ކޮންމެ މަޔަކު ބަފަޔަކުވެސް އެބައެއްގެ ދަރިންނާއި ދޭތެރޭ ފޮނި ހުވަފެން ތަކެއް ދެކޭނެއެވެ. އެކުދިން ތަރިއެއް ފަދައިން ބަބުޅަލާތަން ދެކޭ ހިތް ނުވާނީ ފަހެ ކޮން މަޔަކު ބަފަޔަކުތޯއެވެ؟ ބަސްއަހާ، އަހްލާގު ރަނގަޅު، މޮޅެތި ކުދިންނަށް ހެދުމަށް މަސައްކަތް ކުރާނެއެވެ. އެންމެ ތުއްތު އިރުން ފެށިގެން އެ ހުވަފެން ތަކުގައި ކުލަ ޖެއްސުމަށް ފަށައިގަނެއެވެ. ދަރިންނަށް ލިބޭ ކޮންމެ ކާމިޔާބީއަކީ ޝައްކެއްވެސް ނެތް ގޮތުގައި މައިންބަފައިންނަށް ވެސް ލިބޭ ކާމިޔާބީއެކެވެ. މި ފޮނި ހުވަފެންތަކުގެ ތެރޭން ބައެއް ފަހަރު ދަރިންނަށް މާ ބޮޑަށް ޕްރެޝަރު ކުރެވޭތަން ވެސް އާދެއެވެ.

މިޒަމާނުގައި ތުއްތު ދަރިފުޅަށް 18 މަސް ފުރޭ އިރަށް ސްކޫލަށް ނުވައްދާ ބެލެނިވެރިޔަކު މަދުވާނެއެވެ. ބޭނުންވަނީ ވީހާވެސް އަވަހަކަށް ކުދިން ސްކޫލްގެ މާހައުލަށް ފަރިތަކޮށް ސޯޝަލައިޒް ކުރުމަށެވެ. އަވަހަށް ކުދިން ސްކޫލަށް ގެންދިއުމުން ލިބޭ އެތައް ފައިދާއެއް ހުރެއެވެ. ނަމަވެސް ހަނދުމަ ކުރަންވީ ކަމަކީ ކުއްޖާގެ ތޫނު ފިލިކަން އިނގޭނީ ހަމައެކަނި ސްކޫލުގައި ހަދާ އިމްތިހާންތަކަކުން ނޫން ކަމެވެ. ތުއްތު އުމުރުގައި ކުދިން ސްކޫލަށް ގެންގޮސްގެން “އޭ ބީ ސީ” ދަސް ނުވި ކަމުގައި ވިޔަސް ވެސް ކުއްޖާގެ ހެދި ބޮޑުވުމަށް މުހިންމު އެތައް ކަމެއް ދަސްވާނެއެވެ. މި އުމުރުގައި ކުދިން ދަސްކުރާ ގިނަ ކަންކަން ދަސް ކުރާނީ ކުޅުމުގެ ތެރޭންނެވެ. ނަމަވެސް ބައެއް ބެލެނިވެރިން ޕްރީ-ސްކޫލް އުމުރުގެ ކުދިން އިށީނދެގެން މަޑުން ކިޔަވަން ނީންނަ ވާހަކަ ބުނާ އަޑު އަހަމެވެ. މިހާ ތުއްތު އިރުން ފެށިގެން ކުދިންނަށް ކިޔެވުމަށް ޕްރެޝަރު ކުރާ ނަމަ ކުއްޖާ ކިޔެވުން މަތިން ފޫހިވުން ގާތެވެ.

ތަންކޮޅެއް ބޮޑެތި ކުދިންނަށް ބަލާލައިފި ނަމަ ފެނިގެން ދަނީ ދުވަހުގެ ގިނަ ވަގުތު ކިޔެވުމުގައި ހޭދަ ކުރާތަނެވެ. ސްކޫލުގައި 5-6 ގަޑިއިރު ހޭދަ ކުރުމަށް ފަހުގައި، ޓިއުޝަންގައި އިތުރު 1-2 ގަޑިއިރު ހޭދަކޮށްފައި އައިސް އަދި ގޭގައި ހޯމްވޯރކް ހަދަން ޖެހެއެވެ. އާދެ، ކިޔެވުމަކީ ވަރަށްވެސް މުހިންމު ކަމެއް، އަދި ކުއްޖާގެ މުސްތަގްބަލަށް ޓަކައި ކިޔެވުމަށް ބާރުވެސް އަޅަން ޖެހެއެވެ. ރަނގަޅަށް ނުކިޔަވައިފިނަމަ ދިރިއުޅުމުގައި އެތައް އުނދަގުލަކާއި ކުރިމަތިލާން ޖެހެއެވެ. ކިޔެވުމާއި އެއްވަރަށް ކުއްޖާގެ އެހެން ކާމިޔާބީތައްވެސް މުހިންމުވާން ޖެހެއެވެ. ނަމަވެސް ހިތާމައަކީ ބައެއް ބެލެނިވެރިން ކުދިން މޮޅު ކަމަށް ދެކެނީ ހަމައެކަނި ސްކޫލުންދޭ ޓެސްޓު ގަނޑުން މަތީ މާރކްސް ގެނައިމަ އެކަނި ކަމަށް ވާތީއެވެ. މިއަދު ސައިންސް ޓެސްޓުގައި މަދުން މާރކްސް ލިބޭ ކުއްޖާ އެއީ މާދަމާ މޮޅު ފުޓުބޯޅަ ކުޅުންތެރިޔަކަށް ވެދާނެއެވެ. ނުވަތަ އަމިއްލަ ވިޔަފާރިވެރިޔަކަށް ވެސް ވެދާނެއެވެ. އަދި މިއަދު ހިސާބު ޓެސްޓުން އެންމެ މަތިން މާރކްސް ގެންނަކުއްޖާ މާދަމާ ވަޒީފާގެ މާހައުލުގައި އުޅެން ނޭނގުންވެސް އެކަށީގެންވެއެވެ. ދަންނަވަން މި އުޅޭ އެއްޗަކީ ކިޔެވުމަށް އުނދަގޫ ކުދިންނަކީ ނާކާމިޔާބު އަދި މޮޅު ނޫން ކުދިންނެއް ނޫންކަމެވެ.

ކުދިންނަށް ކިޔަވަން ބާރު އަޅާއިރުގައި އެކުދިންގެ ނަފްސާނީ ދުޅަހެޔޮކަމަށް ވުރެ މޮޅު ކުއްޖަކަށްވުން އިސް ނުކުރާށެވެ. ނޭނގި ނަމަވެސް ބައެއް ބެލެނިވެރިންނަށް ކުދިން ކިޔެވުމަށް މާބޮޑަށް ޕްރެޝަރުކުރެވި އެކުދިންގެ ނަފްސާނީ ދުޅަހެޔޮކަން ދަށަށް ދުއްވާލެވެއެވެ. ޓެސްޓުތެރޭގައި ކުއްޖާއަށް ޓެސްޓުން ކޮންމެ ނަތީޖާއެއް ލިބުނު ކަމުގައި ވިޔަސް އަބަދުވެސް ލޯބިވާނެ ކަމާއި ސަޕޯޓު ކުރާނެކަން ހަނދާންކޮށް ދޭން ވާނެއެވެ. އެއަށް ފަހުގައި ކިޔެވުމަށް ހިތްވަރު ދެއްވާ ކިޔެވުން އެހާ މުހިންމުވަނީ ކީއްވެކަން ބުނެދެއްވާށެވެ. ކުދިން ކިޔެވުމުގެ އިތުރުން ހޯދާ އެހެން ކާމިޔާބީތައްވެސް ފާހަގަކޮށް، ކުދިންގެ ހުންނަ ހުނަރުތައް އިތުރަށް ބިނާ ކުރުމުގެ ފުރުސަތު ފަހި ކޮށްދެއްވާށެވެ. ހުރިހާ ކުދިންނަކީ ޑޮކްޓަރުންނާއި އިންޖިނިއަރުންނަށް ނުވެދާނެއެވެ. ބައެއް ކުދިންނަކީ ކުރެހުން ތެރިންނާއި ޑައިވަރުން ކަމަށްވެސް ވެދާނެއެވެ. މީގެން އެއްވެސް ކަމެއް އެއީ ވަކި ދަށް މަސައްކަތެއް ނޫނެވެ. 

މަދުންނަމަވެސް މި މުޖުތަމަޢުގައި ފެންނަމުންދާ މި ވިސްނުން އަޅުގަނޑުމެން ބަދަލު ކުރަމާތޯއެވެ. ކުއްޖާގެ އަޙްލާގައި ސިއްހަތުވެސް މުހިންމެވެ. ކޮންމެ ކުއްޖަކީވެސް އެކުއްޖެއްގެ ޒާތުގައި މޮޅު ކުއްޖެކެވެ. ކުދިންނަށް ކިޔެވުމަށް ޕްރެޝަރު ކުރުމުގެ ބަދަލުގައި ކިޔެވުމަށް ހިތްވަރު ދެއްވާށެވެ. ތޫނުފިލިކަމަކީ ކިޔެވުމުގެ އިތުރުން އެހެން ގޮތް ގޮތަށްވެސް ފެންނާނެ އެއްޗެކެވެ.