މީހަކާ ބައްދަލުވާ އިރު އެންމެ ގިނަ ބަޔަކަށް ފާހަގަކުރެވެނީ ދެން ހުންނަ މީހާގެ ދަތްޕިލައެވެ. އަމިއްލަނަފްސަށް ފުރިހަމަ އިތުބާރުކޮށް ހީނލާ ހެދުމުގެ ހިތްވަރުލިބެނީ ރީތި ހުދު ދަތްޕިލައެއްގެ ސަބަބުންނެވެ. މީހަކާ ބައްދަލުވުމަށްފަހު ގިނަ ފަހަރަށް އެންމެ ބޮޑަށް ހަނދާނުގައި ހުންނަނީވެސް އެމީހެއްގެ ދަތްޕިލައެވެ. ކޮންމެ މީހެއްގެވެސް މުޅި ސިފަބަދަލުކޮށްލަނީ ހިނިތުން ވުމަކުންނެވެ. މި ހިނިތުންވުމަށް އެންމެ މުހިންމު އެއް ކަމަކީ ހަމަ ރީތި ދަތްޕިލައެކެވެ. އެހެންކަމުން ދަތްޕިލަ ރީތިކޮށް ބެހެއްޓުމަކީ ކޮންމެ މީހަކުވެސް ވަރަށް ބޮޑު ސަމާލުކަމެއް ދޭނެ ކަމެކެވެ.
މިއަދު ބަލާލާނީ އަޅުގަނޑުމެންގެ ތެރޭގައި ވަރަށް އާންމު ދެ މޭވާއެއްގެ އެހީގައި ދަތްޕިލަ ހުދުކޮށްލެވޭނެ ގޮތަށެވެ. މި ދެ މޭވާއަކީ ވެސް ދަތްހުދުކުރުމުގައި މުހިންމު ދައުރެއް އަދާ ކުރާ ދެ މޭވާކަމަށް ޑޮކްޓަރުންވެސް އެއްބަސްވެފައިވާ ދެ މޭވާއެވެ.
ސްޓްރޯބެރީ
ދޮންވެފައިވާ ސްޓްރޯބެރީއެއް ޗިސްކޮށްލުމަށްފަހު ކުޑަ ބޯތައްޓެއްގެ ތެރެއަށް އަޅާށެވެ. ދަތްއުނގުޅާ ބުރުސް އޭގެ ތެރެއަށް ކޮއްޕާލުމަށްފަހު އާންމުކޮށް އުނގުޅާގޮތަށް 5 މިނިޓް ވަންދެން ދަތް އުނގުޅާށެވެ. މިގޮތަށް 2 ހަފްތާ ރިޕީޓް ކުރުމަށްފަހު އަންނަ ބަދަލު ބަލާށެވެ. ސްޓްރޯބެރީގައި ހުންނަ ސިޓްރިކް އެސިޑްގެ ސަބަބުން ދަތުގެ ބޭރުގައި އުފެދޭ ރީނދޫ ފަށަލަ ބޯވިޔަ ނުދީ ނައްތާލާނެއެވެ. ސްޓްރޯބެރީ ދޮންވި ވަރަކަށް އޭގައި ހިމެނޭ މެލިކް އެސިޑްވެސް ގިނަވާނެއެވެ. ސިކްޓްރިކް އެސިޑަށްވުރެ މެލިކް އެސިޑް ގެ ބާރު ދަށްވާނެއެވެ. ސިޓްރިކް އެސިޑްއާ އެއްވަރަށް ދަތުގެ ބޭރުގައި ހަރުލާ ފަށަލަ ހަލާކުކޮށްލުމުގައި އެހީތެރި ނުވި ނަމަވެސް މެލިކް އެސިޑްގެ ސަބަބުން ދަތަށް ވަރަށް ރީތި އޮފްކަމެއް ގެނެސްދޭނެއެވެ. އެހެންކަމުން ސްޓްރޯބެރީ ބޭނުން ކުރުމުގައި ބޮޑަށް ދޮންވެފައިވާ ސްޓްރޯބެރީ އިޚްތިޔާރު ކުރުން ރަގަޅެވެ.
ސްޓްރޯބެރީ ބޭނުން ކުރެވޭނެ އިތުރު ގޮތެއްވެސް ވެއެވެ. ސްޓްރޯބެރީގެ ބޭރު ތޮށި ދާވަރަށް ބުރިކޮށްލުމަށްފަހު ދަތުގައި އުނގުޅާށެވެ. މިކަންވެސް ކޮންމެ ދުވަހަކު 5 މިނިޓް ވަންދެން ތަކުރާރު ކުރުމަށްފަހު 2 ހަފްތާފަހުން ތަފާތު ބަލާލާށެވެ.
ދޮންކެޔޮ
ދޮންކޭލަކީ އޭގައި ވަރަށް ގިނަ ޕޮޓޭސިއަމް އަދި މެގްނީޒިއަމް ހިމެނޭ މޭވާއެވެ. މި ދެ މާއްދާގެ ސަބަބުން ދަތުގެ ބޭރުގައި އުފެދޭ މަޑު ރީނދޫ ފަށަލަ ނައްތާލުމަށް ވަރަށް ބޮޑު އެހީތެރިކަމެއް ލިބޭނެއެވެ. ދޮންކޭލުގެ ތޮށީގެ އެތެރެ ފަރާތް ދަތުގައި އުނގުޅާށެވެ. ކޮންމެ ދުވަހަކު 5 ވަރަކަށް މިނިޓް ވަންދެން މިހެން މިކަން ތަކުރާރު ކުރާށެވެ. 3 ހަފްތާފަހުން ފެންނަ ނަތީޖާ އަޅާކިޔާލާށެވެ. ދޮންކެޔޮތޮށި ދަތުގައި އުނގުޅުމުން ދަތުގެ މަތީ ފަށަލަ މަޑުމަޑުން ހުދުވާނެ ކަމަށް ޑޮކްޓަރުންވެސް އެއްބަސްވެއެވެ. ނަމަވެސް ދަތުގައި ހުންނަ ލޮލަށް ނުފެންނަ ވަރުގެ ކުދި ލޯވަޅުތަކުގެ އެތެރެއަށް ވަދެގެން މަސައްކަތް ކުރުމުގެ ގާބިލްކަމެއް ނުހުންނާނެކަމަށް ޑޮކްޓަރުން ހާމަ ކުރެއެވެ. ދޮންކެޔޮ ކާލާފައި އެއްލާލުމުގެ ކުރިން 5 މިނިޓް މިހެން އުނގުޅާލުމުން ކޮންމެވެސް އެދެވޭ އަސަރެއް ކުރާ ނަމަ އެކަން ނުކޮށް ދޫކޮށްލުމަށްވުރެ އެދެވިގެންވަނީ މިކަންވެސް ތަޖުރިބާ ކޮށްލުމެވެ.
ދަތް ހުދުކުރުމަށް ވަކި ޚާއްސަ ކަމެއް ކުރަމުންދާ ދުވަސްވަރެއްނަމަ އެކަމަށް މަގުފަހު ކުރުމަށްޓަކައި ދަތުގެ ކުލަ ގެއްލުވާލާ ކެއިން ބުއިމުން ވެސް ދުރުހެލިވާން ޖެހޭނެއެވެ. ދަތުގެ ކުލަ ބަދަލުކޮށްލާ ތަކެތިގެ ތެރޭގައި ކޮފީ، ކަޅު ސައި، ސޮޑާ، މޭވާގެ ތެރެއިން ކުލަ ގަދަ މޭވާގެ ޖޫސް (މޭބިސްކަދުރު އަދި ކްރޭންބެރީ ފަދަ)، ސޯޔާސޯސް، ޓޮމާޓޯ ސޯސް އަދި ބްލޫބެރީ ހިމެނެއެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން