އަޅުގަނޑުމެން ބޮޑެތިވެގެން އައި އިރު ހަމަ ކޮންމެ ރަށެއްގައިވެސް ކުޑަކުދިންނަށް ޤުރުއާން އުނގަންނައި ދިނުމުގެ މަތިވެރި މަސައްކަތްކުރާ އެދުރުތައިތައިން އުޅެއެވެ. ބޮޑެތި ރަށް ރަށުގައި ކޮންމެ އަވަށެއްގައި އެދުރުދައިތައަކު ހުރެދާނެއެވެ. ފަތިސް ނަމާދުން ފައިބައިގެން ފަށާގޮތަށް އިޝާ ނަމާދު ނިމިގެން ކިޔަވަން ދާ ކުދިބަޔަކުވެސް އުޅޭނެއެވެ. މުޅި ދުވަހުގެ މަސައްކަތަކީ އެއެވެ. އެއިރަކީ ދަތުރު ފަތުރު އާންމު ޒަމާނެއް ނޫނެވެ. އެހެންކަމުން އެދުރުދައިތަ ރަށުގައި ނެތިގެންވެސް ޤުރުއާން ކިޔެވުމަށް ޗުއްޓީ ލިބޭ ކަމެއް ހަނދާނެއް ނުހުރެއެވެ. ދުވާލަކު 3 އިރު ޤުރުއާން ކިޔަވަން ދާން ޖެހެއެވެ. 3 އިރުގެ ކެއުން ލިބެނީ ޤުރުއާން ކިޔެވުމުންނެވެ. އުމުރުން 7 އަހަރު ފުރޭއިރު ޤުރުއާން ހަތިމް ނުނިންމާ ކުއްޖެއް ހަމަ މަދުވާނެއެވެ. އެއީ ގްރޭޑް 1 އަށް ދިއުމުން ސްކޫލުގެ މަސައްކަތައް ގިނަ ވަގުތު ބޭނުންވާތީ އާ ވެސް އެކުގައެވެ.

އެ ދުވަސްވަރުގެ އެދުރުދައިތައިންނަކީ މިހާރު ޤުރުއާން ކިޔަވާދޭ މުދައްރިސުންނާ އެއްވަރަށް ކިޔަވައިގެން ތިބި ބަޔަކަށް ނުވެދާނެއެވެ. ނަމަވެސް އެދުރުދައިތައިންގެ ހުންނަ ވަރަށް ޚާއްސަ ހުނަރެއްވެއެވެ. އެއީ މިހާރުގެ ސްކޫލް ޓީޗަރުން ނުވަތަ ޕްރޮފެސަރުންގެ ފަރާތުންވެސް އާންމުކޮށް ނުފެންނަ ހުނަރެކެވެ. ކިޔަވާގޭގައި އެކި އުމުރުގެ، ޤުރުއާންގެ އެކި ހިސާބުން ކިޔަވާ ވިއްސަކަށް ތިރީހަކަށް ކުދިން ތިއްބަސް ހުރިހާ ކުދިން ކިޔަވާ އަޑު އެދުރުދައިތަ އަހައެވެ. އަދި އެކުދިންގެ ކުށް ފިލުވައެވެ. މިއީ ވަރަށް ޚާއްސަ ހުނަރެކެވެ. ސްކޫތަކުގައިވެސް އާންމުކޮށް މި ފެންނަނީ ފަހަރަކު ކުއްޖަކު ތެދުވެ މުދައްރިސު ކުރާ ސުވާލަށް ޖަވާބުދޭ ތަނެކެވެ. ހުރިހާ ކުދިން އެއްފަހަރާ އަޑުން އަޑު ނަގާ ކިޔެވުމުގެ ސަގާފަތެއް އޮންނަނީ އެދުރުގޭގޭގައެވެ. މިއީ އެދުރުދައިތައިންނަށް އިތުރަށް އިޙްތިރާމް ކުރަން ޖެހޭ އެއް ސަބަބެވެ.

ކުރީގައި ޤުރުއާން އުނގަންނައިދެނީ އެއްވެސް އަގެއްނެތި ހިލޭ ސާބަހަށެވެ. ފޯރާމީހަކު ސައިބޯންޏެއް ނުވަތަ ނަމާދު ދޮޅިއެއް ނުދެއެކޭ ނޫނެވެ. ޤުރުއާންގެ އެކި ހިސާބަށް ކިޔެވުމުން ބޮނޑިބަތް ނުވަތަ ކޭން ކެއްކުން އޮވެއެވެ. ނަމަވެސް އެދުރުދައިތަގެ ފަރާތުން ކަނޑައަޅާފައިވާ ފީއެއް ނޯވެއެވެ. އެއްވެސް އުމުރެއްގެ ކުއްޖަކަށް ވެސް ކިޔަވާނުދޭން އެއްވެސް އުޒުރެއް ނުދައްކައެވެ. އޭރުވެސް ޚާއްސަ އެހީބޭނުންވާ ކުދިން ވެސް އުޅޭނެއެވެ. ކިޔެވުން ކުރިއަށްދަނީ ހުރިހާ ކުދިން ބައިވެރިކޮށްގެނެވެ. ގިނަ ގޭގޭގައި ނަމާދުގައި ކިޔާ ތަކެތިވެސް ދަސްކޮށްދިނުން އޮވެއެވެ. މިހުރިހާ ކަމެއް ކުރިއަށްދާއިރު ގޭތެރޭގެ މަސައްކަތްވެސް ހަމަ ކުރިއަށް ދާނެއެވެ. 5 ވަގުތު ނަމާދަށް ދާނީ މިސްކިތަށެވެ. މިހާރުހެން އަންހެނުން ގޭގައި ނަމާދުކުރުން އެއީ އޭރު އާންމުކަމެއް ނޫނެވެ. ގިނަފަހަރަށް އެދުރުދައިތައަކީ މިސްކިތުގެ އިމާމެވެ.

ޤުރުއާން އުނގަންނައިދިނުމަކީ މަސައްކަތަކެއްގެ ގޮތުގައި ކުރެވޭ ވަރަށް ވެސް ދަރުމަ ހުރި ކަމެކެވެ. ހަމަ އެގޮތަށް އަޅުގަނޑުމެނަށް ޤުރުއާން އުނގަންނައިދީ ނަމާދުކުރާނެ ގޮތް ދަސްކޮށްދޭ މީހަކީ އަޅުގަނޑުމެން ވަރަށް އިހްތިރާމް ކުރަންވާނޭ ފަރާތެކެވެ. ނަމަވެސް އެދުރުގެއިން ނިމުމާއި އެކު އެދުރުދައިތައިންގެ ހާލުވެސް ބަލާލާ ކުއްޖަކު މަދެވެ. ރަށު ސްކޫލުން ކިޔަވައިގެން އެހެން ރަށްރަށަށް ގޮސް އިތުރަށް ތަޢުލީމް ޙާޞިލްކުރުމަށްފަހު ވެސް ރަށަށް ގޮސް އެދުރުދައިތައަށް ޒިޔާރަތްކޮށްލުން އެއީ މުހިންމު ކަމެއް ކަމުގައި ދެކެނީ ކިތަން މީހުންހެއްޔެވެ؟ ރަށުގައި ތިބިމީހުން ކައިރިން އެދުރުދައިތަގެ ހާލު އަހާލެވެނީ ކިތައް މީހުނަށް ހެއްޔެވެ؟ އަދި މިހާރުވެސް ދުނިޔޭގައި ތިބި އެދުރުންގެ ތެރެއިން މީހަކާ އެންމެ ފަހުން ބައްދަލުވި ތާރީޚް އެނގެނީ ކިތައް މީހުނަށް ހެއްޔެވެ؟ އަމިއްލަ ނަފްސާ މި ސުވާލުކޮށްލާށެވެ.

ނޯޓް: މިލިޔުމުގައި އެދުރުދައިތައިންގެ ނަން އައިސްފައިވަނީ އާންމުކޮށް ޤުރުއާން ކިޔަވާދިނުމުގައި އުޅެނީ އެދުރުދައިތައިން ކަމަށް ވުމުންނެވެ. ނަމަވެސް އެދުރުބޭބެއިން ވެސް އުޅޭކަން ފާހަގަކޮށް އެފަރާތްތަކަށް ވެސް އިޙްތިރާމްކުރަމެވެ.