ވާހަކައެއް ދައްކަމުން ދާއިރު ކޮންމެވެސް މީހަކު އެ ދައްކާ ވާހަކަ ކުރިމަރާލުމަކީ އަޅުގަނޑުމެންގެ ތެރެއިން ހަމަކޮންމެ މީހަކުމެ ތަޖުރިބާކުރާ ކަމެކެވެ. އާއިލާއާއިއެކު ކާމޭޒު ކައިރީގައާއި، ރައްޓެހިންނާއި އެކު ހޭދަ ކުރާ ވަގުތުގެ އިތުރުން މަސައްކަތުގެ މާހައުލުގައިވެސް މިކަން ހިނގައެވެ. އަމިއްލައަށް ވެސް މިކަން ކުރެވޭ ފަހަރު އާދެއެވެ. އަދި ފަހުން އެކަމާ ލަދުވެސް ގަނެއެވެ. ނަމަވެސް އެއްވެސް ޖެހިލުމެއްނެތި އަބަދު މިކަން ތަކުރާރުކުރާ މީހުން އަޅުގަނޑުމެނަށް ފާހަގަ ކުރެވެއެވެ. ކިތަންމެ މުހިންމު ވާހަކައެއް ދައްކަމުން ދިޔަ ނަމަވެސް މިފަދަ މީހުން އެކަމަށް އަޅައެއް ނުލައެވެ. އަދި މީހަކަށް "ސަރޕްރައިޒް" އެއް ދޭން ރާވާފައި އެކަމުގެ ވާހަކަ ދައްކަމުން ދަނިކޮށްވެސް މުޅި ޕްލޭން ބޮއްސުން ދުއްވާލާ ފަހަރުވެސް އާދެއެވެ.

މިގޮތަށް ވާހަކައިގެ ތެރެއަށް ވަންނަ މީހުން އެކަން ކުރަނީ ކިހިނެތްވެގެންކަންވެސް ވިސްނާލަން ޖެހެއެވެ. އެއީ ވާހަކަ ދައްކަމުންދާ މީހާއަށް އިޙްތިރާމް ނުކުރާކަމުގެ ނިޝާނެކެވެ. އަދި މިހެން މިކަން ކުރަނީ އެ ވަގުތު އެތަނުގައި ތިބި މީހުންގެ މެދުގައި މަޤްބޫލު މީހަކަށް ވުމަށް ނަމަވެސް އެކަން ވަނީ ދިމާ އިދިކޮޅަށެވެ. މިފަދަ މީހުނަށް އެހެންމީހުންގެ ރުހުމެއްވެސް ނުލިބެއެވެ. ބައެއް މީހުން މިކަން ކުރަނީ ކެތްތެރިކަން ކުޑަވެ، ދައްކަމުންދާ ވާހަކައިގެ އަނެއްބައި އޭނާއަށް އެނގޭކަން އެހެން މީހުނަށް ދައްކާލުމަށެވެ. ނުވަތަ ދައްކާވާހަކައިގެ ސަބަބުން ލިބޭ އުފަލަކުން އިތުރަށް މަޑުކުރަން ބޭނުންނުވެ އެމީހާވެސް އެކަމާއި މެދު ދެކޭގޮތް ހާމަ ކުރެވެނީއެވެ.

ނަމަވެސް މިއީ މުހިންމު ވާހަކަތަކުގެ ބުރަދަން ގެއްލި، ވާހަކަދައްކާމީހާ އާއި ދެން ތިބޭމީހުންވެސް ފޫހިވާ ކަމެއް ކަމުން މިކަން ހުއްޓުވޭނެ ގޮތްތައްވެސް ބަލަންޖެހެއެވެ. އެންމެ ފުރަތަމަ ގޮތަކީ ވާހަކަ ދައްކަން ފެށުމުގެ ކުރިން އެންމެނަށް ވެސް އެކަން ހަނދާންކޮށްދިނުމެވެ. ވާހަކަ ނުނިމެނީސް އެކަމުގެ ތެރޭގައި އެއްވެސް އެއްޗެއް އެކަކުވެސް ބުނެގެން ނުވާނެކަން ސާފުބަހުން ބުނާށެވެ. ހުށައެޅުމެއް ހުށައަޅާ ނަމަވެސް އެއްކޮށް ނުނިމެނީސް މީހުން ވާހަކަ ދައްކާނަމަ، ސުވާލުކޮށް ހިޔާލުފާޅުކުރުމަށް ވަގުތު ދެވޭނެކަން ބުނެ އަންގާށެވެ.

ވާހަކަ ކުރިމަރާލުމުން އުނދަގޫވާކަމަށް ކޮންމެވެސް އެހެންވަގުތެއްގައި ބުނާށެވެ. އެންމެން ތިބެގެން އެކަމާ ބަހުސްކޮށް އެކަން ނުކުރުމަށް އެއްބަސް ވާށެވެ. އަދި އެއްބަސް ކުރުވާށެވެ. ހަޔާތުގެ ބައިވެރިޔާ ނުވަތަ އާއިލާ މެމްބަރެއް ނަމަ ވަކިން މިވާހަކަ ދައްކާށެވެ. ދެންވެސް މިކަން ތަކުރާރުވާ ނަމަ ވާހަކައިގެ ތެރެއަށް ވަދެ އެއްޗެއް ބުނާ ހިސާބުން، "އަހަރެންގެ ވާހަކަ ނިންމާލަންތަ؟" މިހެން ވެސް ސުވާލު ކުރެވޭނެއެވެ. ނުވަތަ މީހަކު ވާހަކަ ދެއްކިއަސް އަޅާނުލާ ތިމާގެ ވާހަކަ ކުރިއަށް ގެންދާށެވެ. ނުވަތަ ވާހަކަ ހުއްޓާލުމަށްފަހު އެތަނުން ނިކުމެގެން ދާށެވެ. ދެން ފަހަރަކުން އެހެން ހަދަން ޖެހިލުންވާނެއެވެ.

ވާހަކަ ފަރުމާ ކުރާ އިރުވެސް މާދިގު ނުކޮށް އެހެން މީހުންގެ ޚިޔާލާއި ސުވާލަށް ވަގުތު ދީގެން ފަރުމާ ކުރެވޭ ނަމަވެސް މިކަން ދިމާވުން ކުޑަވާނެއެވެ.