އަންހެނުން ނުވަތަ އަންހެން ކުދިން މަންމަ އަކަށް ވާންވީ އުމުރަކީ އެމީހުންގެ މައްޗަށް ދޫކޮށްލެވިފައިވާ ކަމެކެވެ. ބާލިޣްވުމަށްފަހު ކިތަންމެ އަވަހަކަށް ވެސް ދަރިން ހޯދާ އެދަރިން ތަރުބިއްޔަތު ކުރުމުގެ ޒިންމާ ނަގަންވީއެވެ. ރަގަޅު ގޮތަކީވެސް ޒުވާން ދުވަސްވަރު އެ ޒިންމާ ނެގުމެވެ.

22 އަހަރުގެ ޒުވާން ކްލޯއީ ޑެސްޓަންއަށް 6 ކުދިން ލިބުމުން ބައެއް މީހުން އޭނާއަށް ފާޑުކިޔާ މީސްމީޑިޔާގައި ކޮމެންޓް ކުރިއެވެ. ނަމަވެސް ގިނަބަޔަކު އޭނާގެ ނިންމުންތަކަށް އިޙްތިރާމްކޮށް އޭނާއަށް އެއްބާރުލުމާއި ހިތްވަރު ދީފައިވެއެވެ. ކްލޯއީގެ 3 ކުދިން ތިއްބާ ހަތަރު ވަނައަށް ބަލިވެ އިން ފަހަރު އެދެމަފިރިން ވަރަށް މުހިންމު ނިންމުމެއް ނިންމަން ޖެހުނެވެ. 4 ފަހަރު ކްލޯއީ ބަލިވެ އިނީ އެއްމާބަނޑު 3 ކުދިންނަށެވެ. ދިމާވި ޞިއްޙީ މައްސަލަތަކެއްގެ ސަބަބުން ދުވަސް ފުރެންދެން 3 ކުދިން ބޭއްވުމަކީ ނުރައްކާތެރިކަމެއް ކަމަށް ޑޮކްޓަރުން ހާމަކުރިއެވެ. އެއްގޮތަކީ އެއް ކުއްޖަކަށް އަލްވަދާޢު ކިޔުމަށްފަހު އަނެއް ދެކުދިން ދުވަސް ފުރެންދެން ބޭއްވުމެވެ. ނުވަތަ 28 ހަފްތާ ވުމުން 3 ކުދިން އެކީގައި ނެގުމެވެ. އެއްވެސް ޙާލަތެއް ރައްކާތެރިއެއް ނޫނެވެ. ނަމަވެސް ކްލޯއީގެ ދެމަފިރިން ބޭނުންވީ އެއްވެސް ކުއްޖަކު ދޫކޮށްނުލާ 3 ކުދިންގެ ފުރާނަވެސް ސަލާމަތްކުރެވޭނެ ފުރުސަތު ހޯދުމެވެ.

އާއިލާގައި ކުދިން ތިބި 3 ކުދިން ވެސް ފަހުން ލިބުން އެއްމާބަނޑު 3 ބެއިންނަށް މަރުޙަބާކިޔެވެ. މިއީ އަންހެން ކުއްޖަކާ 2 ފިރިހެން ކުދިންނެވެ. ކްލޯއީގެ ދެމަފިރިން އެކުދިންނަށް ވަނީ ޕަރލް، ރުފުސް އަދި ހެންރީގެ ނަމުން ނަންދީފައެވެ. ނަމަވެސް 28 ހަފްތާގައި ނަގަން ޖެހުމުން 3 ކުދިންނަށްވެސް ޚާއްސަ ފަރުވާ ބޭނުންވިއެވެ. އަދި މިކުދިންގެ ޙާލަތަށް އަންނަމުން ދިޔަ ބަދަލުތައް ކްލޯއީ ދިޔައީ އިންސްޓަގްރާމްގެ އެހީގައި މުޅި ދުނިޔެއަށް ޙިއްސާކުރަމުންނެވެ. ކްލޯއީއެންޑްބީންސް ގެ ނަމުގައި ހިންގާ މި އެކައުންޓަކީ ހަމަ ކޮންމެ ބެލެނިވެރިއެއްގެ ހިތަށް އުފާވެރިކަން ގެނެސްދީ މޫނަށް ހިނިތުންވުން ގެނެސްދޭނެ ފޮޓޯތަކެއް ހިއްސާކުރަމުން ދާ އެކައުންޓެކެވެ. މި ފޮޓޯތައް ބަލާލުމުން ހަމަ ކޮންމެ މީހަކަށްވެސް އުއްމީދު އާލާވާނެއެވެ.