އަވަހަށް ނިދާފައި އަވަހަށް ހޭލުމަށް އާދަކުރުމަށް ބުނާއަޑު ވަރަށް ގިނައިން އިވެއެވެ. އަޅުގަނޑުމެން މުސްލިމުންނަށްވެސް އޮތީ އިޝާ ނަމާދު ފަހުން އަވަހަށް ނިދާފައި ފަތިސް ނަމާދުން ދުވަސް ފެށުމެވެ. ނަމާދަކީ ކޮންމެހެން ކުރަން ޖެހޭ އެއްޗެކެވެ. ނަމަވެސް ލަހުން ނިދުމުގެ ސަބަބުން ފަތިސް ނަމާދަށް ނުހޭލެވޭ ވާހަކައަކީ ވެސް ވަރަށް އާންމު ވާހަކައެކެވެ. އެހެންކަމުން ނަމާދު އޭގެ ވަގުތުގައި ކުރުމަށްވެސް އަވަހަށް ނިދަންޖެހެއެވެ. މީގެ އިތުރުންވެސް، ރޭގަނޑު 10 ގެ ކުރިން ނިދަން އާދަކުރަން ޖެހޭ ބައެއް ސަބަބުތައް އެބަހުއްޓެވެ. އޭގެ ތެރޭގައި ޖިސްމާނީ އަދި ނަފްސާނީ ފައިދާތައް ހިމެނެއެވެ. މިއަދު މި ބަލާލަނީ އެފަދަ ބައެއް ކަންކަމަށެވެ.

  1. ނިދީގެ އަރާމު އެންމެ ފުރިހަމައަށް ލިބޭނެ

ނިންޖަކީ ބައިބަޔަށް ބެހިގެންވާ އެއްޗެކެވެ. ފުން ނިދި، ލުއި ނިދި އަދި ލޯ އަވަސް އަވަހަށް ހަރަކާތްކުރާނ ނިދި ހިމެނެއެވެ. މީގެ ތެރެއިން އެންމެ ފުން ނިންޖަކީ ރޭގަނޑު 10 އިން މެންދަމު 2 އަށް ނިދޭ ނިންޖެވެ. އެހެންކަމުން ނިދީގެ ފުރިހަމަ އަރާމު ލިބިގަތުމަށް އަވަހަށް ނިދަން އާދަކުރަންވާނެއެވެ. މީގެ އިތުރުން ވެސް ރޭގަނޑު ލަސްވަންދެން ހޭލާ އުޅޭނަމަ ފިކުރުތަކާއި ނުބައި ވިސްނުންތަކުން ސިކުނޑި ފުރާލާނެއެވެ.

  1. ހަށިގަނޑު އޭގެ ބައްޓަމަށް އިޔާދަވާނެ

ހަށިގަނޑުގެ ސެލްތައް އަލުން މަރާމާތު ވުމަށާއި މުޅި ހަށިގަނޑުގެ ހެދިބޮޑުވުމަށް އެންމެ މުހިންމު ވަގުތަކީ ހަށިގަނޑު އެންމެ ފުން ނިދީގައި އޮންނަ ވަގުތެވެ. މިވަގުތުގައި ހަށިގަނޑަށް ބޭނުންވާ ހޯމޯން އުފައްދާނެއެވެ. އޭރުން ޖެހިގެން އަންނަ ދުވަހަށް ކުރިމަތިލާއިރު ހަށިގަނޑު ހުންނާނީ އެއްކޮށް ތާޒާވެފައެވެ. މިއީ ކުޅިވަރުކުޅެ ބޮޑަށް ހެލިފެލިވެ އުޅޭ މީހުނަށް ވަރަށް މުހިންމު ކަމެކެވެ.

  1. ސްޓްރެސް ހުންނަ މިންވަރު ދަށްވާނެ

ނިދި ހަމައަށް ނުލިބޭނަމަ ކޯރޓިސޮލް ކިޔަ ހޯމޯނެއް އުފައްދާނެއެވެ. މިއީ ސްޓްރެސްގެ މިންވަރު މަތިކުރާ ހޯމޯނެވެ. ރޭގަނޑު އާންމުކޮށް ނިދާ މީހަކު، އެއް ރޭ ވެސް ނުނިދާ ހުރެއްޖެނަމަ އަވަހަށް ރުޅިއައިސް ކުރެވޭ ނުކުރެވޭ ކަމެއް ނޭނގި ހާސްވެގެން އުޅެނީ މިކަމުގެ ސަބަބުންނެވެ. ކޯރޓިސޮލް މާގިނަވުމަކީ ސިއްޙަތަށް ގެއްލުންވާނެކަމެކެވެ. ރޭގަނޑު އަވަހަށް ނިދާފައި ހޭލުމުން މީހާގެ މޫޑަށް ވެސް ބަދަލު އަންނަކަން ފާހަގަ ކުރެވޭނެއެވެ.

  1. ބަލިތައް ޖެހުމުގެ ފުރުސަތު ކުޑަވުން

ވަރަށް ގިނަ ދިރާސާތަކުން ދައްކާގޮތުން އަވަހަށް ނިދާ މީހުންގެ ސިއްޙަތު ލަހުން ނިދާ މީހުނަށްވުރެ އެތައް ގުނައެއް ރަގަޅެވެ. ލަހުން ނިދާ އަދި 8 ގަޑިއިރުގެ ނިދި ނުލިބޭ މީހުންގެ މެދުގައި ޓައިޕް-2 ޑައިބެޓިކް އަދި ހިތުގެ ބަލިތަކުގެ އިތުރުން ލޭމައްޗަށް ދިއުން ވަރަށް އާންމުކޮށް ފާހަގަކުރެވެއެވެ. ދަންވަރު 10 އިން މެންދަމު 2 އަށް ނިދާ ވަގުތުގައި ހަށިގަނޑުގެ ދިފާޢީ ނިޒާމްގެ ސެލްތައްވެސް މަރާމާތު ވާނެއެވެ. އެހެންކަމުން ލަހުން ނިދާމީހުންނަށް ބަލިތަކާ ކުރިމަތިލުމުގެ ގާބިލްކަން ލިބިފައިވާ މިންވަރު ކުޑަވާނެއެވެ.

  1. އަމިއްލަ އިޙްސާސްތައް ކޮންޓްރޯލްކުރަން އެނގުން

ދިރާސާތަކުން ދައްކާގޮތުގައި ރޭގަނޑުގެ ހަމަނިދި ނިދާމީހުންގެ ދިރިއުޅުން އެނޫން މިހުނާ އަޅާބަލާއިރު މާ އުފާވެރިއެވެ. ނަމަވެސް ލަހުން ނިދާފައި ނިދީގެ އެންމެ އަރާމު ވަގުތު ގެއްލޭނަމަ އަމިއްލަ އިހްސާސްތައް ކަމަށްވާ ދެރަވުމާއި ރުޅިއައުން ފަދަ ކަންކަން ކޮންޓްރޯލް ކުރަން އުނދަގޫވާނެއެވެ. މީގެ އިތުރުން އަވަހަށް ނިދާ މީހަކު އަވަހަށް ހޭލަންވެސް ހޭލާނެއެވެ. ފަތިހު ހޭލުމަކީ ވަރަށް ތާޒާވާ ކަމެއްކަން އެންމެން ވެސް ގަބޫލުކުރާނެއެވެ. ސަބަބަކީ ދުވާލުގެ އަލީގައި، ސެރޮޓޮނިން އުފައްދާ މިންވަރު އިތުރުވާނެއެވެ. މިއީ މީހާގެ މޫޑު ބަދަލުކޮށް އުފާވެރިކަން މަތީގައި ހުރުމަށް އެހީތެރިވެދޭ ހޯމޯނެވެ.

މީގެ އިތުރުންވެސް ރޭގަނޑުގެ އަރާމު ނިދި ލިބޭނަމަ އެހެން މީހުންގެ އިހްސާސްތައް ދެނެގަތުމަށް ފަސޭހަ ވާނެއެވެ. މީގެ ސަބަބުން ދޭދޭ މީހުންގެ ދެމެދު އޮންނަ ގުޅުންތައް ބަދަހިވެ ވަރުދަގަ ވަމުން ދާނެއެވެ. އާއިލީ ގުޅުމާއި ރައްޓެހިންގެ މެދުގައި އޮންނަ ގުޅުންތަކުގެ އިތުރުން ވަޒީފާގެ މާހައުލުގައި ވެސް އެކަކު އަނެކެއްގެ އިހްސާސް ދަނެ އެއަށް އިޙްތިރާމް ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. މީހުންގެ މެދުގައި ގަދަރު އުފުލި މީހުން ބަލައިގަންނަ މީހަކަށް ވަނީ އޭރުންނެވެ.