މަސްތުވާތަކެއްޗަކީ އަޅުގަނޑުމެންގެ މުޅި މުޖްތަމަޢުއަށް ފެތުރިފައިވާ ވަރަށް ނުބައި ވަބާއެކެވެ. ޖީލެއް ހަލާކުގެ މަގަށް ގެންދިޔަ ވިހައެކެވެ. އާއިލާތަށް ރޫޅި ތުއްތުކުދިން ބިކަވެގެން ދިޔަ ސުންޕާ އެއްޗެކެވެ. މުސްކުޅިވި ދުވަހު މައިންބަފައިންގެ ލޮލުން ކަރުނަ ނުހިކުނު ސަބަބެވެ. ބުނެވޭގޮތުގައި ދިވެހި މުޖްތަމަޢުގައި މި ބަދުނަސީބު ތަޖުރިބާ ކުރަން ނުޖެހޭ އާއިލާއެއް މަދެވެ. ވަރަށް ހިތާމަހުރި ކަމެކެވެ. މިކަމާ ގުޅުން ހުރި ވަރަށް ހައިރާންކުރުވަނިވި އެހެން ކަމެއް މިއަދު ފާހަގަކޮށްލާނަމެވެ.

މަސްތުވާތަކެއްޗަށް ދެވިހިފައިގެން ގޮސް ވަޒީފާއެއް އަދާނުކޮށް، ފެންނުވަރާ، މީހުންގެ އަތުން ފޭރެމުންދުވާ މީހާގެ ފަރާތުން ފެންނަ ވަރަށް އާދަޔާ ޚިލާފް ކަމެކެވެ. މަގުތައް މަތިން ވަރަށް އާންމުކޮށް ފެންނަ ކަމެކެވެ. މިހެން ތިބޭ ފިރިހެނަކު ކާރީގައި ނަމަ ވަރަށް ރީތި ކޮންމެސް އަންހެންކުއްޖަކު ހުއްޓާފެނުމެވެ. ގިނަފަހަރަށް މި އަންހެންކުއްޖަކީ ތަނަވަސް އަދި އަބުރުވެރި އާއިލާތަކަށް އުފަން، ތަޢުލީމީ އަދި ރަގަޅު ވަޒީފާތަކުގައި އުޅޭކުދިންނެވެ. މިހެން ދެކުއްޖަކު މަގުމަތިން ދާތައް ފެނުމުން ދުވާލުދާ ހަތަރު ދަމު މަސައްކަތްކޮށްގެން އާއިލާއަށް އެހީތެރިވާ މީހާގެ ހިތާހިތާ ކިޔާލެވެއެވެ. ރަގަޅީ ފާޑުފާޑުގެ އެއްޗެހި ބުއިވަރެކެވެ. މިއީ ރަގަޅު ވިސްނުމެއް ނޫނެވެ. ނަމަވެސް މިހެން މިކަން ހިނގައެވެ.

މަސްތުގެ ހާލަތުގައި ހުރެ ހަޑިހުތުރުބަހުން ވާހަކަ ދައްކާ ގަޔަށް އަތްލާ އަނިޔާކުރާ އިރުވެސް އަންހެންކުދިން މިފަދަ ފިރިހެނުންނާއި އެކުގައި އުޅެން ޖެހޭ ސަބަބެއް ގިނަ މީހުނަށް ނުވިސްނެއެވެ. ތަންކޮޅެއް ކުރިން އަޅުގަނޑުގެ ދަށުން ވަޒީފާއަދާކުރި ކުއްޖަކާ މިކަމާ ވާހަކަ ދައްކާލީމެވެ. އޭނާގެ ވާހަކައިން އެނގުނު ގޮތުގައި ހިތަށް އައިހާ އެއްޗެއް ގޮވާ އަނިޔާކުރާ އިރުވެސް އަނެއްކާވެސް ގުޅުން ބޭއްވެނީ މަސްތުކަން ކެނޑުމާއި އެކު މާފަށް އެދި އެކަމާ ދެރަވެގެން ވާހަކަ ދައްކާތީއެވެ. އެއްވެސް ކަމެއްގައި މާފަށް އެދުމަކީ އާންމުކޮށް ފިރިހެނުންނަށް އުނދަގޫ ކަމެކެވެ. ނަމަވެސް މިފަދަ ފިރިހެނުން ތަކުރާރުކޮށް މާފަށް އެދި ދެން އެހެން ނުވާނެކަމަށް ބުނެ ވާހަކަ ދެއްކުމުން އަންހެން ކުދިންގެ ހިތް ވިރެނީއެވެ. އެ ވާހަކަ ތެދުވާނެކަމަށް ގަބޫލު ކުރެވެނީއެވެ.

ދެވަނަ ކަމަކަށް ފާހަގަވީ މިފަދަ މީހުންނަކީ ވަރަށް ތަޢުރީފްކުރަން މޮޅުބައެކެވެ. އަންހެނުންގެ ރީތިކަމަށް ތަޢުރީފްކުރާ އަޑު އެހުމަކީ އަންހެނުންގެ ފިޠުރަތުގައި ހުންނަ ކަމެކެވެ. ބުނާ ކޮންމެ ބަހެއްގައި ތަޢުރީފްކުރުމުން އަންހެން ކުދިން އެމީހުނާ ވާހަކަ ދައްކަން ބޭނުންވެއެވެ. މިއީވެސް ދިވެހި ފިރިހެނުންގެ ފަރާތުން މަދުން ފެންނަ ސިފައެކެވެ. އަނބިމީހާގެ ރީތިކަމަށް ތަޢުރީފްކޮށް އޭނާއަކީ ޚާއްސަމީހެއް ކަމަށް އަބަދުމެ ބުނެ ހަނދާންކޮށްދިނުމަކީ މުހިންމު ކަމެކެވެ. މަސްތުވާތަކެތި ބޭނުންކުރާ މީހުނަށް މިކަން ވަރަށް ރަގަޅަށް ވިސްނެއެވެ.

ކޮންމެ ހާލެއްގައިވެސް އެކުގައި އުޅޭނެކަމަށް ވަޢުދުވެ މުސްތަޤްބަލަށް ފޮނި ހުވަފެންދައްކާ ޕްލޭންތައް ކުރުމަކީ ގިނަ އަންހެނުންގެ ބަލިފައެވެ. ބަލިވުމުންނާއި އެމީހުންގެ ފަރާތުން ގަސްތުގައި ދެވޭ އަނިޔާއަށް ފަރުވާކުރުމުގައި އަޅާލާ ހެދުމުން ވެސް އަލުން އަނެއްކާވެސް ވާހަކަ ދައްކަން އުޅެން ބޭނުންވާ ކަމަށް މި ފަދަ ކުދިންގެ ވާހަކައިން އެނގެއެވެ. ފޮޓޯ އިން ތިޔަ ފެންނަނީ ދިވެހި އަންހެންކުއްޖަކު ވާހަކަ ދައްކަމުން ދިޔަ، މަސްތުވާތަކެތި ބޭނުންކުރާ މީހަކު އެ އަންހެކުއްޖާގެ އިސްތަށިގަނޑު ވަޅިއަކުން ބުރިކޮށްލަން އުޅުން ދުވަހު ލިބުނު އަނިޔާއެވެ. ހަމަ ޖެހިގެން އައި ދުވަހުވެސް އެ އަންހެންކުއްޖާ ހުރީ މި ބުނާ ފިރިހެންކުއްޖާއާއި އެކުގައެވެ. ދެވުނު އަނިޔާއަށް މާފަށް އެދުމުންނެވެ. ދެން އެފަދަކަމެއް ނުކުރާނެކަމަށް ބުނުމުންނެވެ. ލިބުން ޒަޚަމް ފަސޭހަ ވަންދެން ފިރުމަން ހުންނާނެކަމުގެ ޔަގީންކަން ދިނުމުންނެވެ.

މިއީ އަންހެންކުދިން އަދި އަންހެނުން ވަރަށް ބޮޑަށް ވިސްނަންޖެހޭ ކަމެކެވެ. ކައިވެނީ ކުރެވުނީތީ އިތުރަށް ކޮންމެހެން ތިޔަ ގުޅުމުގައި ހުރުމެއް ނެތެވެ. ކުއްޖަކު އޮތީތީވެ ތިކަން ތަހައްމަލު ކުރަން ހުއްޓާ އިތުރުވާނީ އެހެން ކުއްޖެކެވެ. ކުދިންގެ ބައްޕަ އާއި ކުދިން ދުރުވެދާނެކަމަށް ބިރުން ހުއްޓާ މަސްތުގެ ހާލަތުގައި ހުރެ އެކުދިންގެ ޢިއްފަތް ފޭރިގަތުމަކީ ވެސް ހިނގާކަންކަމެވެ. މަސްތުވާ ތަކެއްޗަކީ އެމީހުންނަށް ވެސް ހެޔޮ ނުބައި އެނގިހުރެ ގަސްތުގައި އިޚްތިޔާރުކުރާ އެއްޗެކެވެ. އެކަމުގެ ސަބަބުން އިތުރު ކުދިންނާއި އާއިލާގެ އެހެން މީހުންގެ ދިރިއުޅުން ބިރުވެރިކަމުގެ ތެރެއަށް ވައްޓާލުން ބުއްދިވެރިއެއް ނޫނެވެ. ގަސްތުގައި ނުބައި މަގު އިޚްތިޔާރުކުރި މީހާ ހެޔޮމަގަށް އަޅުވަން މަސައްކަތްކުރުމުގެ ތެރޭގައި އަމިއްލަ ހަޔާތް ބަރުބާދުކޮށް އާޚިރަތް ގެއްލުވާލުމެއް ނެތެވެ. މީހަކަށް ހެޔޮއެދިގެން މަސައްކަތްކުރަން ވެސް ހައްދެއް ކަނޑައަޅަންވާނެއެވެ. އެކަން ނިމޭ ހިސާބުން އަމިއްލާ ނަފްސާއި ޖިސްމާއި އާޚިރަތަށް ވިސްނުން ބުއްދިވެރިއެވެ.