ބައެއް ކަންކަމާއި މީހުން ނުވަތަ ތަކެތި ދެކެ ބިރު ގަންނަ މީހުން ވަރަށް ގިނައެވެ. ހަމަ އެގޮތަށް ވަރަށް ތަފާތު ތަކެތި އަދި ކަންކަން ދެކެ ބިރުގަންނަ މީހުން ވަރަށް ގިނައެވެ. މިފަދަ އާދަޔާ ޚިލާފްތަކެތި ނުވަތަ ކަންކަން ދެކެ ބިރުގަންނަ މީހުނަށް ފަރުވާ ދިނުމަށްވެސް މިހާރު ބޭނުން ކުރެވެނީ ވަރަށް ތަފާތު ޒަމާނީ ފަރުވާއެވެ. މިސާލަކަށް މީހުން ގިނަ ތަންތަނަށް ގޮސް އުޅެން ބިރުގަންނަ މީހުނަށް ފަރުވާ ދިނުވާ ސައިކޮތެރަޕިސްޓުން، ބަލިމީހުން ގެންދަނީ "ވަރޗުއަލް" ދުނިޔެއަކަށެވެ. އަދި އެތަނުގައި މީހުން އެއްވެ ބައިބޯ ވުމުން ބަލިމީހާއަށް ކުރާ އަސަރު ދެނެގަނެ، ފަރުވާ ކުރިއަށް ގެންދެއެވެ. މިއީ އެކި އެކި ބިރުގެ ސަބަބުން އާންމު ދިރިއުޅުން ކުރިއަށް ގެންދަން އުނދަގޫވާ ހިސާބަށް ކަންކަން ދިއުމުން ދެވޭ ފަރުވާއެވެ. ކޮންމެވެސް ވަރަކަށް ބިރުގަތުން އެއީ މައްސަލައެއް ނޫން ކަމަށާ، އޭގައި ހިމެނޭ ރަގަޅުކަންކަން ނަފްސާނީ ޢިލްމްވެރިންވަނީ ބަޔާން ކޮށްދީފައެވެ.

  1. ބިރުގަތުމުން ބަރުދަން ލުއިކޮށްދޭ

ބިރުގަތުމުން ބިރުނުގަނެ ހުންނަ އިރަށް ވުރެ ގިނަ ކެލޮރީ ހަށިގަނޑުން އަންދާލައެވެ. ބިރުގެ ސަބަބުން ހިތުގެ ވިންދު އަވަސްވުމުން ހަށިގަނޑުގެ ލޭހިނގުމުގެ ސްޕީޑް އަވަސްވެއެވެ. މިކަމުގެ ސަބަބުން މެޓަބޮލިޒަމް ރޭޓް މަތިވެ ހަކުރާއި ސަރުބީ ވިރުވާދެއެވެ. ލަންޑަން ޔުނިވަރސިޓީ އޮފް ވެސްޓް މިނިސްޓަރގެ ސައިކޮލިޖިސްޓުންގެ ޓީމަކުން ހިންގި ދިރާސާއަކުން އެނގުން ގޮތުގައި ބިރުވެރި ފިލްމެއް ބެލުމުން 113 ކެލޮރީ އަންދާލައެވެ. މިއީ ބައިގަޑިއިރު ހިނގުމުން ވެސް ކެލޮރީ އަނދާނެވަރެވެ.

  1. ބިރުގަތުމުން ދިފާޢި ނިޒާމް ވަރުގަދަވޭ

އިނގިރޭސިވިލާތުގެ ކޮންވެންޓްރީ ޔުނިވަރސިޓީގައި ހިންގި ދިރާސާއެއްގައި، އެ ދިރާސާގެ ބައިވެރިންނަށް ބިރުވެރި ފިލްމެއް ދެއްކުމަށްފަހު އެމީހުންގެ ލޭގެ ސާމްޕަލްނެގި އޭގެ ތަހުލީލު ކުރެވުނެވެ. ނަތީޖާއިން އެނގުނު ގޮތުގައި މިމީހުންގެ ލޭގައި ހިމެނޭ ހުދު ސެލްތައް އިތުރަށް ހަރަކާތްތެރިވާން ފެށިއެވެ. މިއީ ބަލިތަކާ ދެކޮޅަށް ހަނގުރާމާކުރާ ސެލްއެވެ. ހުދު ސެލް ގިނަވި ވަރަކަށް ދިފާޢީ ނިޒާމް ވަރުގަދަ ވާނެއެވެ.

  1. ބިރު މިހާގެ ހިތްވަރު ގަދަކޮށް ބާރުވެރި ކުރުވާ

ބިރުގަތުމުގެ ސަބަބުން ހަށިގަނޑުން ބޭރުކުރާ ކެމިކަލް ތަކުގެ ތެރޭގައި އެޑްރެނަލިން އަދި ސެރޮޓޮނިން ހިމެނެއެވެ. މިއީ ސިކުނޑީގެ މަސައްކަތް ހަލުވިކޮށް ފުރިހަމަ ކުރުމަށްއެހީތެރިވާ ކެމިކަލްއެވެ. އެހެން ކަމުން ބިރަކީ ހަކަތައެކެވެ. މިސާލަކަށް ދުވާމީހަކު އަބަދު އެއް މަގަކުން ދުވާނަމަ އޭނާ ކޮންމެ ދުވަހަކު އިތުރު މަސައްކަތެއް ނުކުރާނެއެވެ. ނަމަވެސް ދުވަން ޖެހޭ މަދު ބަދަލުވެއްޖެނަމަ ގަންނަ ބިރުގެ ސަބަބުން އެކަން ޙާސިލްކުރަން ކުރާ މަސައްކަތް ގިނަވާނެއެވެ. އިންސާނުންގެ ސިކުނޑިއަކީ އާ ކަންކަން ތަޖުރިބާކޮށް އާ ގޮންޖެހުން ތަކާ ކުރިމަތިލާން ބޭނުންވާ ގުނަވަނެކެވެ.

  1. ބިރުގެ ސަބަބުން އެހެން މީހުނާ އޮންނަ ގުޅުން ވަރުގަދަވޭ

ބިރުގަތުމުން ބޭރުވާ އޮކްސިޓޮކްސިން އަކީ ދޭދޭ މީހުންގެ މެދުގައިވާ ގުޅުން ބަދަހިކުރުމަށް އެހީތެރިވެދޭ ހޯމޯންއެވެ. ދިރިދުނިޔޭގައި ރައްކާތެރިކަމާއެކުގައި ހުރުމަށް މަސައްކަތްކުރުމަކީ އަހަރެމެނަށް ނޭގިނަމަވެސް ސިކުނޑިން އަދާކުރާ ދައުރެކެވެ. މީގެ ބޭނުމަށް އެހެން އިންސާނުންނާ ގާތްކަން އުފައްދަން ބޭނުންވެއެވެ. އެންމެ ތިލަކޮށް ދެވޭނެ މިސާލަކީ، ބިރުވެރި ފިލްމެއް ބަލަން ގިނަބަޔަކު ތިބޭނަމަ އެކަކު އަނެކަކަށް ގާތްވާ ގާތްވުމެވެ.

  1. ބިރުގެ ސަބަބުން ވަކި ކަމަކަށް ސަމާލުކަންދީ އަމާޒު ހިފަން އެނގޭ

މުސްތަގުބަލް ނުވަތަ ތިމާއަށް ނޭނގޭ ކަމަކާ ވިސްނާލުމުން ބައެއް ފަހަރު ބިރުގަނެއެވެ. ބިރުގެ ސަބަބުން ހާސްވާނަމަ ނޮރެޕިރެފްރިން ކިޔާ ހޯމޯނެއް ހަށިގަނޑުން ބޭރުކޮށް އެ ހާސްކަން ފިލުވާ، ހާސްކަމުގެ ތެރޭގައިވެސް ރަގަޅަށް ވިސްނުމަށް އެހީތެރިވެދެއެވެ. މިއީ ޑިޕްރެޝަންއަށް ފަރުވާ ހޯދާ މީހުނަށް ދެވޭ ބޭހުގައިވެސް ހިމެނޭ މާއްދާއެކެވެ. އަހަރެމެންގެ ދިރިއުޅޭ މާހައުލުގައި އަހަރެމެންގެ ވިސްނުމާއި ސަމާލުކަން އަނބުރާލުމަށް ޓީ.ވީ އަދި އިންޓަރނެޓް ފަދަ ވަސީލަތްތައް ބޭނުންކުރެއެވެ. ނަމަވެސް ކުޑަކޮށް ބިރުގަނެފައި ހުންނަ ނަމަ މީހާގެ އަމާޒު ހުންނާނީ ތިމާ ބަހައްޓަން ބޭނުންވާ ދިމާލުގައެވެ. އަދި އެކަމަށް ސަމާލުކަން ދެވޭނެއެވެ.

  1. ބިރުގެ ސަބަބުން އުނދަގޫ ހާލަތްތަކުން އަވަހަށް އަރައިގަންނަން މަސައްކަތް ކުރެވޭ

މަގުމަތިން އެކަނި ހިނގާފައި ދާއިރު މަގުބައްތި މަދު ހިސާބެއްނަމަ ތަންކޮޅެއް ބާރަށް ހިނގޭކަން ފާހަގަކުރެވޭ ހެއްޔެވެ؟ ބައެއް ފަހަރަށް މިހެންވަނީ ފަހަތުން މީހަކު ހިނގާފައި އަންނަހެން ހީވުމުންނެވެ. ނަމަވެސް މިފަދަ ވަގުތުގައި އިތުރަށް ވާހަކަދައްކަން މަޑުނުކޮށް އަވަހަށް އެހާލަތުން އަރައިގަތުމަށް ހިނގުން ބާރުކޮށްލެވެނީ ބިރުގެ ސަބަބުންނެވެ. އަވަހަށް ގޮސް ރައްކާތެރި ހިސާބަކަށް ފޯރަން މަސައްކަތް ކުރެވެނީ މިހެންވެއެވެ. ބިރުގެ ސަބަބުން ކުއްލިއަކަށް ގޮތްނިންމާ އެއަށް އަމަލު ކުރަން ބާރުއަޅައެވެ. މިހެންވުމުން މުޅި ހާލަތު ދިރާސާކުރަން ވަގުތު ދުއްވާނުލާ ކޮންމެވެސް ނިންމުމަކަށް ވާސިލް މަސައްކަތްކުރެވެއެވެ.

  1. ބިރުގެ ސަބަބުން ރަގަޅު ބަދަލުތައް އާދޭ

ޑޮކްޓަރަށް ގޮސް ލޭގެ ޓެސްޓް ހެދުމަށްފަހު ލޭގައި ހަކުރުގެ މިންވަރު މަތިކަމަށާ، ނުރައްކާ ވެދާނެކަމަށް ބުނެފިނަމަ އެކަން ރަގަޅުކޮށް ކެއުމަށް ބަދަލު ގެނެސް ވައްޓަފާޅިއަށް ގެންނަން ބޭނުންވާ ބަދަލު އެގެނެވެނީ ބިރުގެ ސަބަބުންނެވެ. އެއީ ކުރިއަށް އޮތް ނުރައްކާ އަންދާޒާކޮށްލަން އެނގޭތީއެވެ. މިގޮތަށް ބިރު ނުގަންނަ ނަމަ މިފަދަ ބަދަލު ގެންނަން ފަސޭހަ ނުވާނެއެވެ.

  1. ބިރުގެ ސަބަބުން ލަނޑުދަނޑިއަށްވުރެ އިތުރަށް ހާޞިލް ކުރެވޭ

ތިމާގެ މަގާމަށް އެހެން މީހަކު ގެނެސްފާނެކަމުގެ ބިރަށް ކިޔާ ނަމަކީ ކްރޯނަސް ސިންޑްރޯމްއެވެ. މިއީ ވަޒީފާގެ މާހައުލުގައި، ޒާތީ ދިރިއުޅުމުގައި ނުވަތަ އާއިލާގެ ތެރޭގައިވެސް ތިމާގެ މަގާމަށް އެހެން މީހަކު ގެނެސްފާނެކަމަށް ބިރު ގަތުމެވެ. މިކަމުގެ ސަބަބުން ކުރިން މަސައްކަތް ކުރާ ވަރަށްވުރެ ރަގަޅަށް މުވައްޒަފުން މަސައްކަތް ކުރުމާއި، ޒާތީ ދިރިއުޅުމުގައި ބައިވެރިޔާއަށް އިތުރަށް ސަމާލުކަންދީ އަޅާލުމުގެ އިތުރުން އާއިލާގެ ތެރޭގައި އިތުރަށް ގާތްކަން އުފައްދާ ހަދަން ހިތްވަރުލިބެއެވެ. ނަމަވެސް މިއިން އެއްވެސް ކަމަކުން ތިމާ ދުރުނުކުރެވެނޭކަން ޔަގީންވާ ނަމަ މިފަދަ ރަގަޅު ބަދަލު އައުން ދުރެވެ.