އަޅުގަނޑުމެންގެ މުޖުތަމަޢުގައި ކަންކަން ހިނގަމުންދާ ގޮތުން ސިޔާސީ ކޯޅުންގަނޑެއް ނޫނީ ނޫސްތަކުގެ ސުރުޚީތަކުން ނުފެނެއެވެ. ސިޔާސީ މަންފާއެއް ހޯދުމަށް ނޫނީ މަޖިލީހަށް ބިލްތައް ލައިގެން ކަންބޮޑުވުން ފާޅުކުރާތަނެއް ނުފެނެއެވެ. ސިޔާސީ ބަދަލު ހިފުމަކަށް ނޫނީ ކުއްލި ކުއްލިއަށް ގާނޫނުތައް ބަދަލު ކުރާތަނެއް ނުފެނެއެވެ. މިއީ ހިތާމަކުރަން ޖެހޭ ކަމެކެވެ. އެންމެން ސިޔާސީ ވެގެން ތިއްބާ ގައުމެއްގެ ޒުވާން ޖީލު ހަލާކުވެގެންދާ ގޮތާއި މެދު ވިސްނާ އެކަމުގެ ވާހަކަދައްކާ މީހުން މަދެވެ.

އެންމެ ގިނަ ބަޔަކަށް ފެންނަނީ މަސްތުވާތަކެއްޗާއި ވައްކަމުގައި ބައިވެރިވާ ޒުވާނުން ގިނަ ކަމެވެ. މިއީ ތަޢުލީމީ ހަޔާތް އަވަހަށް ނިންމާ، ހަރުދަނާ ވަޒީފާއަކަށް ނުގޮސްތިބޭ މީހުންގެ ފަރާތުން ގިނައިން ފެންނަ ކަންކަމެވެ. މިފަދަ ކުދިންގެ ތެރޭގައި ރޫޅިފައިވާ އާއިލާތަކުން އައިސްފައިވާ ކުދިން ގިނަކަން ވެސް ފާހަގަކޮށްލަން ޖެހެއެވެ. މާރާމާރިތަކުގައި ވެސް ހަރަކާތްތެރިވާ ތަން ގިނައިން ފެންނަނީ މި ފަދަ ކުދިންނެވެ. އެހެންކަމުން މިފަދަ ޚަބަރުތައް ފެނުމުން، އެއީ އާއިލާ ރޫޅުމުން ވީ ގޮތްކަމާ، ވަޒީފާނެތީމާ އުޅޭ ގޮތްކަން ނުވަތަ ތަޢުލީމް ލިބިފައި ނެތުމުން އުޅޭ ގޮތް ކަމަށް ބުނެ ފުއްދާލެވެއެވެ.

ނަމަވެސް ދިވެހި ހަރުދަނާ އާއިލާތަކަށް ނިސްބަތްވެ، ފުރިހަމަ ތަރުބިއްޔަތު ލިބިގެން ބޮޑެތިވެ، މަތީ ތަޢުލީމު ޙާޞިލްކޮށްގެން ރަގަޅު ވަޒީފާތަކުގައި ތިބި ބައެއް ކުދިންގެ ވިސްނުން ހުރީ ވަރަށް ހިތާމަ ކުރަން ޖެހޭ ހިސާބުގައެވެ. އުމުރުން 7 އަހަރުވާ އިރު ޤުރުއާން ހަތިމްކޮށްދީ، ހަމަ އެ އުމުރުގައި ނަމާދުކުރަން ދަސްކޮށްދީ، ދީނީ އެހެން ހުރިހާ ކަމަކަށް އަހުލުވެރިކޮށްގެން ބޮޑެތި ކުރުމުން އުމުރުން 20 އަހަރުން މައްޗަށްދާ ފަހުން ހެއްދެވި ފަރާތެއް ވާކަމަށް ޝައްކު އުފެދުން މިއީ ވަރަށް ނުރައްކާތެރި ވިސްނުމެކެވެ. މިއީ އަޅުގަނޑުމެންގެ ތެރޭގައި މިހާރު ވަރަށް ގިނަ އަދަދަކަށް ފެތުރިފައިވާ ވިސްނުމެކެވެ. އަޅުގަނޑުމެނަށް ފާހަގަ ކުރެވެނީ ދީނަށް ފުރައްސާރަކޮށް ވީޑިއޯ އާންމުކޮށް ނުވަތަ ލިޔުންތައް ލިޔާ މީހުނެވެ. ނުވަތަ މީސްމީޑިޔާގައި ޕޯސްޓްތަކަށް ކޮމެންޓް ކުރާ ފަރާތްތަކެވެ. މި މީހުނާއި މެދުވެސް ގާނޫނީ ފިޔަވަޅެއް އެޅޭތަން ފެންނަނީ މަދުންނެވެ.

އެކަމުގެ ނަތީޖާއޭ ވެސް ބުނެވިދާނެއެވެ. އެއްވެސް ދީނެއް ގަބޫލު ނުކުރާ ދިވެހިން އަޅުގަނޑުމެންގެ ތެރޭގައި ގިނަވެފައިވަނީ، ގައުމަށާއި ދީނަށް ލޯބިކުރާމީހުން ބިރުގަންނަ ހިސާބަށެވެ. ނަމަވެސް މިކަން މިހެންވާން ޖެހޭ ސަބަބެއް ސާފުވާން ޖެހެއެވެ. އާއިލީ ތަރުބިއްޔަތާއި ތަޢުލީމީ ނިޒާމުގައި މައްސަލައެއް ހުރި ނަމަ އެކަން ޙައްލުކުރަން އަވަސްވެ ގަންނަން ޖެހެއެވެ.

ރޯދަމަސް އައިސް އަޅުގަނޑުމެނާ ބައްދަލު ކުރީއެވެ. ދުނިޔެ ކޮންމެ ހާލެއްގައި އޮތްނަމަވެސް މިމަސް އައުމުން ކޮންމެ މުސްލިމަކަށްވެސް ކުރެވޭ އިޙްސާސް ވަރަށް ތަފާތު ވާނެއެވެ. މި މަހަކީ އާއިލީ އަދި ރަޙްމަތްތެރި ކަމުގެ ގުޅުން ބަދަހި ކުރާމަހަކަށް ވެސް ރޯދަމަސް ވެގެންދެއެވެ. އެގޮތުން އާއިލާއާއި ވަކިން، ތަޢުލީމް ޙާޞިލްކުރަން އައިސް ހުރި ކުއްޖެއްގެ ކައިރީގައި، ރޯދަމަހު ރޯދަ ވީއްލަން އައުމަށް ދަޢުވަތު ދިނީމެވެ. ޖަވާބުގައި ވަރަށް މަޑުމައިތިރި ރާގެއްގައި ބުނީ " އަހަރެންނަކީ އެތީސްޓެއް" ކަމަށެވެ. އަޑު އިވުމާއި އެކު ދެލޯ އިތުރަށް ހުޅުވިގެން ދިޔައެވެ. ކޮލެޖުން އެއްވަނަ ދަރަޖައިގައި ފާސްވަމުން އަންނަ ތޫނިފިލި ކުއްޖެއްގެ ވިސްނުމަށް އައިސްފައި ހުރި ބަދަލު ފެނުމުން ފެންކަޅިވިއެވެ. އޭނާ އިތުރަށް ބުނީ، ހެއްދެވި ފަރާތެއްވާކަމަށް ކުރެވޭ ޝައްކުގައި ހުންނަތާ އޭނާގެ އުމުރުން ވީހާ ދުވަހެއް ވެދާނެ ކަމަށެވެ. އާއިލާ އާއި ގާތުގައި ހުރުމުން އެކަމަށް ދެކޮޅު ހަދާ ބަސްބުނަން ނުކެރެނީކަމަށެވެ. އިސްލާމީ އުސޫލުތަކުގައި ހިފައިގެން ހުރި މަންމައަކަށް މި އަޑު އިވުމުން ކުރާނެ އަސަރު ވިސްނާލާށެވެ.

ހިތާމައިގެ ކޮޅެއްނެތެވެ. މިފަދަ އެތައް ކުދިންނެއް އަޅުގަނޑުމެންގެ ތެރޭގައި އެބަ އުޅެއެވެ. ގިނަ ކުދިންނަކީ ހިތުގައިވާ ޝައްކު ފިލުވާލުމަށް ވާހަކަ ދައްކަން ތައްޔާރަށް ތިބި ކުދިންނެވެ. އެހެންކަމަށްވާ ނަމަ މިކަމަށް އިސްނަގާނެ ބަޔަކު ތިބުން ވަރަށް މުހިންމެވެ. ފަސޭހައިން ގުޅޭނެ ގޮތަށް ހޮޓްލައިންތައް ޤާއިމްކުރެވިފައި ހުންނަ ނަމަ މިކަމަށް އިތުރު އެހީތެރިކަމަކަށް ވާނެއެވެ. ދެންވެސް މިކަން ޙައްލުކުރުމަށް ކުރެވިދާނެ ކަމެއް އޮތްނަމަ އެންމެންގެ ޚިޔާލުވެސް ފާޅުކުރަންވީއެވެ. މިއީ ވަކި މީހަކުގެ ޒިންމާއެއް ނޫނެވެ. އެންމެންގެ ޒިންމާއެކެވެ.