އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކަށްހެން އިސްތަށިގަނޑުގެ ކޮންމެވެސް މައްސަލައަކާއި ކުރިމަތިލާން ޖެހެއެވެ. މޫސުމަށް އަންނަ ބަދަލާއި، ވައިގެ ތެތްކަމާ، އަތްވާ ހިރަފުހާ، އަދި ހެއަރ ސްޓައިލް ކުރުމަށް ގެނގުޅޭ ޕްރޮޑަކްޓްތަކާ އާލާތްތަކަކީ މި މައްސަލަ ތަކުގެ އަސްލުކަމަށް ވެދާނެއެވެ. ނުވަތަ ދިމާވެގެން އުޅޭ މައްސަލައަކީ ޖެނެޓިކަލީ ވާރުތަވެފައިވާ މައްސަލައަކަށްވެސް ވެދާނެއެވެ. ނޫނީ ހަށިގަނޑުން ބައެއް މާއްދާތަށް މަދުވެ ނުވަތަ ގިނަވުމުގެ ސަބަބުންވެސް މިއިން މައްސަލައަކާ ދިމާވެދާނެއެވެ. އިސްތަށިގަނޑަށް ދިމާވާ މިފަދަ މައްސަލަތަކަށް ހައްލު ހޯދަން ފިހާރަތަކުން ފާޑު ފާޑުގެ އަގު ބޮޑެތި ޕްރޮޑަކްޓްތައް ގަތުމުގެ ބަދަލުގައި ފަސޭހައިން ލިބެން ހުންނަ އާދައިގެ ބައެއް ބާވަތްތައް ބޭނުންކުރުމަކީ ޖީބަށް ލުއި އަދި އިސްތަށިގަނޑަށްވެސް މާ ރަނަގަޅުވާނެ ގޮތެކެވެ.

މިގޮތުން އިސްތަށިގަނޑަށް ދިމާވާ މައްސަލަތަކުގެ ތެރެއިން "ޕްރޮޑަކްޓް ބިލްޑް-އަޕް" ވުމާއި "ޑްރައި" ވުމަށް ގޭގަ ވަރަށް ފަސޭހައިން ތައްޔާރުކޮށްލެވިދާނެ ދެ މާސްކެއް ހިމަނާލާނަމެވެ.

 

މައްސަލަ: ޕްރޮޑަކްޓް ބިލްޑްއަޕް

މާސްކް ތައްޔާރުކުރުމަށް ބޭނުންވާނީ: ބައި ޖޯޑު ޝޭމްޕޫއާއި 2 މޭޒުމަތީ ސަމުސާ ބޭކިން ސޯޑާ

އިސްތަށިގަނޑު ސްޓައިލް ކުރުމަށް ބޭނުންކުރާ ވެކްސް، ޖެލް އަދި ކްރީމް ފަދަ ތަކެތީގެ ސަބަބުން އިސްތަށި ބުޑުގައި "ރެޒިޑިއު' ޖަމާވެ ޕްރޮޑަކްޓް ބިއލްޑްއަޕް އުފެދުމަކީ ވަރަށް އާއްމުކަމެކެވެ. މި ބިލްޑްއަޕް ރިމޫވްކުރުމަށް މި މާސްކް ވަރަށް ރަނގަޅުވާނެއެވެ.

ޝޭމްޕޫ އާއި ބެކިން ސޯޑާ އެއްކޮށްލުމަށްފަހު ބޯ ތެންމާލުމަށްފަހު މި މިކްސްޗަރ މަޑުމަޑުން އިސްތަށީގެ ބުޑުގައި މަސާޖުކޮށްލުމަށްފަހު ދެތިންމިނިޓްވަންދެން ބަހައްޓާފަ ރަނަގަޅަށް އިސްތަށިގަނޑު ދޮވެލާށެވެ.

 

މައްސަލަ: އިސްތަށިގަނޑު ޑްރައިވުން

މާސްކް ތައްޔާރުކުރުމަށް ބޭނުންވާނީ: 1 މޭޒުމަތީ ސަމުސާ ކާށިތެޔޮ

އިސްތަށިގަނޑު ހިކިގެން ގޮސް ވަކި ވަކި އިސްތަށީގެ ކޮޅުތައް ފަޅައިގެންގޮސް ދެކަފިވުން ހުއްޓުވުމަށް މި މާސްކް އެހީތެރިވެދޭނެއެވެ.

މައިކްރޯވޭވްގައި ކާށިތެޔޮ ހޫނުކޮށްލުމަށްފަހު، ނިދުމުގެ ކުރިން، ތެތް އިސްތަށިގަނޑުގަ ތެޔޮލާ މަސާޖުކުރުމަށްފަހު، ޝަވަރ ކެޕެއް އަޅައިގެން ނުވަތަ އެނޫން އެއްޗަކުންވިޔަސް އިސްތަށިގަނޑު ކަވަރކޮށްލައިގެން ނިދާލާށެވެ. އަދި ހެނދުނު ތެދުވެ ޝޭމްޕޫ ލައިގެން ދޮވެލާފަ ރަނގަޅު ކޮންޑިޝަނަރއެއް ބޭނުންކުރާށެވެ.