއީ އޭނާގެ އެކަނި އިމްތިހާނެއް ނޫނެވެ. ތިބާގެވެސް އިމްތިހާނެކެވެ. އެއީ ތިބާ އޭނާއާ ދޭތެރޭގައި ކަންތައް ކުރާ ގޮތާއި ތިބާގެ ކެތްތެރިކަމުގެ އިމްތިހާނެކެވެ. 

ބޮޑެތި ބަލިތައް ތަހަންމަލް ކުރަމުން އަންނަ މީހުންނާއި ވާހަކަ ދައްކާއިރު އެމީހުންނަށް ހިތްވަރުދޭށެވެ. އެމީހުންގެ އިހުސާސްތައް އަޑު އަހާލާނެ ކަންފަތެއް ދިއްކޮށްލާށެވެ. އަދި ވެވުނުގޮތަކަށް އެހީ ވެދޭނެ ކަމުގެ ޔަގީންކަން ދޭންވާނެއެވެ.

ކެންސަރާއި އެހެން ބޮޑެތި ބަލިތަކާއި ހަނގުރާމަ ކުރަމުން އަންނަ އަޅުގަނޑު މެންގެ ގާތް މީހުންނަށް އަވަސް ޝިފާއެއް މިންވަރު ކޮށްދެއްވުމަށާއި، އެމީހުންގެ ތަދާއި ވޭން ކުޑަކޮށް ދެއްވުމަށް އެދި ދުޢާ ކުރަމެވެ.