އަޅުގަނޑުމެންގެ މުޖްތަމަޢުއަށް އަދި ޖުމްލަކޮށް މުޅި ދުނިޔެއަށް ބެލިނަމަވެސް މަތީ މަގާމް ތަކުގައި މަސައްކަތް ކުރާ ކަނބަލުންނާއި، ބޮޑެތި ކާމިޔާބީތައް ހާޞިލްކޮށްފައިވާ ކަނބަލުންގެ އިތުރުން ގިނަ ކަންކަމަށް ޤާބިލް އަންހެނުންނަށް ހަޔާތުގެބައިވެރިޔަކު ހޯދުން ނުވަތަ ޒަވާޖީހަޔާތެއްގައި ގާއިމްވެގެން ހުރުން ބައެއްފަހަރު ވަނީ ވަރަށް އުނދަގޫ ކަމަކަށެވެ. މިފަދަ އަންހެނުންގެ ތެރޭގައި އާއިލާ ރޫޅުމުން އެކަނި ދަރިންގެ ކަންކަން ބަލަހައްޓާ އަންހެނުން ވަރަށް ގިނައިން ފެންނާނެއެވެ. ނުވަތަ ކައިވެނި ރޫޅި ނުވަތަ އަލަށް ވެސް ކައިވެނި ނުކޮށް ހުސްހަށިބަޔަށް ތިބޭ އަންހެނުން ފެނުމަކީ ވަރަށް އާންމު ކަމެކެވެ. އެއީ ދިރިއުޅުމުގެ ކޮންމެ މަރުޙަލާއެއްގައި ފިރިހެންނާއި އެއްވަރަށް ނުވަތަ ބައެއް ފަހަރު ފިރިހެނުންނަށްވުރެ ކުރިއަރައިގެން ވެސް ދާބައެކެވެ. އެހެން ވިއްޔާ ބައިވެރިޔަކު ހޯދުން އެއީ އެހާ އުނދަގޫ ކަމަކަށް ވަނީ ކިހިނެތް ވެގެން ބާއެވެ. މި އަދު މި ބަލާލަނީ ޚިޔާލު ހޯދުމުގެ ދިރާސާ ތަކާއި ނަފްސަނީ ޢިލްމުވެރިންގެ ފަރާތުން ލިބިފައިވާ މައުލޫމާތަށް ބަލައިގެން ތައްޔާރުކޮށްލެވިފައިވާ ބައެއް ސަބަބު ތަކެވެ. ތިޔައީ ފިސާރި ކަނބަލެއް ނަމަ ނުވަތަ އެފަދަ ކަނބަލަކު ދަންނަ ނަމަ ހަޔާތާއި ގުޅުން ހުރި ވަރެއް ވަޒަން ކޮށްލާށެވެ.

  1. ކޮންމެ ކޮންމެ ގޮތަކަށް ނުރުހެވުން

ފިސާރި އަންހެނެއް ނަމަ އެމީހުން ގަބޫލު ކުރާ ނުވަތަ ބޭނުންވާ ވަކި މިންގަނޑެއް އޮވެއެވެ. އެއަށް ވުރެ ދަށުން އެއްވެސް ކަމެއް ގަބޫލުކުރާކަށް ބޭނުމެއް ނުވާނެއެވެ. މިސާލަކަށް ފިރިހެނަކު އެމީހުންނާއި މުޢާމަލާތު ކުރަން ޖެހޭ މިންގަނޑެއް އެމީހުން އަމިއްލައަށް ކަނޑައަޅފައިވެއެވެ. އެއާ އެއްވަރަށް އެކަން ނުކުރެވޭނަމަ އެމީހުން އެ ގުޅުމަކުން ދުރުވާނެއެވެ. އެމީހުން ގަބޫލުކުރާ މިންގަނޑު ދަށްކޮށްގެން އުޅެން ބޭނުމެއް ނުވާނެއެވެ.

  1. ވާހަކަ ދައްކަން ފަސްނުޖެހުން

މިފަދަ އަންހެނުންނާއި މެދު އެއްވެސް މީހަކު ގޯސްކޮށް ކަމެއް ކޮށްފިނަމަ އެކަމެއްގެ ވާހަކަ ބުނެ، ދޮގެއް ހަދައިފިނަމަ އެކަމެއްގެ ދޮގުކަން ސާބިތުކޮށްދޭން މިމީހުން ފަހެއް ނުޖެހޭނެއެވެ. ގޯސްކަމެއް ކޮށްފިނަމަ ގޯސްކަމަށް ބުނެ ވާހަކަ ދައްކަން ފަސްނުޖެހުމުގެ ސަބަބުން ގިނަ ފަހަރަށް މީހުންގެ ނަފްރަތާވެސް ކުރިމަތިލާން ޖެހެއެވެ.

  1. ފިރިހެނަކު ނެތިގެން ކަމެއް ނުފުދި ހުންނަން ނުޖެހުން

މިފަދަ އަންހެނުން ވެސް ލޯތްބާއި އަޅާލުން ބޭނުންވެއެވެ. ނަމަވެސް ފިރިހެނަކު ނެތިގެން އެމީހުންގެ ދިރިއުޅުމުގެ ކަންކަން ނުކޮށް ނުތިބޭނެއެވެ. ގޭތެރޭގެ މަސައްކަތްތަކާއި އާމްދަނީ ހޯދުން ފަދަ ކަންކަމުގައި މީހެއްގެ އެހީއަކަށް ނޭދޭނެއެވެ. ލޯބި އެއީ ކޮންމެހެން މުހިންމު އެއްޗަކަށް ވުމުގެ ބަދަލުގައި އެއީ ދިރިއުޅުން އިތުރަށް ފުރިހަމަ ކުރަން ބޭނުންވާ އެއްޗެއް ކަމަށް އެމީހުން ގަބޫލު ކުރެއެވެ. އެމީހުން ތިބެނީ އެމީހުންގެ ދިރިއުޅުމާއި މެދު ހިތްހަމަޖެހިފައެވެ. އެކަނިވެރިކަން ދެކެ ބިރުން ނުވަތަ މުސްކުޅިވާ ދުވަހު އެކަނި ވެދާނެ ކަމަށްޓަކައި އެމީހުންގެ ހަޔާތަށް ކޮންމެ ކޮންމެ ފިރިހެނަކު ނުގެންނާނެއެވެ.

  1. ވިހަ ގުޅުމަކުން ނިކުމެގެން ދާން އެނގުން

ވަރިކުރުމުގެ ހައްގު ފިރިހެނުންނަށް އޮންނަ ފަދައިން ވަރިއަށް އެދުމުގެ ހައްގު އަންހެނުންނަށްވެސް އޮވެއެވެ. އެފަދަ ޙާލަތެއް މެދުވެރިވެއްޖެނަމަ ޖެހިލުމެއް ނެތި އެ ކައިވެންޏަކުން ނިކުންނަށް މިފަދަ އަންހެނުންނަށް އެނގެއެވެ. އަދި ކެރެން ވެސް ކެރޭނެއެވެ. އެއްވެސް މީހަކު އެމީހެއްގެ ހަޔާތުގައި ހުރުމަށް އާދޭސްކުރުން އެއީ މިފަދަ އަންހެނުން ކުރާނެ ކަމެއް ނޫނެވެ. ވިހަ ގުޅުމެއް ނަމަ އެކަމުގައި ރޯން ނުހުރެ ނިކުމެގެން ގޮސް އަމިއްލަ ހާލަށް އުޅެވޭނެ ކަމާ، އެއަށްވުރެ ރަގަޅު ދިރިއުޅުމެއް ހޯދޭނެކަމުގެ ޔަގީންކަން އެމީހުނަށް އޮވެއެވެ.

  1. ދެވަނަ އިޚްތިޔާރަށް ވާން ބޭނުން ނުވުން

ފިސާރި އަންހެނެއް ނަމަ އެމީހުންނަކީ އެމީހެއްގެ ބައިވެރިޔާގެ ފުރަތަމަ އަދި ހަމަ އެކަނި އުފާކަމުގައި ވާން ބޭނުންވާނެއެވެ. ގިނަ އަންހެނުންނާ ގުޅުން ބާއްވާ ފިރިހެނުންގެ ބައިވެރިއަކަށް ވާން ބޭނުން ނުވާނެއެވެ. މިބުނަނީ ދީނުގައި އޮންނަ ގޮތަށް 4 އަނބިން ހޯދުމަށް ހުރަސްއަޅާ ވާހަކައެއް ނޫނެވެ. ނަމަވެސް ބައިވެރިޔާގެ ފަރާތުން ތެދުވެރިކަމާއި ވަފާތެރިކަން ނުލިބޭ ނަމަ އެގުޅުން ކުރިއަށް ނުގެންދާނެއެވެ. އެކަކު ރުޅިވެއްޖެނަމަ ދެން ހުންނަ މީހަކަށް ވެގެން ތިބެން ފިސާރި އަންހެނުން ބޭނުމެއް ނުވާނެއެވެ.

  1. ކޮންމެ ކަމެއްގައިމެ ތަފާތުކަން ދެއްކުން

ހަޔާތުގެ ބައިވެރިއަކަށް ފިސާރިއަންހެނަކު ލިބިއްޖެ މީހަކަށް ފާހަގަ ކުރެވޭނެ އެއްކަމަކީ އެމީހުންގެ ޢަމަލުތައް ކޮންމެ ކަމެއްގައިވެސް ތަފާތު ކަމެވެ. ގޭތެރޭގެ ކަންކަމުގެ އިތުރުން އެއްދާން ކުރުމާއި ހަމައަށް އެމީހުން ބޭނުންވާ ގޮތް ބުނަން ޖެހިލުމެއް ނުވާނެއެވެ. އަދި މިފަދަ ކޮންމެ ކަމެއްގައި ބައިވެރިޔާ ހައިރާންކޮށްލުމަށް ވަރަށް ތަފާތު ކަންކަން ކުރަން ފަހެއް ނުޖެހޭނެއެވެ. ބައެއް ފިރިހެނުން މިކަން ނަގަނީ އެމީހުންގެ ފިރިހެންކަމަށް ކުރެވޭ މަލާމާތެއްގެ ގޮތުގައެވެ.

  1. ނޫން ޖަވާބަށް ޖެހިލުން ނުވުން

ފިސާރިއަންހެނުންނަށް ނޫން ބަހުން ޖަވާބު ދިނަސް އެމީހުން ފަހެއް ނުޖެހޭނެއެވެ. މިފަދަ އަންހެނުންނަށް އެނޫން އަންހެނުންނަށް ވުރެ ގިނައިން މިކަމާ ކުރިމަތި ލާންޖެހެއެވެ. ސަބަބަކީ އެމީހުންގެ ބޭނުންވާ އެއްޗެއް ނުވަތަ ކަމެއް ހޯދަން ފިސާރިއަންހެނުން މަސައްކަތް ކުރާނެއެވެ. ލިބުން އެއްޗަކަށް ހެޔޮވެގެން ކަމެއް ހޯދަން ނޫޅޭމީހަކަށް މީހަކު ނޫން ޖަވާބެއް ނުދޭނެއެވެ. ނަމަވެސް މިފަދަ ކަންކަމުން ހިތްވަރުގަދަ އަންހެނުން މާޔޫސް ނުވާނެއެވެ. އެއިން ހިތްވަރު ލިބިގެން އިތުރަށް ކުރިއަށް ދާނެއެވެ.

  1. ކަންތައް ހިނގަމުންދާ ގޮތާއި މެދު ސުވާލުކުރުން

ފިރިހެނުން އަޑުއަހަން ބޭނުންނުވާ ސުވާލު ކުރުމަކީ ޒަވާޖީހަޔާތެއްގައި ދެމި ހުރުމަށް ވަރަށް ބޮޑު ހުރަހަކަށް ގިނަ ފިރިހެނުން ދެކެއެވެ. ފިސާރިއަންހެނުން އެމީހުނާއި މެދު ކަންހިނގާ ގޮތާއި ގޭތެރެއާއި އާއިލާގެ ކަންކަމުގެ ތެރެއަށް ވަދެ އެކަމުގައި ގޯހުން ހިނގާ ކަންކަމާއި މެދު ސުވާލުކުރާނެއެވެ. އެމީހުންނަކީ އާއިލާއާއި ރައްޓެހިންގެ ހުރިހާ ކަމެއްގައި ބައިވެރިވެގެން އުޅެންބޭނުންވާ މީހުނެވެ.

  1. ކުރިން ހިތް ކުދިކުދިވެފައިވުން

މާގަދަވެފައި ދެރަ ނުވާކަމަށް ހެދިގެން އުޅުން ނަމަވެސް ހިތްވަރު ގަދަ ފިސާރިއަންހެނެއްގެ ހަޔާތަށް ބަލާލައިފި އެމީހުންނަކީ ކުރިން ލޯބިވެ ކޮންމެވެސް ގޮތަކުން ހިތްކުދިކުދި ވެފައިވާ މީހުންނެވެ. މިހެން ވުމުގެ ސަބަބުން ދެން އެފަދަ ކަމެއް ނުވާނެގޮތަށް އެމީހުންގެ ޝަހުސިއްޔަތު ބަދަލުކޮށްލަނީއެވެ. ނަމަވެސް މިމީހުންނަކީ ފަހުންވެސް މީހުން ދެކެ ލޯބިވާ ބަޔަކަށް ވާނެއެވެ. ނަމަވެސް ދެން އިތުރަށް މީހަކު ދެކެ ލޯބިވާނަމަ އެ ލޯބި އެންމެ ހައްގުވަނީ ކާކަށްތޯ ބަލަން މަޑުކުރާނެއެވެ.

  1. އެމީހުންގެ ކާމިޔާބީ އެހެން މީހަކު މިންކުރަން ދޫނުކުރުން

ފިސާރިއަންހެނުންގެ މަސައްކަތާއި، ރައްޓެހިން އިޚްތިޔާރުކުރުމާއި ލިބޭ އެހެން ކާމިޔަބީތައް އެހެން މީހެއްގެ ތަރާދުން ކިރަން އެމީހުން ދޫކޮށް ނުލާނެއެވެ. އެމީހުން ގަބޫލުކުރާ މިންގަނޑަށް ކަންކަން ގެންދާނެއެވެ. އެމީހުން ގަބޫލުކުރާ ގޮތުގައި ކޮންމެ ކަމެއް ކޮންމެ ގޮތަކަށް ހުރި ނަމަވެސް އެންމެ އެކަށޭނަ މީހާއާއި ބައްދަލުވުމުން އެމީހަކު އަންހެނުންގެ އަގު ވަޒަން ކުރާނެއެވެ. ވަކި މީހަކު ހަޔާތަށް ގެނައުމަށް ވަކި ކަމެއް ހާޞިލްކުރަން މިފަދަ އަންހެނުން ބޭނުމެއް ނުވާނެއެވެ.