ބައެއް މީހުންގެ ޝަކުވާ އަކީ އެމީހާގެ ހަށިގަނޑު ނުވަތަ މޫނުމަތިން އެމީހަކު ބޭނުންވާ ވަރުގެ ރީތިކަމެއް ނުފެނުމެވެ. ނަމަވެސް މިއީ ހަގީގަތުގައި ޝަކުވާ ކުރާންޖެހޭ ކަމެއް ނޫނެވެ. މިފަދައިން ޝަކުވާ ކުރެވޭ އެއް ކަމަކީ ދެ ދަތްދޮޅި ލުމެވެ. މިއީ ވަރަށް ޢާންމު ކަމެކެވެ. މިކަން ދިމާވަނީ އިންސާނާގެ ކަރު ދޮށުގައި ހުންނަ ތުނި މަސްތަކާއި ހަންގަނޑާ ދެމެދަށް ސަރުބީ ގިނަވުމުންނެވެ. 

މިކަން ހައްލު ކުރުމަށް ގޭގައި ކުރެވިދާނެ ބައެއް އާދައިގެ ކަންކަން އެބަހުއްޓެވެ. އެގޮތުން ކަރުންމަތީގެ ކުދި ކުދި ކަސްރަތު ތަކެއް ކޮށްލަނިކޮށް މިކަން ހަމަޖެހިދާނެއެވެ. އެގޮތުން ފުރަތަމައީ މަޑުމަޑުން މޫނު ހޫރުމެވެ. ނުވަތަ އެނބުރުމެވެ. ސާކިއުލާ މޯޝަން އަށް ނުވަތަ ވަށްބުރުގެ ނިޝާނާ އެއްގޮތަށް މޫނު ހަރަކާތް ކުރަމުން ގެންދާށެވެ. އޭރަށް ކަރުދޮށުގެ މަސްތައް ހަރަކާތް ކުރާނެއެވެ. މި ހަރަކާތުގެ ސަބަބުން ސަރުބީ ވިރުވައި ދިނުމަށް އެހީތެރި ވެދޭނެއެވެ.

ދެވަނަ ކަމަކަށް ދުލުގެ ކޮޅު މަތީ ތައްޔާއި ދިމާލަށް އުފުލާ މަތީ ތަލީގައި ޖައްސާލާށެވެ. މިގޮތަށް 10 ސިކުންތު ވަންދެން ހިފަހައްޓާލާށެވެ. އަދި ކަސްރަތު ކުރާ ކޮންމެ ފަހަރަކު މިގޮތަށް 5 ވަރަކަށް ފަހަރު ހަދާށެވެ. މީގެ އިތުރުން ދޫ ބޭރަށް ނެރެވޭ އެންމެ ބޮޑަކަށް ނެރެފައި އިސްވެ ދެންނެވުނު ތަރުތީބުން އެކަންވެސް ކުރާށެވެ. މިއީވެސް ކަރުގެ މަސްތަކަށް ވާންޖެހި ކަސްރަތު ލިބޭނޭ ކަމެކެވެ.

ކަރުދަށަށް ތުވާއްޔެއް ފަދަ މަޑު އެއްޗެއް ލުމަށްފަހު ކަރު ފިއްތާލާށެވެ. މިގޮތަށް ވެސް 10 ސިކުންތު ހިފަހައްޓާލާ 5 ފަހަރު ތަކުރާރު ކޮށްލާށެވެ.

ތިރީ ދަތްދޮޅި ބޭރަށް ވާގޮތަށް ނެރެލާށެވެ. މިގޮތަށްވެސް 10 ސިކުންތު ހިފަހައްޓާލާ 5 ފަހަރު ތަކުރާރު ކޮށްލާށެވެ.

އިސް އުފުލައިލާފައި ދެތުންފަތް ބޭރަށް ހިފަހައްޓާލާށެވެ. މިކަންވެސް 10 ސިކުންތު ވަންދެން 5 ފަހަރު ތަކުރާރު ކޮށްލާށެވެ.

އިސްވެ ދެންނެވުނު ކަސްރަތު ތަކަކީ މޫނުމަށްޗަށް ގެނުވޭ ވައްތަރުތަކެކެވެ. މިއިން ކޮންމެ ވައްތަރަކުން ނުވަތަ ކަސްރަތަކުން ކަރުގެ މަސްތަކަށް ވާންޖެހި، ކަރުގެ މަސްތަކާއި ހަންގަނޑާއި ދެމެދު ހުންނަ ސަރުބީތައް ވިރުވާލުމަށް އެހީވެދޭނެއެވެ. އެ ސަރުބީތައް ވިރޭ ވަރަކުން ދެވަނަ ދަތްދޮޅި ފާޅުވާ މިންވަރު ކުޑަވާނެއެވެ. ދެ ދަތްދޮޅި ހުންނާތީ އެކަމާއި ކަންބޮޑުވާނަމަ މި ކަސްރަތުތައް ކޮށްލާށެވެ.