ތަފާސް ހިސާބުތައް ދައްކާގޮތުން 10-5 އިންސައްތަ އަންހެނުންނަކީ މޫނުގައި ނުވަތަ ހަށިގަނޑުގެ އެހެންވެސް ހިސާބެއްގައި އަދާޔާ ޚިލާފަށް ފަޅާ އިސްތަށީގެ ސަބަބުން އެކަމާ ވިސްނަންޖެހިފައިވާ މީހުނެވެ. މިއީ ސިއްޙީ މައްސަލައެއްގެ ސަބަބުން ދިމާވާ ކަމެއް ނަމަވެސް ކޮންމެ މީހަކުވެސް މިކަން ފޮރުވަން މަސައްކަތް ކުރެއެވެ. ގުދުރަތީ ކަމެކޭ ބުނެ އެގޮތަށް ބޭރަށް ނިކުމެ އުޅުމުގެ ހިތްވަރެއް ގިނަމީހުންގެ ނުހުރެއެވެ. ނަތީޖާއަކީ ގިނައިން ބޭރަށް ގޮސް، ވަޒީފާގެ މާހައުލުގައި ނުވަތަ އެހެންކަމެއްގައި އުޅޭ އިރުވެސް މީހުނާ ކުރިމަތިލުމުގައި އަމިއްލަ ނަފްސަށް އޮންނަ ޔަގީންކަން ކުޑަވުމެވެ. ހައްލެއްގެ ގޮތުގައ ރޭޒަރ ބޭނުންކޮށްގެން ބޭލުން، ޓްވިޒަރުން އުފުރުން، ވެކްސްކުރުން އަދި ލޭޒަރއިން ދާއިމަށް ނައްތާލުން ފަދަ ކަންކަން ކުރެއެވެ. މިކަންކަމުގެ ސަބަބުން ތަދުވެ، ހަންގަނޑު ހަލާކުވާ ފަހަރުވެސް އާދެއެވެ. އަދި ލޭޒަރ ފަދަ ފަރުވައަކީ ވަރަށް އަގުބޮޑު ކަންކަމެވެ. އެހެންކަމުން މިފަހަރު ބަލާލާނީ ފަސޭހައިން ގޭގައި އިސްތަށި ނައްތާލުމަށް ކުރެވިދާނެ ކަންކަމަށެވެ.

  1. ގްރީން ގްރާމް + ފިނިފެން

ގްރީން ގްރާމް ހިމުންކޮށް މުގުރާލުމަށްފަހު އޭގެ ދެ ސަމުސާ ފުށުގެ ތެރެއަށް ދެ ސަމުސާ ފިނިފެން އަޅައިގެން އެއްކުރާށެވެ. ރީތިކޮށް އެއްވުމުން 1 ސަމުސާ ލުނބޯހުތް އަޅައިގެން އަލުން އެއްކުރާށެވެ. އެއްވުމުން އިސްތަށި ނައްތާލަން ބޭނުންވާ ތަނުގައި އުނގުޅާށެވެ. 25 މިނިޓް ނުވަތަ ހިކެންދެން ބަހައްޓާފައި، އިނގިލިތަކުގެ ކުރިން ވަށްކޮށްވާ ގޮތަށް މުޅި އެ ހިސާބުގައި އުނގުޅާށެވެ. ހަފްތާއަކު 3-4 ފަހަރު މިކަން ތަކުރާރުކުރާށެވެ. ގްރީން ގްރާމްގެ ސަބަބުން މަރުވެފައިވާ ހަންތައް ނައްތާލާނެއެވެ. ފިނިފެން އިސްތަށިފެޅުން ލަސްކުރުމުގައި އެހީތެރިވެދޭނެއެވެ.

  1. ފިޔާ + ގަނދަކޯޅިފަތް

އާދައިގެ ދެ ފިޔާ ފަޅާލުމަށްފަހު ކޮންމެ ފަށަލައެއްގެ ދުލި ނަގާށެވެ. މި ދުލިތައް 12-10 ގަނދަކޯޅި ފަތާއި އެކު ޗިސްކޮށްލާށެވެ. ހިމުން ވުމުން އިސްތަށި ނައްތާލަން ބޭނުންވާ ތަނުގައި އުނގުޅާށެވެ. 25 މިނިޓް ވުމުން ތާފަނާ ފެނުން ދޮވެލާށެވެ. ދެމަސް ވަންދެން ހަފްތާއަކު 4-3 ފަހަރު ތަކުރާރުކުރާށެވެ. ފިޔައަކީ އިސްތަށި ފެޅުމަށް އެހީތެރިވާ އެއްޗެކެވެ. ނަމަވެސް ބެޒިލް އާއި އެކު ބޭނުން ކުރުމުން އޭގެ އަސަރު ފެންނާނީ އިދިކޮޅަށެވެ. އިސްތަށި ފެޅުން ލަސްކޮށްދޭނެއެވެ.

  1. ލެވެންޑަރ އޮއިލް + ޓީ ޓްރީ އޮއިލް

އެއް ސަމުސާ ލެވެންޑަރ އޮއިލްގެ ތެރެއަށް 6-4 ތިކި ޓީ ޓްރީ އޮއިލް އެއްކުރުމަށްފަހު، ކަފަކޮޅަކުން ބޭނުންވާ ތަނުގައި އުނގުޅާށެވެ. 30 މިނިޓް ވުމުން ދޮވެލާށެވެ. މި ދެ ތެލުގައިވެސް އިސްތަށި ނައްތާލުމަށް އެހީތެރިވެދޭ މާއްދާއެއްކަމަށްވާ އެންޓި- އެންޑްރޯޖެނިކް ހިމެނެއެވެ. ކޮންމެ ދުވަހަކު 3-2 ފަހަރު މިކަންތަ ތަކުރާރު ކުރާށެވެ. 3 މަސް ވާއިރު އެދެވޭ ނަތީޖާ ފެންނާނެއެވެ.

  1. ހަކުރު + މާމުއި

އެއް ސަމުސާ މާމުއި، ދެ ސަމުސާ ހަކުރު އަދި 1 ސަމުސާ ފެން ތައްޓެއްގެ ތެރޭގައި އެއްކުރާށެވެ. 30 ސިކުންތަށް މައިކްރޯ ވޭވް އަށް ލާށެވެ. ހަކުރު ވިރި ހުރިހާ ބާވަތް ރަގަޅަށް އެއް ކުރެވޭނެއެވެ. އޮލަކޮށް ގަށާލުމަށްފަހު ތާފަނާކޮށް ހުއްޓާ ބޭނުންވާ ހިސާބުގައި އުނގުޅާށެވެ. އަދި އޭގެ މަތީގައި ކޮޓަން ފޮތިކޮޅެއް ނުވަތަ ތުނި ކަފަކޮޅެއް އަޅާށެވެ. ފިނިވުމުން އިސްތަށިފަޅާކޮޅު ނޫން އަނެއް ކޮޅަށް، ފޮތިކޮޅު ނުވަތަ ކަފަ ކޮޅު ނައްޓާލާށެވެ. އަލުން އިސްތަށި ފެޅުމުން ކިތަންމެ އަވަހަކަށްވެސް މިކަން ތަކުރާރު ކުރެވިދާނެއެވެ. މިހެން ހެދުމުން އިސްތަށިތައް ނައްތާލުމުގެ އިތުރު މަރުވެފައިވާ ހަންތައް ވެސް ސާފުވާނެއެވެ.

  1. އޯޓްމީލް + ދޮންކެޔޮ

އެއް ވަށް ދޮންކެޔޮ ޗަސްކޮށްލުމަށްފަހު އެއް ސަމުސާ އޯޓްމީލް އާ އެއް ކުރާށެވެ. އޭގެފަހުން އިސްތަށި ނައްތާލަން ބޭނުންވާ ތަނުގައި ވަށްބުރެއްހެން 5 މިނިޓް ވަންދެން އުނގުޅާށެވެ. އޭގެފަހުން 20 މިނިޓް ވަންދެން ބެހެއްޓުމަށްފަހު ދޮވެލާށެވެ. ހަފްތާއަކު 2-1 ފަހަރު މިކަން ތަކުރާރު ކުރާށެވެ.

  1. ޖެލަޓިން + ކިރު

އެއްވެސް ރަހައެއް ނުލައްވާ ހުރި ޖެލަޓިންގެ އެއް ސަމުސާ އަދި 3 ސަމުސާ ކިރުގެ ތެރެއަށް ދެތިން ތިކި ލުނބޯހުތް ޖަހައިގެން އެއްކުރާށެވެ. 20-15 ސިކުންތު ވަންދެން މައިކްރޯ ވޭވް އިން ހޫނުކޮށްލާށެވެ. ކުޑަކޮށް ހިހޫވުމުން ބޭނުންވާ ތަނުގައި އުނގުޅާށެވެ. 5 މިނިޓް ވުމުން ނުވަތަ ހިކުމުން އަތުގެ އިނގިލިތަކުގެ ކޮޅުން ހިފާފައި ނައްޓާލާށެވެ. މިއީ ވެކްސް އެއްގެ ގޮތުގައި ބޭނުން ކުރެވޭނެ މާސްކެކެވެ. އިސްތަށި ނައްތާލުމުގެ އިތުރުން ބްލެކްހެޑް އަދި މަރުވެފައިވާ ހަންވެސް ނައްތާލާ ސާފުކޮށްދޭނެއެވެ. ބޭނުން ވުމުން ހަމަ ތައްޔާރުކޮށްލަންވީއެވެ.

  1. ފަޅޯ + ރީނދޫ

އާދައިގެ ވަރެއްގެ 1 ފާ ފަޅޯ މަށާލުމަށްފަހު ކުދިކޮށް ކޮށާލާށެވެ. ބަނދެލިއަކަށް ވަންދެން ޗަސްކޮށްލާށެވެ. ދެން ރީނދުލާއި އެއްކުރުމަށްފަހު އިސްތަށި ނައްތާލަން ބޭނުންވާ ތަނުގައި އުނގުޅާށެވެ. 20-15 މިނިޓް ވުމުން ތާފަނާފެނުން ދޮވެލާށެވެ. ހަފްތާއަކު 2-1 ފަހަރު ތަކުރާރު ކުރާށެވެ. ފަޅުގައި ހިމެނޭ މާއްދާއެއްގެ ސަބަބުން އިސްތަށީގެ ބުޑު ކަލިކަށިވެގެން ވެއްޓޭނެއެވެ.