އެކުގައި އުމުރު ދުވަހު އުޅުމަށް ވަޢުދުވެ ދެމީހަކު ޒަވާޖީހަޔާތެއް ފަށަނީ ވަރަށް ފޮނި އުއްމީދުތަކާ އެކުގައެވެ. ނަމަވެސް ހަޔާތުގެ ދުވަސްތައް ހޭދަވަމުންދާ ވަރަކަށް ނުވަތަ ބައެއް ކުދިކުދި މައްސަލަ ޖެހި އެ މައްސަލަތައް ހައްލުވުމަށްފަހުވެސް ޒަވާޖީހަޔާތުގެ ފޮނި މީރުކަން މަޑުމަޑުން ފަނޑުވާތަން ފެނުން މިއީ ވަރަށް އާންމު ކަމެކެވެ. ކުދިން ލިބުމާއި އެކު "ދެމަފިރިކަން" ކެނޑި ހަމަ އެކަނި މައިންބަފައިންގެ ގޮތުގައި ދިރިއުޅުން ހޭދަކުރާ މީހުން ވަރަށް ގިނައެވެ. ދަރިން ލިބި އެކުދިންނަށް ދަރިން ލިބުން ނަމަވެސް ދެ ލޯބިވެރިންގެ ގޮތުގައި އުޅުމަށް އެއްވެސް ހުރަހެއް ނެތެވެ. އަދި މިއީ އަޅުގަނޑުމެންގެ ދީންވެސް ބާރުއަޅާ ކަމެކެވެ.

މީހަކު ދެކެ ހިތުގެ އަޑިން ލޯބިވުމަކީ ވަރަށް ތަފާތު އިހުސާސެއް ކުރުވާ ކަމެކެވެ. ނަމަވެސް ޒަވާޖީ ހަޔާތުގައި އެކަން ހާމަކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. ކޮންމެ ދުވަހަކު އަދި ކޮންމެ ވަގުތަކު ބައިވެރިޔާއަށް ތިމާ ލޯބިވާކަން ބުނެދޭން ޖެހެއެވެ. އެކީގައި އުޅެނީ ލޯބިވާތީކަން އެނގޭނެ ކަމަށް ގަބޫލުކޮށް ދޫކޮށް ނުލާށެވެ. މިކަން ކުރެވޭނެ ވަރަށް ތަފާތުގޮތްތައް ހުރެއެވެ. މިކަން ކަމަކީ ޒަވާޖީހަޔާތް ތާޒާކަން މަތީގައި ކުރިއަށް ގެންދިއުމަށް ވަރަށް މުހިންމު ކަންކަމެވެ.

  1. ލޯބިވާ ވާހަކަ ބުނުން

ކިތަންމެ ލޯބިން އެކަކު އަނެކަކާ އަޅާލާ ވަފާތެރިކަންމަތީގައި ދިރިއުޅުން ކުރިއަށް ދިޔަ ނަމަވެސް އެކަކު އަނެކަކު ދެކެ ލޯބިވާކަން ބުނާ އަޑު އިވުން ވާނީ ޚާއްސަ ކަމަކަށެވެ. އެއީ ތިމާއަކީ ޚާއްސަ މީހެއްކަން އަމިއްލަ ނަފްސަށް ގަބޫލު ކުރެވޭނެ ހިނދުކޮޅެކެވެ. އެކަމަށްޓަކައި ތިމާ ފަޚުރިވެރިވެ، ދިރިއުޅުން އިތުރަށް އޮމާންކަންމަތީގައި ކުރިއަށް ގެންދިއުމަށް ތިމާގެ ފަރާތުން ދެން ކުރެވެން ހުރި ކަންކަމާ މެދު ވިސްނާލެވޭނެ ހިނދުކޮޅެކެވެ. ނޭނގިގެން ވެސް އެމީހަކަށް ދެރައެއް ވާނެ ހަމަ އެއްވެސް ކަމެއް ނުކުރުމަށް ޢަޒުމް ކަނޑައެޅޭނެ ހިނދުކޮޅެކެވެ. ގަވާއިދުން މިކަން ނުކުރާނަމަ މިއަދުން ފެށިގެން މިކަން ކުރަން ފަށަމާހެއްޔެވެ؟ އޭރުން އަންނަ ބަދަލެއްވެސް އެނގިދާނެއެވެ.

  1. ވަގުތު ދިނުން

ފިރިމީހާގެ ވަޒީފާގެ ކަންކަން ނިމުމުން ނުވަތަ އަނބިމީހާ ގޭގައި ކުރާ ކަންކަން ނިމުމުން މެސެޖަކުން ނުވަތަ ކައިރީގައި ހުރިނަމަ ބަހުން ވިޔަސް "މިހިނދުން ފެށިގެން ހުސްވެ މިހުރީ ކަލާއަށްޓަކާ" ކަމަށް ބުނާ ބުނުން އެއީ ވަރަށްވެސް އުފާވެރި އިހުސާސެއް ކުރުވާ ކަމެކެވެ. މިހެން ނުބުނި ނަމަވެސް ދިރިއުޅުމުގެ ކަންކަމުން ވަގުތު ހޯދައިގެން ދެމަފިރިންގެ ޒަވާޖީހަޔާތަށް ވަގުތު ދިނުމަކީ މުހިންމު ކަމެކެވެ. ދަރިންނާއި އެކުގައި ބޭރަށް ދިއުމާއި އާއިލާގެ މީހުނަށް ޒިޔާރަތް ކުރުން މިއަކު ނުހިމެނެއެވެ. މިވަގުތަކީ ދެމަފިރިން އެކަނި އެކަކު އަނެކަކަށް ދޭ ވަގުތެވެ. ދެމީހުނަށް މީރު އެއްޗެއް ކައްކައިގެން ގޭގައި ވެސް "ޑޭޓް" ބޭއްވޭނެއެވެ. ކޮންމެ ދުވަހަކު ނުވަތަ ހަފްތާއަކު ބޭރަށް ގޮސް ޖީބު ހުސްކޮށްލާކަށް ނުޖެހެއެވެ. ލޯތްބަކީ އަގެއް ނެތި ލިބޭ ނަމަވެސް އަގު ނުކުރެވޭ ނިޢުމަތްތަކުގެ ތެރެއިން އެއް ކަމެވެ. އަގު ވަޒަން ކުރާށެވެ. ދުރުގައި ދިރިއުޅޭ ނަމަވެސް ވަކި ވަގުތެއް ކަނޑައަޅައިގެން ގުޅާ، ދިރިއުޅުމުގެ ކަންކަން ކުރިއަށްދާ ގޮތާއި މުސްތަގްބަލްގެ ވާހަކަ ހިއްސާކުރަންވާނެއެވެ. ކޮންމެ ދުވަހަކު ވަކި ވަގުތެއް ގުޅަން އޮންނަ ނަމަ ދެމަފިރިންވެސް އެކަމަށް ތައްޔާރުވެ އެހެން ކަންކަމުން ހުސްވެ ހުންނާނެއެވެ. އެއީ އެހެން މީހެއްގެ އުނދަގުލެއް ނެތި ހަމަ އެކަނި ދެމަފިރިން ހޭދަ ކުރާ ވަގުތަކަށް ހެދުމަށެވެ. ޒަމާން މިއޮތީ ބަދަލުވެފައެވެ. ގާތުގައި ނުހުރެވުނަށް ވަގުތުން ވަގުތަށް ފެންނަންވެސް ހުރެއެވެ. މީގެ ބޭނުން ހިފާށެވެ.

  1. ސަމާސާ ކުރުން

ދެމީހުންގެ ޒަވާޖީހަޔާތް ފެށުނު ހިސާބުގައި ދެމީހުނަށް ކުރެވުނު އިޙްސާސް އަބަދުވެސް ދެމެހެއްޓޭނެއެވެ. ހަލާލުގޮތުގައި ކައިވެނިވެވިގެންވާ އަނބިމީހާއާއި ފިރިމީހާގެ ދެމެދުގައި ސަމާސާ ކުރުމަކީ ސުންނަތުން ސާބިތުވާ ކަމެވެ. ދެމީހުންގެ މެދުގައިވާ ލޯބި އިތުރުވާން މެދުވެރިވާނެ ވަރަށް މުހިންމު ސަބަބެކެވެ. ހިލޭ އަންހެނުންނަށް ސަމާސާ ކޮށް ނުވަތަ ހިލޭ ފިރިހެނެއްގެ ސަމާސާ އަމާޒުނުވެ އެކަން ކުރަން ޖެހެނީ ދެމަފިރިންގެ މެދުގައެވެ. އެކުގައި ގިނަ ދުވަހު ކައިވެނީގައި ތިބި މީހުންގެ ފަރާތުންވެސް މިކަމަށް ބާރުލިބެއެވެ. މިކަން ކުރުމަށް އިރުޝާދުދެއެވެ.

  1. ދެމަފިރިންނަށް ޚާއްސަ ވަގުތުކޮޅު

ދިރިއުޅުން ފެށުނު ދުވަސްކޮޅު "ޑޭޓް" ތަކަށް ދިއުން އޮންނަނީ އާންމު ކަމަކަށް ވެފައެވެ. ނަމަވެސް ފަހުން ފަހުން އައިސް މިކަން މަދުވަމުން ގޮސް އެއްކޮށް ހުއްޓޭގޮތް ވާތަން ވަރަށް އާންމުކޮށް ފެނެއެވެ. ކުދިން ލިބުމަކުން މިކަމަށް ހަމަ އެއްވެސް ބަދަލެއް އަންނާކަށް ނުޖެހެއެވެ. ހަފްތާ ބަންދަކާ ދިމާކޮށް އާއިލާގެ މެމްބަރެއް ނުވަތަ އިތުބާރު ކުރެވޭ ރައްޓެއްސެއްގެ ގެއަށް ކުދިން ފޮނުވާށެވެ. އަރާމުކޮށް ސޯފާގައި އިށީނދެލައިގެން ތިބެ ވެސް އެކަކު އަނެކެއްގެ ހިތުގައި ހާމަނުކޮށް ކަންކަން ހުރި ނަމަ ހާމަކުރާށެވެ. އެކަކު އަނެކެއްގެ ހަޔާތަށް އައުން ކިހާ މުހިންމު ކަމެއްކަން ބައިވެރިޔާއަށް އިއްވާށެވެ. ކޮންމެ ދުވަހެއް ހޭދަވެގެންދާއިރު އެކަމަށް ޝުކުރވެރިވާވަރު ބުނެދޭށެވެ. ކުރިން ކޮށްފައި ނުވާ ކޮންމެވެސް އާ ކަމެއް ކުރާށެވެ. އާ ތަނަކަށް ގޮސްލާށެވެ. ކުރިން ނުކާ ކޮންމެވެސް އެއްޗެއް އެކުގައި ކާލާށެވެ. ފަހުން އެވަގުތުކޮޅު ހަނދާންކޮށްފައި އުފާވާނެ ފަދަ ގޮތަކަށެވެ.

  1. ލޯބީގެ ބަހުރުވަ ދަސްކުރުން

ލޯބި މާނަކުރެވޭ އެތައް ގޮތެއް ހުންނަ ފަދައިން ލޯބިހާމަކުރަން ވެސް އެކި މީހުނަށް ބޭނުން ވަނީ އެކިގޮތަށެވެ. ވަކިވެގެންދާއިރު ބައްދާލެވޭ ބައްދާލުމެވެ. ބައްދަލުވާހިނދު ނިތްކުރިއަށް ބޮސްދިނުމެވެ. ބަލިވެ އުޅޭނަމަ އަޅާލުމެވެ. ގޭތެރޭގެ ކަންކަމުގައި ދެވޭ އެހީތެރިކަމެވެ. އެހެން މީހުންގެ ފަރާތުން ބަދުބަހެއް ބުނުމަށް ނޭދެވުމެވެ. ބޭރުތެރޭގައި އުޅޭ އިރު އެހެން މީހެއްގެ ފުރައްސާރައެއް ލިބިދާނެކަމަށް ރައްކާތެރި ކުރުމެވެ. އެކި މީހުނަށް އެކި ގޮތަށެވެ. ތިމާގެ ބައިވެރިޔާގެ ބަހުރުވަ ދަސްކުރާށެވެ. ފިފނިފެން މަލަކުން ހެއްވާ ނުލެވޭ އަނބިމީހާ، ރީތި ތަށި ސެޓަކުން ހެއްވާލެވިދާނެއެވެ. އަގުބޮޑު ގަހާނާ ބޭނުން ނުވާ އަނބިމީހާއަށް އަމިއްލަ އަތުން ހަދާފައިވާ ކޮންމެވެސް އާދައިގެ ހަދިޔާއެކެވެ.

  1. ބައިވެރިޔާ ކުރަން ބޭނުންވެ ނުކުރެވިފައި ހުރި ކަމެއް ކޮށްދިނުން

ހަޔާތުގެ ކުރީކޮޅު ނުވަތަ ކައިވެނީގެ ކުރިންވެސް ބައިވެރިޔާ ކުރަން ގަސްތުކުރާ ކަމެއްގެ ވާހަކަ ބުނެ އެކަން ކުރަން ނޫޅޭނަމަ އެކަމެއް ކޮށްދޭށެވެ. މިސާލަކަށް އަނބިމީހާއަކީ ވަކި ދާއިރާއަކުން ކުރު ކޯހެއް ހަދަން ބޭނުންވާ މީހެއްނަމަ އޭނާއަށް ނޭނގި އެކަން ކުރެވޭނެ ގޮތް ހަދާށެވެ. އޭގެ ފަހުގައި އެކަން ބުނާށެވެ. ކޯހަށް ރަޖިސްޓަރ ކުރެވިދާނެއެވެ. ހަމަ އެގޮތަށް ޗުއްޓީގައި ފިރިމީހާ ވަކި ތަނަކަށް ދާން ބޭނުންވާ ވާހަކަ ކުރިން ބުނެފައި އޮތްނަމަ އެކަމެއް ކުރެވޭނެ ތަނަވަސްކަން ލިބުމުން "ސަރޕްރައިޒް" އެއްގެ ގޮތުގައި އެކަން ކޮށްދޭށެވެ. އޭރުން އެ ހާމަކޮށްދެވެނީ ބައިވެރިޔާގެ ހުވަފެން ނުވަތަ ހިތުގައިވާ އެދުން ތިމާއަށް މުހިންމު ކަމެކެވެ. އެކަމެއްގެ ފަހުން ބައިވެރިޔާގެ މޫނުމަތިން ފެންނަ ހިނިތުންވުން ތިމާ ބޭނުންވާ ވަރެވެ.

  1. އެއްވެސް ސަބަބެއް ނުވަތަ ޚާއްސަ ކަމަކާ ނުގުޅުވާ ހަދިޔާއެއް ދިނުން

ބައިވެރިޔާއަށް ކަމުދާނެ ނުވަތަ ބޭނުންވެދާނެ އެއްޗެއް ފެނިއްޖެނަމަ ވަކި ދުވަހެއް ނުވަތަ ހަފްލާއަކަށް މަޑުނުކޮށް އެ އެއްޗެއް ހަދިޔާ ކުރާށެވެ. ހަދިޔާ ދިނުމަކީ ލޯބި އިތުރުވާ ކަމެކެވެ. ބައިވެރިޔާ ދިނީތީ އެއީ ޚާއްސަ އެއްޗަކަށް ވާނެއެވެ.

  1. ބައިވެރިޔާގެ ހުރިހާ ކަމަކަށް އެހީތެރިވުން

މިހާރު ވަރަށް ގިނަ އަންހެނުންނަކީ ގޭގައި ތިބެގެން ވެސް އާމްދަނީ ހޯދުމަށް މަސައްކަތް ކުރާ މީހުނެވެ. އެކަން ކުރެވޭނެ މަގުވެސް ވަރަށް ފަސޭހައިން އޮތީ ފަހިވެފައެވެ. މިސާލަކަށް ކޭކް ހަދަން ދަންނަ އަނބިމީހާ އެކަން ކުރަން ބޭނުން ނަމަ އެކަމަށް ބޭނުންވާ ކަންކަން ފަހިކޮށްދޭށެވެ. މާރކެޓިންގެ ބަޔަށް އަނބިމީހާ ނުފަރިތަނަމަ އެކަންކޮށްދޭށެވެ. ހަމަ އެގޮތަށް ފިރިމީހާގެ ވެސް ފޮރުވިފައިވާ ހުނަރެއްވާ ނަމަ އެކަމެއް ކުރިއަރުވަން އަނބިމީހާ ހިތްވަރު ދޭށެވެ. ބައެއް ހާލަތްތަކުގައި އަނބިމީހާ ފިރިމީހާއަށް ވުރެ މައްޗަށް ތަޢުލީމް ޙާޞިލްކޮށްގެން ހުރެދާނެއެވެ. އެހެންކަމަށް ވާނަމަ ފިރިމީހާއަށް ވެސް އެކަމަށް ހިތްވަރުދީ ކިޔެވުން ކުރިއަށް ގެންދިއުމަށް އެހީތެރިވެވިދާނެއެވެ.

މިއީ ވަރަށް އާދައިގެ ވާހަކަ ތަކެއް ކަމަށް ހީވިނަމަވެސް ގަވާއިދުން މިކަންކަން ކުރެވޭ ނަމަ ޒަވާޖީހަޔާތް ބާއްޖަވެރިވެ އުފާވެރިވާނެއެވެ.