ބޮލުގެ އިސްތަށިތައް ތުނިވަމުން ދިޔުމަކީ އާއްމުކޮށް، މިހާގެ ހަށިގަނޑުގައި ޕްރޮޓީން މަދުވާނަމަ ދިމާވާ މައްސަލަތަކުގެ ތެރެއިން މައްސަލައެކެވެ. އެހެންކަމުން އިސްތަށިތައް ތުނިވާކަން ފާހަގަކުރެވިއްޖެނަމަ، ހަށިގަނޑަށް ބޭނުންވާ ވަރަށް ކެއުމުގަ ޕްރޮޓީންސް އެކުލެވޭތޯ ފުރަތަމަ ޔަޤީންކުރާށެވެ. އާދައިގެ ހަރަކާތްތެރިކަމެއްގައި އުޅޭ ބޮޑުމީހަކަށް ދުވާލެއްގެ މައްޗަށް އޭނާގެ ބަރުދަނުގެ ކޮންމެ ކިލޯއަކަށް 0.8 ގްރާމްގެ ޕްރޮޓީން ބޭނުންވެއެވެ. އެހެންކަމުން ހަށިގަނޑަށް ބޭނުންވާވަރަށް ޕްރޮޓީންސްލިބޭ ކާނާ ކޮންމެ ދުވަހެއްގެ ކެއުމުގައި ހިމެނުމަށް ސަމާލުވާށެވެ.

އެއަށްފަހު ގޭގައި އިތުރު ފަރުވާއެއްގެ ގޮތުން ޕްރޮޓީން މާސްކެއް ބޭނުންކުރާށެވެ. އެމީނޯ-އެސިޑްސް އިން މުއްސަނދި ދޮންކޭލާއި ބިސް ބޭނުންކޮށްގެން ތައްޔާރުކުރާ މި މާސްކުން އިސްތަށިތަކުގެ އިލާސްޓިސިޓީ އިތުރުކޮށް، ވަރުގަދަކޮށް، އިސްތަށީގެ ބޯމިން އިތުރުކޮށްދޭނެއެވެ.

ބޭނުންވާނެ ތަކެތި: 2 ބިހުގެ ރީނދޫ ބައި، 2 ދޮންކެޔޮ، 2-3 މޭޒުމަތީ ސަމުސާ މާމުއި، ބައި ޖޯޑު ކޮންޑިޝަނަރ، 2 މޭޒުމަތީ ސަމުސާ ޒައިތޫނި ތެޔޮ

މި ހުރިހާ ބާވަތެއް އެއްކޮށް ބްލެންޑް ކޮށްލުމުން މި މާސްކް ތައްޔާރުކުރެވުނީއެވެ. ދެން މުޅި އިސްތަށިގަނޑުގައި މި މިކްސްޗަރ ރަނަގަޅަށް ހާކާފަ 20 މިނެޓާ 30 މިނެޓާ ދެމެދުގެ ވަގުތެއްގައި ބެހެއްޓުމަށްފަހު ފިނި ފެނުން ދޮވެލާށެވެ.

ކުރިންވެސް އަޅުގަނޑު ދެންނެވި ފަދައިން، ހަށިގަނޑަށް ބޭނުންވާވަރަށް ޕްރްޓީންސް ލިބޭނެހެން ކެއުން ބަދަލުކޮށްލާ، ހަފްތާއަކު ދެ ފަހަރު މި ހެއަރ މާސްކްގެ ފަރުވާ ނަގަން ފެށުމުން ގާތްގަނޑަކަށް މަސްދުވަސްތެރޭ ބަދަލު ފެންނަނަށް ފަށާނެއެވެ.