ބޮލުގެ އިސްތަށިގަނޑުން ހަންކޮޅުކޮޅު ނެއްޓި ފްލޭކްސް ފެންނަން ފަށައިފިނަމަ އެއީ ހޫނު ގަދަވެ ބޮލުގެ ހަންގަނޑު ހިކޭކަމުގެ އަލަމާތެކެވެ. ކާށިތެލާއި ހަކުރު އަދި އެސެންޝިއަލް އޮއިލް ހެއަރ މާސްކަކީ މި ކަމަށް ހައްލެއްގެ އިތުރުން ފޭޝަލް ސްކްރަބްއެއްގެ ގޮތުންވެސް ބޭނުންކުރެވިދާނެ އެއްޗެކެވެ.

ބޭނުންވާނީ: 2 މޭޒުމަތީ ސަމުސާ ކާށިތެޔޮ، 4 ސައިސަމުސާ ހަކުރު، 5 ތިކި ޕެޕަރމިންޓް އޮއިލް އަދި 2 ތިކި ޓީ ޓްރީ އޮއިލް.

ކުޑަ ތައްޓެއްގައި މިތަކެތި އެއްކޮށްލާށެވެ. އިނގިލިން ނުވަތަ އިސްތަށިގަނޑުގެ ކުލަ ޖައްސަން ގެންގުޅޭކަހަލަ ފިއްސަކުން، ތެތް އިސްތަށިގަނޑުގަ، ބޮލުގެ ހަންގަނޑުން ފެށިގެން އިސްތަށީގެ ދެ އިންޗިހާ ހިސާބު ކަވަރވާނެހެން މި މިކްސްޗަރ ހާކާށެވެ. އެއަށްފަހު 3 މިނެޓް ވަންދެން މަޑުމަޑުން މަސާޖުކޮށްލުމަށްފަހު އިސްތަށިގަނޑު މައްޗަށް ކްލިޕްކޮށްލާފަ ބަހައްޓާށެވެ. 15 މިނެޓް ވަންދެން ބެހެއްޓުމަށްފަހު ދެން ދޮވެލާށެވެ.

މި ސްކްރަބްގައި ހިމެނޭ ހަކުރު ގްލައިކޮލިކް އެސިޑަށް ބަދަލުވެ ހަމުގެ މަރުވެފައިވާ ސެލްތައް ނައްތާލާ ހަންގަނޑު ސާފުކޮށްލަދޭނެއެވެ. ކާށި ތެލަކީ ފެޓީ އެސިޑް ގިނަ އަދި އެންޓި-އިންފްލެމޭޓަރީ ފައިދާތަކެއް އެކުލެވޭ ތެލެކެވެ. މީގެ އިތުރުން ޕެޕަރމިންޓް އޮއިލް ބޮލުގެ ހަންގަނޑުގަ ލޭދައުރުވުން އިތުރުކޮށްދޭއިރު،  ޓީ ޓްރީ އޮއިލްއަކީ އެންޓިފަންގަލް، އެންޓިމައިކްރޮބިއަލް އަދި އެންޓިބެކްޓީރިއަލް އެއްޗެކެވެ.