ދުނިޔޭގެ މި ދިރިއުޅުމުގައި އެކި މީހުންނަށް ދިމާވަނީ އެކި ކަންކަމާއެވެ. ހިތްހަމަ ޖެހުމާއި އުފަލުގައި އަރާމުގެ ލައްޒަތުގައި އެއްވެސް ޚިޔާލެއް ފިކުރެއްނެތި އެއް ބަޔަކު ދުވަސްތައް ގުނަމުން ދާއިރު، އަނެއް ބަޔަކު މާދަމާވެސް ބަނޑުފުރާ މުއްތި ކުރާނޭ ގޮތަކާމެދު ވިސްނާ ވިސްނާ ބޯގޮވަނީއެވެ. އެއް ބަޔަކަށް ދުނިޔޭގެ ދިރިއުޅުން ސުވަރުގެއެއް ފަދައެވެ. އަނެއް ބަޔަކަށް ދުނިޔެ ވެފައިވަނީ ހުރަގެއަކަށެވެ. މި ދެންނެވި މީހުން އެކި ދަރަޖަތަކަށް ބެހިގެން ދެއެވެ. ހިތާމައާ ހިތްދަތިކަމުގައިވެސް ދުނިޔޭގެ ދިރިއުޅުމޭ މި ކިޔާ ހަނގުރާމައިން ކާމިޔާބު ހޯދުމަށް ލައްކަ މަސައްކަތް ރެއާ ދުވާލު ކުރެއެވެ. އެ ހަނގުރާމާގައި ވަރުބަލިވެ ވެއްޓުމުން އެއްބަޔަކު ތެދުވެއެވެ. އަނެއް ބަޔަކު ބަކަ ތަޅަމުންވެސް ކުރިޔަށް ދެވޭތޯ މަސައްކަތް ކުރެއެވެ. ނަމަވެސް... ނަމަވެސް މި ދެންނެވި މީހުންގެ ތެރެއިން އެއް ބަޔަކު ދުނިޔެ މަތީން ފޫހިވެ، ދިރި ހުރުމަކީ އަގެއް ނެތް ކަމަކަށް ނިންމާ މި ކެހިވެރި ދުނިޔެ ދޫކޮށް ދެއެވެ. ސުވާލަކީ އެއީ ހައްލު ބާވައެވެ؟
މި ދެންނެވި އަމިއްލަ އަށް މަރުވާ މީހުންގެ ތެރޭގައި ވަކި ޖިންސެއް، ވަކި ނަސްލެއް އަދި ވަކި ދީނެއްވެސް އިސްތިސްނާ ވާތަނެއް ނުފެނެއެވެ. އިސްލާމްދީނުގައި އެކަން ފާޅުކަން ބޮޑު ގޮތެއްގައި މަނާ ކުރެވިފައިވާއިރުވެސް، ސައްތައިން ސައްތަ މުސްލިމު ގައުމެއްކަމަށް ދެކޭ މި ކުޑަކުޑަ ދިވެހިރާއްޖޭގައި ވެސް އަމިއްލައަށް މަރުވާ މީހުންގެ ނިސްބަތް އިންތިހާއަށް ދަނީ އުފުލެމުންނެވެ. މި ލިޔުމުގައި އަލި އަޅުވާލަން ގަސްތުކުރަނީ ދިވެހިރާއްޖޭގައި މި ކަންކަން ހިނގާ ގޮތާ ބެހޭ ގޮތުންނެވެ.
މިވެނި ރަށެއްގައި މިވެނި މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެކަމަށް ޚަބަރަކުން އިވުމުން ނުވަތަ ފެނުމުން އެންމެ ފުރަތަމަ ވެސް ކުރެވޭ ސުވާލަކީ އެއީ ކާކުބާވައެވެ؟ އެކަން އެގޮތަށް ދިމާވާން މެދުވެރިވީ ކީއްވެ ބާވައެވެ؟ އެއީވެސް ކޮންމެވެސް ދެމަފިރިއެއްގެ ދަރިއެއްތާއެވެ. އެ މީހެއްގެ އާއިލާއަށް ކިހާ އަސަރެއް ކުރާނެ ހެއްޔެވެ؟ އެ ނޫން ގޮތެއް ހަމަ ނުފެނުނީ ބާވައެވެ؟
ދިވެހިރާއްޖޭގައި އަމިއްލަ އަށް މަރުވާ މީހުން އެކަން އެގޮތަށް ކުރަނީ ކީއްވެގެން ސީދާ ޔަގީން ކަމާއެކު ބުނަން ނޭނގުނަސް، ތުންތުންމަތިން ދެކެވިފައި ހުންނަ ވާހަކަތަކުންނާއި އާއިލާތަކުން ބުނެފައި ހުންނަ ވާހަކަތަކުގެ އަލީގައި ބައެއް ސަބަބުތައް ބަޔާން ކޮށްލެވިދާނެއެވެ. ގިނަ ފަހަރު ދިރިއުޅުން މަތީން ފޫހިވެ އަމިއްލައަށް މަރުވާ ހިސާބަށް މީހާގެ ވިސްނުން ގެންދާ އެއް ކަމަކީ މި މުޖުތަމަޢުގައި ބައެއް ކަންކަން ހިނގަމުން އަންނަ ގޮތޭ ބުނެފިނަމަ، އަހަރެންނާ ދެބަސްވާ މީހުން ގިނަ ވެދާނެއެވެ. ނަމަވެސް، މީހަކަށް ކުށެއް ކުރެވުމުން އެ ކުށުގެ ޢަދަބު އަބަދާ އަބަދުމެ ލިބެން ޖެހުމާއި، ލޯބިވެރިޔާ ނުވަތަ ހަޔާތުގެ ބައިވެރިޔާގެ އަނިޔާ ތަކުން ކެތް ނުކުރެވުމާއި، އާއިލާ ތެރެއިންނާއި މުޖުތަމަޢު ތެރެއިން ހަނގާ ކުރުން ހައްދުން ނެއްޓިގެން ދިޔުމާއި، ދިރިއުޅުން އާރާސްތު ކުރުމަށް ކޮށާ މަގުތަކަށް އެނގިގެންނާއި ނޭނގި އެޅޭ ބޮޑެތި ހުރަސްތަކުގެ ސަބަބުން ކުރިޔަށް ދެވޭނޭ މަގެއް ނުފެނުމުގެ ސަބަބުން ދިރިހުރުން މަތީން ފޫހިވެ، އަމިއްލަ ނަފްސު ޤުރުބާން ކުރާން ޖެހިފައިވަނީ ކިތައް ކިތައް މީހުންނަށް ބާވައެވެ؟
ނަމަވެސް، މަޢުޟޫއަށް އެނބުރި ޖެހިލާނަމެވެ. ދިރިއުޅުމުގައި ކޮންމެ ކަމެއް ކޮންމެ ގޮތަކަށް ވެގެން ދިޔަ ނަމަވެސް، އަމިއްލަ އަށް މަރުވުމަކީ އަދި ހައްލެއް ނޫނެވެ. ކަންކަން ބަދަލު ކުރާން ހުރީވެސް ތިމާއެވެ. ގިނަ ފަހަރު ސިކުނޑީގެ ވިސްނުމުގެ ލަގަން އަތުން ދޫކޮށްލެވެނީ މާ އަވަހަށެވެ. ތިމާ އަމިއްލައަށް އެކަމަކުން ސަލާމަތް ނުވެވިއްޖެނަމަ، އެހެން މީހެއްގެ އެހީތެރިކަން ހޯދާށެވެ. އިތުބާރު ކުރެވޭ ގާތް ތިމާގެ މީހެކެވެ. އެވަރުވެސް ނެތިއްޖެނަމަ، އެންމެ އިތުބާރު ކުރާ ރައްޓެއްސަކަށެވެ. އެވަރުވެސް ނެތިއްޖެނަމަ، ނުވެސް ދަންނަ ކަމާގުޅޭ މާހިރެއްގެ ލަފައާއި އިރުޝާދު ހޯދާށެވެ. ހިއްސާ ކުރުމަކީ މީހާ ޑިޕްރެޝަންއަށް ދިޔުމަށް އޮތް އެއް ހައްލެވެ. އޭގެ އިތުރުން އިންސާނާ ދުނިޔެއަށް ފޮނުވުނު ސަބަބާމެދު ފުންކޮށް ވިސްނާށެވެ. ގޯސްކޮށް ކުރެވުނީ ކޮން ކަމެއްތޯ ބަލައި އެކަމުން ސަލާމަތްވެ އެކަން ދެން ތަކުރާރު ނުވުމަށް މަސައްކަތް ކުރާށެވެ. ދީނީ ކަންކަމުގައި ފަރުވާތެރިވާން ފަށާށެވެ. އެއީ ހުރިހާ ކަމެއްގެވެސް ހައްލެވެ. އޭގެ ބަދަލުގައި ކުރެވުނު ކަމެއްގެ ސަބަބުން ނުވަތަ ދިމާވި ކަމެއްގެ ސަބަބުން އަމިއްލަ އަށް މަރުވެއްޖެނަމަ، އެ ވައްޓާލެވުނީ އަމިއްލަ ހަށިގަނޑު އަލިފާނުގެ ތެރެއަށެވެ.
ޑިޕްރެޝަންގެ ބައެއް ސިފަތައް:
- އަބަދު ދެރަވުން ނުވަތަ ދެރަވެފައި ހުރެވުން
- އެއް އިރެއްގައި އެކަމެއް ގަޔާވެގެން ކުރި ކަންތައްތަކެއް މަތީން ފޫހިވުން
- ކެއުމަށް ބަދަލު އައުން / ބަރުދަން އިތުރުވުން ނުވަތަ މާބޮޑަށް ލުއިވުން
- ނިދަން އުނދަގޫވުން ނުވަތަ މާގިނައިން ނިދުން
- ހަށިގަނޑުގެ ހަކަތަ ދަށްވެ ވަރުދެރަވުން
- އާންމުކޮށް ކުރާ ހަރަކާތްތައް ނުކުރުން އަދި ވާހަކަ މަދުވެފައި ހުރުން
- އަގެއްނެތް މީހެއްކަމަށް ވިސްނުން ނުވަތަ ކުށްވެރިއެއްކަމަށް އަބަދު ދެކެވުން
- ކަންކަމުގައި ވިސްނަން އުނދަގޫވުން އަދި ކުދި ކުދި ކަންކަމުގައިވެސް ގޮތް ނިންމަން އުނދަގޫވުން
- އަމިއްލައަށް މަރުވުމަށް ޚިޔާލު އައުން
މި ދެންނެވި ސިފަތައް ހުންނަ ކޮންމެ މީހަކީ ޑިޕްރެސަންގެ މީހަކަށް ނުވެދާނެއެވެ. އެހެން ބައެއް ބަލިތަކުގެ އަލާމާތްތަކުގެ ތެރޭގައިވެސް މި ދެންނެވި ބައެއް ކަންކަން ހިމެނޭތީ މާހިރުން ލަފާ ދޭ ގޮތުގައި، އެމީހަކީ ޑިޕްރެޝަންގެ އަސަރު ކޮށްފައިވާ މީހެއްތޯ ބެލުމަށް މަދުވެގެން ދެ ހަފްތާ ބަލަން ޖެހެއެވެ.
އެހެންނަމަވެސް ގަބޫލު ކުރާން ޖެހޭ ހަގީގަތަކީ، ޑިޕްރެޝަންގެ ސަބަބުން ވިޔަސް އަދި އެހެން ސަބަބެއް މެދުވެރިވެގެން ވިޔަސް، އަމިއްލައަށް މަރުވުމަކީ އެއްވެސް ކަމެއްގެ ހައްލު ނޫންކަމެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން