އެއްވެސް މީހަކު ތިމާއާއި މެދު ވިސްނާ ފިކުރުކޮށް ހަނދާންކުރާކަން އެނގުމަކީ ވަރަށް އުފާވެރި އިހުސާސެއް ގެނުވާ ކަމެކެވެ. އަދި އެއީ ތިބާގެ ހިތުގައިވެސް ޚާއްސަ ގަދަރެއް ދެވޭ ފަރާތެއްނަމަ މި އިހުސާސް ވަރަށް ޚާއްސަވެގެން ދެއެވެ. އަދި އެކަން އެނގެންވެސް ވަރަށް ބޭނުންވެއެވެ. ވަރަށް ގިނަ ފަހަރަށް ހިތަށް އަރާ ސުވާލެކެވެ. "އޭނާ އަހަރެންގެ މަތިން ހަނދާންވޭބާ؟ އޭނާ އަހަރެންނާއި މެދު ވިސްނާބާ؟" އެވެ.

މީހަކު އެހެން މީހަކު ހަނދާންކުރަނީ ކޮންމެ ފަހަރަކު ރަގަޅު ނިޔަތުގައި ނޫން ކަމަށްވެދާނެއެވެ. ހަސަދައާއި ނަފްރަތުގެ ސަބަބުންވެސް މީހަކު ތިމާ ހަނދާންކޮށްފާނެއެވެ. ތިމާއަށް ގެއްލުން ދިނުމުގެ ބޭނުމުގައިވެސް ތިމާއާއި މެދު ވިސްނާފާނެއެވެ. އެހެންކަމަށް ވާނަމަ އެކަމަކުން ސަލާމަތްވާނެ ގޮތެއް ވެސް ހޯދަން ފުރުސަތު ލިބުމަކީ ވަރަށް މުހިންމުކަމެކެއެވެ. ނަފްސާނީ ތިއަރީތައް ދިރާސާ ކުރާ ފަރާތްތަކުން ހާމަކުރާގޮތުގައި އެއްވެސް މީހަކު އަނެއް މީހަކާ މެދު ވިސްނާނަމަ އޭނާގެ ނަފްސާނީ ހަކަތައެއް އަނެއްމީހާ އަށް ފޯރާނެއެވެ. އަދި އޭގެ އެކި ކަހަލަ އަލާމާތްތައް ފެންނާނެއެވެ.

މިއީ އެކި ސަގާފަތްތަކުގައި އެކިގޮތަށް މީހުން ގަބޫލުކުރާ ކަމެކެވެ. އަހަރެމެން ދިވެހިންގެ ތެރޭގައި ވެސް މިފަދަ ގަބޫލުކުރުންތައް ހުރެއެވެ. މިއަދު މި ބަލާލަނީ އެފަދަބައެއް ގަބޫލުކުރުން ތަކަށެވެ. މިއިން އެއްވެސް ކަމެއް އަމިއްލައަށް ތަޖުރިބާ ކުރެވިފައިވޭތޯބެލުމަށް ކިޔާލާށެވެ.

  1. ކިނބިހި އެޅުން

މިއީ އޭޝިޔާގެ ގައުމުތަކުގައި މީހުން ގަބޫލުކުރާ ކަމެކެވެ. ބުނެވޭ ގޮތުގައި މީހަކު ތިމާގެ މަތިން ހަނދާންކުރާނަމަ ތިމާގެ ނޭފަތުގެ ކުރި ހިރުވާނެއެވެ. ނަތީޖާއެއްގެ ގޮތުން ކިނބިހި އެޅެން ފަށާނެއެވެ. މީހަކު ބަލިވެ އުޅޭނަމަ އެއިން މުޅި ތަފާތުކަމެކެވެ. ނަމަވެސް ހަމަ ކުއްލިއަކަށް ހުރެފައި ކައިރިކައިރިން ކިނބިހި އެޅޭނަމަ އެއީ ތިމާއާއި މެދު އެހެން މީހަކު ވިސްނަނީ ކަމަށް ވެދާނެއެވެ. އެގޮތުން 2 ކިނބިހި އެޅިއްޖެނަމަ އެއީ ތިމާއާއި ގުޅޭގޮތުން މީހަކު ނުވަތަ ބަޔަކު ގޯސް ވާހަކައެއް ދައްކަނީ ކަމަށް މިމީހުން ބުނެއެވެ. ޖެހިޖެހިގެން 3 ކިނބިހި އެޅިއްޖެނަމަ އެއީ މީހަކު ތިމާ މަތިން ހަނދާން ކުރަނީ ކަމާ މިއީ އެމީހެއްގެ ހިތުގައި ޚާއްސަ ގަދަރެއް ދެވިގެން ވިސްނަނީ ކަމަށްވެސް ބުނެވެއެވެ.

  1. ކަންފަތް ނުވަތަ ކޮލަށް ހޫނުވުން

މީހަކު ވަރަށް ބާރަށް ކަންފަތްމަތީގައި ޖެހުމުން އެ އިހްސާސްވާ ކަހަލަ ހޫނެއް އިހްސާސްވާ ނަމަ އެއީ ބަޔަކު ތިމާއާއި ގުޅުވާ ކޮންމެވެސް ގޯސް ވާހަކައެއް ދައްކަނީ ކަމަށް ބައެއް މީހުން ގަބޫލުކުރެއެވެ.

  1. އުކުނޑިކޮށްޓުން

އުކުނޑޮކޮށްޓުމަކީ ވަރަށް އުނދަގޫވާ ކަމެކެވެ. ކައި ނިމުމުން އުކުނޑިކޮށްޓުން އެއީ ވަރަށް ގިނައިން ވާ ކަމެކެވެ. ނަމަވެސް ހަމަ ހުރެފައި އުކުނޑިކޮށްޓާނަމަ އެއީ މީހަކު ނުވަތަ ބަޔަކު ތިމާގެ ވާހަކަ ދައްކާތީ ވާ ކަމަކަށް ވެދާނެއެވެ. އަދި ބައެއް މީހުން ކައިރީގައި އުޅޭ އިރު މިހެން ވާ ނަމަ އެކަން ފާހަގަ ކުރާށެވެ.

  1. ލޯ ހިރުވުން ނުވަތަ ތޮޅުން

މިއީ ވަރަށް ގިނަ މީހުނަށް ތަޖުރިބާ ކުރެވޭ ކަމެކެވެ. ބުނެވޭ ގޮތުގައި ފިރިހެނުންގެ ވާތު ލޯ ތޮޅޭ ނަމަ އެއީ އޭނާގެ ގޯސްވާހަކަ ބަޔަކު ދައްކަނީ އެވެ. ނަމަވެސް ކަނާތު ލޯ ތޮޅޭނަމަ އެއީ އޭނާއާއި މެދު ރަގަޅު ގޮތުގައި މީހަކު ވިސްނަނީއެވެ. އަންހެނުންނަށް މީގެ އިދިކޮޅެވެ. ދިވެހިންގެ ތެރޭގައި ބުނާ އަޑު އިވެނީ ލޯ ތޮޅޭނީ ކޮންމެވެސް ޚަބަރެއް ލިބެން އުޅޭތީ ކަމަށެވެ. އަންހެނުންގެ ކަނާތު ލޯ ތޮޅުމުން އުފާވެރި ޚަބަރު ލިބޭ ކަމަށް ބުނާ އިރު އަނެއް ބަޔަކު ގަބޫލު ކުރަނީ ފިރިހެނުންގެ ކަނާތު ލޯ ތޮޅުން އުފާވެރި ޚަބަރު ލިބެއެވެ. ދެން ފަހަރަކުން ލޯ ތޮޅެން މެދުވެރި ވެއްޖެ ނަމަ އޭގެ ފަހުގައި ލިބުނީ ކޮން ކަހަލަ ޚަބަރެއް ކަމާއި ތޮޅުނީ ކޮން ލޮލެއްކަން ފާހަގަ ކުރާށެވެ.

  1. ކާން އުނދަގޫވުން

ވަރަށް ގަޔާ ވެގެން ކިތަންމެ މީރު އެއްޗެއް ކާން އިނަސް ހަމަ ކުއްލިއަކަށް ކާހިތް ކެނޑި ނުވަތަ އަރުން އެތެރެއަށް ނުދާހެން ހީވާ ފަހަރު އާދޭހެއްޔެވެ؟ ވަރަށް ލަސްލަހުން ކަމުން ދަނިކޮށްވެސް ކޮށިއަރާ ފަހަރު އާދޭ ހެއްޔެވެ؟ މިހެންވަނީ ކައިރީގައިވާ މީހަކު ވަރަށް ބޮޑު ހާސްކަމެއްގައި ވާތީ ކަމަށްވެދާނެއެވެ. ކައިރީގައި އެފަދަ މީހަކު ނެތްނަމަވެސް ދުރުގައި ހުރެގެން ވެސް މީހަކު ތިމާ އާއި މެދު ވިސްނަނީ ކަމަށްވެދާނެއެވެ.

  1. ހީބިހި ނެގުން

ހަމަ ހުރެފައި ހީބހި ނެގުމަކީ ތިމާއާއި މެދު މީހަކުގެ ހިތުގައި ވަރަށް ފުން އިހުސާސެއް އުފެދިގެން އެމީހަކު ތިމާއާއި މެދު ވިސްނާ، ހަނދާންކުރުމުން ވާކަމެއް ކަމަށް ގަބޫލު ކުރެވެއެވެ. ހަމަ އެގޮތަށް ތިމާވެސް ތިމާގެ ހިތާ ވަރަށް ބޮޑަށް ގުޅިފައިވާ މީހެއް ނުވަތަ ކަމެއްގެ މަތިން ހަނދާންކުރުމުންވެސް މިހެންވާން ދިމާވެއެވެ. ތިމާއާއި އެކުގައި ވާން ބޭނުންވާ މީހަކު ތިމާގެ މަތިން ހަނދާންކުރާނަމަ ހީބިހި ނަގާކަމަށް ބައެއް މީހުން ގަބޫލުކުރެއެވެ.

  1. ހުވަފެނުގައި ފެނުން

ބައްދަލުނުވާތާ ގިނަ ދުވަސްވެފައިވާ މީހަކު ތިމާގެ ހުވަފެނުގައި ފެންނަ ނަމަ އެމީހަކު ތިމާއާއި މެދު ވިސްނަނީ ކަމަށް ވެދާނެއެވެ. ވަރަށް ބޮޑަށް ތިމާ ހަނދާންކުރާނަމަ އެމީހަކު ހުވަފެނުގައި ފެނުމަކީ އެކަށީގެންވާ ކަމެއް ކަމަށް ބުނެވެއެވެ. ނަމަވެސް މިހެންވަނީ ތިމާއަށް ހެވެއް އެދިގެން ނުވަތަ ގެއްލުމެއް ދިނުމަށް ވިސްނާތީކަމެއް ޔަގީނެއް ނޫނެވެ. ހުވަފެނުގައި މީހަކު ފެންނަ ކޮންމެ ފަހަރަކީ މިހެންވާ ފަހަރަށް ނުވެދާނެއެވެ. ހަމަ އެއްވެސް ކަމަކާ ނުލާވެސް މީހުން ހުވަފެނުގައި ފެނެއެވެ.

ބަހެއް ބުނުމެއް ނުވަތަ ހަރަކާތެއް ކުރުމަކާ ނުލާ މީހުނަށް މީހުންގެ އެސްފީނާވެސް ޖެހެއެވެ. މިއީ ދެބަސް ނުވެވޭނެ ހަގީގަތެކެވެ. މީހެއްގެ ސިކުނޑީގައި ހިނގާ ޚިޔާލަކީ އޭގެ ބާރު ވަރަށް ގަދަ އެއްޗެކެވެ. މީހަކަށް ބަދު ދުޢާ ކުރާކަށްވެސް ދެއަށް މައްޗަށް ނަގައިގެން އިނދެ ދުޢާ ކުރާކަށް ނުޖެހެއެވެ. ތިމާގެ ހިތުގައި ޖެހިއްޖެ ނަމަ އެމީހާ މެދު ރުޅިވެރިކަމާއެކު ވިސްނުމުން އެމީހަކަށް ބަދުދުޢާ ޖެހުންވެސް އެއީ ގަބޫލު ކުރެވޭ ކަމެކެވެ. މީހެއްގެ ހިތުގައި ނުޖައްސަން ބުނަނީ އެހެންވެއެވެ. މިފަދަ ކަންކަމަކީ އެންމެން ގަބޫލުކުރާ ކަންކަމެއް ނޫނެވެ. ނަމަވެސް ކޮންމެވެސް ވަރެއްގެ ހަގީގަތެއް ނެތްނަމަ ގިނަ ބަޔަކު ގަބޫލު ނުކުރާނެއެވެ.

 

މައުލޫމާތު https://www.powerofpositivity.com/ އިން ނަގާފައި