ރަމަޟާން މަސް ނިމުމުން ފާހަގަކުރާ ފިތުރު އީދަކީ ދުނިޔޭގެ މުސްލިމުންނަށް އުފާވެރިކަމާއި، ޝުކުރުވެރިކަމާއި، އުފާފާޅުކުރުމުގެ ވަގުތެކެވެ. މި އުފާފާޅުކުރުމުގެ މައިގަނޑު އެއް ކަމަކީ ޚާއްޞަކޮށް ކުޑަކުދިންގެ މެދުގައި ހަދިޔާ ބަދަލުކުރުމުގެ ސަގާފަތެވެ. އީދު ހަދިޔާ ދިނުމަކީ ހަމައެކަނި މާއްދީ ހަދިޔާތަކެއް ނޫނެވެ؛ އެއީ ލޯބި އާލާކުރުމާއި، ގުޅުންތައް ބަދަހިކުރުމާއި، މުޅި އުމުރަށް ދެމިގެންދާ ލޯބިވާ ހަނދާންތައް އުފެއްދުމެވެ. 

ޢީދު ހަދިޔާ ދިނުމުގެ މުހިންމުކަން:

އީދު ހަދިޔާ ދިނުމަކީ އިސްލާމްދީނުގައި ސަގާފީ އަދި ދީނީ ގޮތުން  މުހިންމުކަމެއް ލިބިގެންދާ ކަމެކެވެ. އެއީ ރަމަޟާންމަހު ލިބޭ ނިޢުމަތްތަކަށް ﷲ އަށް ޝުކުރުވެރިވުމާއި، އެ މުނާސަބަތުގެ އުފާވެރިކަން ލޯބިވާ މީހުންނާ ހިއްސާކުރުމުގެ ގޮތެކެވެ. ކުޑަކުދިންނަށް އީދު ހަދިޔާ ލިބުމަކީ އީދުގެ ފޯރިއާއި އުފާވެރިކަން އިތުރުވެ، އެ ކުދިންގެ ހާއްސަކަމާއި އަދި ލޯބިވާލިބިގެންވާކަމުގެ އިހުސާސް ކުރެވޭ ކަމެކެވެ. އެއީ ދީލަތިކަމާއި އޯގާތެރިކަމާއި ވިސްނުންތެރިކަމުގެ އަގުތައް ކުޑައިރުއްސުރެ ދަސްކޮށްދޭ ކަމެކެވެ.

ޢީދު ހަދިޔާކުރުމުގައި ބެލިދާނެ ބައެއް ކަންކަން :
ހަދިޔާ ދިނުމުގެ އަމަލަކީ މުހިންމު ކަމެއް ނަމަވެސް، ހަގީގަތުގައި އީދު ހަދިޔާ ދިނުމަކީ އެކަމުގެ ފަހަތުގައިވާ ވިސްނުމާއި މަސައްކަތެވެ. 

ޕާސަނަލައިޒްޑް ގިފްޓްސް: ކޮންމެ ކުއްޖަކުވެސް ޝައުގުވެރިކަމާއި އިސްކަންދޭ ކަންކަމަށް ޚާއްޞަކޮށްގެން ޕާސަނަލައިޒްޑް ގިފްޓްސް ދިނުމަށް ވިސްނާށެވެ. އެމީހުން އެންމެ ގަޔާވާ ލިޔުންތެރިޔާގެ ފޮތެއް ކަމުގައި ވިޔަސް، އެމީހުންގެ ޝައުގުވެރިކަމާ ގުޅުން ހުރި ކުޅޭ އެއްޗެއް ކަމުގައި ވިޔަސް، ނުވަތަ އެމީހުންގެ ނަން ލިޔެފައިވާ ގަހަނާއެއް ކަމުގައި ވިޔަސް، ޕާސަނަލައިޒްޑް ހަދިޔާތަކުން އެކުދިންނަށް ޚާއްޞަ އެއްޗެއް ހޮވުމަށް ވިސްނާފައިވާކަން ދައްކުވައިދެއެވެ.

ހޭންޑްމޭޑް ހަދިޔާ: އަމިއްލައަށް ތައްޔާރުކުރާ ހަދިޔާއެއް ދިނުމުން އުފެއްދުންތެރިކަމާއި މަސައްކަތްތެރިކަމަށް ހިތްވަރު ދެވެއެވެ. ގޭގައި ހަދާ ކާޑު، އާޓްވޯކް، ނުވަތަ ނިޓް ސްކާފް ފަދަ އަތުން ތައްޔާރުކޮށްފައިވާ ތަކެތި ހުނަރު ދައްކުވައިދިނުމުގެ އިތުރުން ކުޑަކުދިންގެ ހިތުގައި އެހަދިޔާ ޚަޒާނާ ކުރާނެ އަމިއްލަވަންތަ އަސަރެއް ވެސް އެކުލެވޭނެއެވެ.

ތައުލީމީ ހަދިޔާތައް: އީދު ހަދިޔާތަކަކީ މަޖާ އަދި ތައުލީމީ ހަދިޔާތަކަކަށް ވެސް ހެދިދާނެއެވެ. ކުދިންގެ ސިކުނޑި ހީވާގިކޮށް، ކުޅޭކުޅޭ ގޮތަކަށް އުނގެނުމަށް ހިތްވަރުދޭ ފޮތްތަކާއި، ޕަޒްލްތަކާއި، ސައިންސް ކިޓް ނުވަތަ ތައުލީމީ ގޭމްތައް ހަދިޔާ ކުރުމަށް ވިސްނާށެވެ.

ތަޖުރިބާގެ ހަދިޔާތައް: މާއްދީ ހަދިޔާތަކުގެ ބަދަލުގައި ދިގުދެމިގެންދާ ހަނދާންތައް އުފެދޭ ތަޖުރިބާތައް ދިނުމަށް ވިސްނާށެވެ. މީގެ ތެރޭގައި ތަނަކަށް ޒިޔާރާތް ކުރުމަށް ޓިކެޓާއި، ޕާކު ނޫނީ ބީޗްގައި ދުވަހެއް ހޭދަކުރުމާއި، އާއިލީ  ދަތުރެއް ވެސް ހިމެނިދާނެއެވެ. ތަޖުރިބާގެ ހަދިޔާތަކުން ފޯރި ލިބިގެން ދިއުމާއި އެކު ކޮލިޓީ ޓައިމް އާއި ގުޅުން ބަދަހި  ވުމަށް ފުރުސަތު ވެސް ލިބިގެންދެ އެވެ.

ޞަދަޤާތުގެ ހަދިޔާތައް: ދަރިން ޞަދަޤާތުގެ ހަރަކާތްތަކުގައި ބައިވެރިކޮށްގެން އަނބުރާ ދިނުމުގެ ރޫޙު އާލާކުރުން. އަމިއްލައަށް ހަދިޔާ ލިބުމުގެ ބަދަލުގައި ކުދިންނަށް އެމީހުން އިޚްތިޔާރުކުރާ ޗެރިޓަބަލް މަސައްކަތަކަށް ހަދިޔާ ކުރުން ނުވަތަ ކޮމިއުނިޓީ ސާވިސް ޕްރޮޖެކްޓްތަކުގައި ބައިވެރިވުން އިޚްތިޔާރު ކުރެވިދާނެ އެވެ. މިކަމުގެ ސަބަބުން އެމީހުންނަށް ދަސްވެގެންދަނީ އޯގާތެރިވުމާއި ދީލަތިކަމާއި އިޖުތިމާޢީ ޒިންމާ އުފުލުމުގެ މުހިންމުކަމެވެ.

ކުޑަކުދިންނަށް އީދު ހަދިޔާ ދިނުމަކީ ހަމައެކަނި މާއްދީ މުދާ ބަދަލުކުރުމުގެ އިތުރުން  ލޯބި އާލާކޮށްދޭ ސަގާފަތެކެވެ. އެއީ ގުޅުންތައް އާލާކުރުމާއި، ހަނދާންތައް އުފެއްދުމާއި، އޯގާތެރިކަމާއި ޝުކުރުވެރިކަމުގެ އަގުތައް އާލާކުރުމަށް ލިބޭ ފުރުސަތެކެވެ. ޕާސަނަލައިޒްޑް ހަދިޔާތަކުން ވިޔަސް، އަތުން ހަދާފައިވާ އުފެއްދުންތަކުން ވިޔަސް، ތައުލީމީ ހަދިޔާތަކުން ވިޔަސް، ތަޖުރިބާގެ ގޮތުން އާއިލާ އެކުގައި ބޭރަށް ނިކުތުން ކަމުގައި ވިޔަސް، ނުވަތަ ޗެރިޓަބަލް އަމަލުތަކުން ވިޔަސް، އީދު ހަދިޔާ ދިނުމުގެ މުހިންމުކަމަކީ މުޖުތަމައުގެ އެންމެ ޒުވާން މީހުންގެ މެދުގައި އުފަލާއި ލޯބި ފެތުރުމެވެ. އަޅުގަނޑުމެން ފިތުރު އީދު ފާހަގަކުރާއިރު، ދިނުމުގެ ރޫޙު ބަލައިގަނެ، މި މުނާސަބަތު އަޅުގަނޑުމެންގެ ދަރިންނަށް ހަގީގަތުގައިވެސް ޚާއްޞަ މުނާސަބަތަކަށް ހަދަމާތޯއެވެ.