ދިވެހިންނަކީ އަބަދުވެސް އެއިރެއްގައި ވައިގައި ހިފާކަމެއްގައި ނުލާހިކު ފަސޭހައިން ޖެހޭ ބައެކެވެ. މީސްމީޑިއާގެ އެކި މަންސަތަކުން ފެންނަ ތަފާތު ކަންކަން ތަޖުރިބާކޮށްލާބައެކެވެ. މިގޮތުން މިހާރު ވައިގައި ހިފާފައިވަނީ ކޮތަޅަށް ތަފާތު ވައްތަރުގެ ކާތަކެތި އެޅުމަށްފަހު ތަޅައިގެން ކެއުމުގެ ރޯޅިއެކެވެ. ފުރަތަމަ 'ތެޅި އަނބުން' ފެށިގެން މިހާރު ފެނުނު ކޮންމެ ކާއެއްޗެއް މިރުހާއި ހަވާދާއި ލޮނު ކޮތަޅަކަށް އެޅުމަށްފަހު މުގުރަކުން، ނުވަތަ ދަނޑިބުރިއަކުން ތަޅައިގެން ކަނީއެވެ.
މިކަން ފެށުނީ ކިހިނެއް؟
އެންމެ ފުރަތަމަ މިކަހަލަ މަންޒަރުތަކެއް ފެނުނީ ޓިކްޓޮކުންނެވެ. އެ ވީޑިއޯގައި ޅައަނބު ބިނުމަށްފަހު، ވަޅިން ޅިޔަ/އަނި އަޅާތަން ފެނެއެވެ. އަދި ފޮތިގަނޑަކަށް އެޅުމަށްފަހު. ކޮތަޅު ތެރެއަށް މިރުހާއި ލޮނު އަޅައި ރަނގަޅަށް އައްސާލައެވެ. އެއަށްފަހު ހިލަގަނޑެއްމަތީގައި ބާރަށް އެ ތަޅައެވެ. އަދި ރަނގަޅަށް ޗަސްވުމުން ކާތަން ފެނެއެވެ.
ދިވެހިން މިކަމުގައިވެސް އުޅެނީ މާކުރީގައި؟
ފުރަތަމަ "ތެޅި އަނބު' ގެ ގޮތުގައި ގުރޫޕް ހަދައިގެން މިކަން ކުރާ މަންޒަރުތައް ފެންނަން ފެށިނަމަވެސް، މިފަހުން މިކަމުގައިވެސް ދިވެހިން ޖެހިލީ ތަންކޮޅެއް ކުރިޔަށެވެ. އަނބު މޫސުން ނަމަވެސް، ކޮންމެ ކޮންމެ ރަށަކުން އަނބު ލިބުމަކީ އުނދަގޫކަމަކަށްވީ ކަންނޭނގެއެވެ. ގޮބޮޅި، ގޮބު، ކުންނާރު، އާފަލު، ފޭރު މިހެންގޮސް މިޒާތުގެ ހުރިހާ އެއްޗެއް މިހާރު ކެވެނީ 'ތަޅައިގެންނެވެ'. މިކަން މިހާރު މިވަނީ އާންމުވެފައެވެ. ބައެއް މީހުން ބަތްވެސް މިހާރު ކެވެނީ ހުރިހާ އެއްޗެއް ކޮތަޅަކަށް އަޅައިގެން ތަޅައިގެންނެވެ.
މިކަމުގައި ވިސްނާލަން ޖެހޭކަމެއް ހަމަނެތީ ހެއްޔެވެ؟
މަޖަލަކަށް ހަދާފައި ކުރިޔަސް، މި ދެކެވެނީ ޕްލާސްޓިކް ކޮތަޅަކަށް ކާތަކެތި އެޅުމަށްފަހު ތަޅައިގެން ކާވާހަކައެވެ. 'ޕްލާސްޓިކް ދުނިޔެ' އެއްގައި އެކަމުން އަހަރުމެން ސަލާމަތްނުވެވިގެން އުޅޭއިރު، އަދި ނޭނގި އެހާ ބައިވަރު 'މަކްރޯ ޕްލާސްޓިކް' އަހަރުމެންގެ ހަށިގަނޑުގެ ތެރެއަށް ސީދާކޮށާއި ނުސީދާކޮށް އެތެރެވާއިރު، އެނގިތިބެ މި ކުރެވެނީ ކިހާ ނުރައްކާތެރިކަމެއްބާވައެވެ.
ދާދިފަހުން ކުރެވުނު ދިރާސާއެއްގައި ބުނާ ގޮތުން، އަހަރުމެން މޭވާ، ތަރުކާރީ އަދި މަހުގެ ބާވަތްތައް ކޮށާއިރު ބޭނުންކުރާ ޕްލާސްޓިކް ކަޓިންބޯޑު ނުވަތަ މެޓުން އަހަރުމެންގެ ހަށިގަނޑުގެ ތެރެޔަށް އެތައްހާސް މައިކްރޯ ޕްލާސްޓިކް އެތެރެވެއެވެ. 2022 ވަނަ އަހަރު ކުރެވިފައިވާ މި ދިރާސާއިން ދައްކާގޮތުން، ކަޓިންބޯޑުގައި ވަޅި ޖެހޭ ކޮންމެ ފަހަރަކު ބޯޑުން ވަކިވާ އެތައް މަކްރޯ ޕްލާސްޓިކެއް ކާނާއާއެކު އަހަރުމެންނަށް ކޮންމެ ދުވަހަކުވެސް ކެވެއެވެ. ފަސް މިލިމީޓަރުވެސް ނުހުންނަ މިކުދި ޕްލާސްޓިކް އެތިކޮޅުކޮޅު ނެތި ފަނާވާން އެތައް ސަތޭކަ އަހަރު ނަގާއިރު، އިންސާނާގެ ހަށިގަނޑަށް އެތެރެވާ ޕްލާސްޓިކް ބޭރުކުރެވޭނޭ މަގެއް އަދި ހޯދިފައިނެތްކަމަށް ވަނީ ފާހަގަކޮށްފައެވެ. އަދި މިގޮތަށް އެތެރެވާ ޕްލާސްޓިކްގެ ސަބަބުން ތަފާތު ކެންސަރު ބަލިތަކަށާއި އެހެނިހެން ނުކުޅެދުންތެރިކަމަށް މަގުފަހިކުރުވާކަމަށް މި ދެންނެވި ދިރާސާއިން ދައްކައެވެ.
މިހެން މިކަން އޮތްއިރު، މިހާރު ވައިގައި ހިފައިގެން އެންމެން އެކަމުގެ އަވައިގައި ޖެހިފައިވާ 'އަނބު ތެޅުން' ނުވަތަ ކޮންމެ އެއްޗެއް ލައިގެންވެސް ޕްލާސްޓިކް ކޮތަޅެއްގައި ތަޅައިގެން އެ ކާތަކެތިން ހަށިގަނޑުގެ ތެރެއަށް ކިހާ ޕްލާސްޓިކެއް އެތެރެ ވެދާނެބާވައެވެ؟ މިއީ ހަމަ ގައިމުވެސް މިއަދު ކޮށްލަން ޖެހިފައިވާ ސުވާލެކެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން