އިސްތަށިގަނޑު މޮއިސްޗަރައިޒްކޮށް ދުޅަހެޔޮކޮށް ބެހެއްޓުމުން އަބަދުވެސް އިސްތަށިގަނޑު އޮފުކޮށް ރީއްޗަށް ހުންނާނެއެވެ. އިސްތަށީގެ ކުލަ މަރުވެ އޮފުކަން ކެނޑެންފެށުމަކީ، ބޮލުގައި ކުލަ ޖެއްސުންފަދަ ކެމިކަލް ޓްރީޓްމަންޓްތައް ނެގުމުންނާއި އަދި ރާއްޖެ ފަދަ ހޫނު ޤައުމެއްގައި، އިރުގެ ހޫނު އަވިން އިސްތަށުގަނޑު ރައްކާތެރިނުކުރާނަމަ ދިމާވެދާނެ މައްސަލައެކެވެ. މިފަހަރު މި ހިމަނާލަނީ މި މައްސަލައަށް ހައްލެއްގެ ގޮތުން ބޭނުންކޮށްލާނެ ވަރަށް ރަނަގަޅު ހެއަރ މާސްކެކެވެ. މި މާސްކުން އިސްތަށީގެ ބޭރު ފަށަލަ ސާފުކޮށްދީ އޮމާންކޮށްދޭނެއެވެ. ނަތީޖާއެއްގެ ގޮތުން އިސްތަށިގަނޑުގެ ގެއްލިފައިވާ އޮފުކަން ދާދި އަވަހަށް އެނބުރި އަތުވެދާނެއެވެ.

ބޭނުންވާ ތަކެތި: މާމުއި، އެޕަލް ސައިޑަރ ވިނިގަރ އަދި ކާށިތެޔޮ

އިސްތަށިގަނޑުގެ ބޯމިނާއި ދިގުމިނަށް ބަލާ، މި މާސްކް ތައްޔާރުކުރުމުގައި މި ތިން ބާވަތްވެސް އެއްވަރަކަށް ބޭނުންކުރާށެވެ.

ތިންބާވަތް ރަނގަޅަށް މިކްސްކޮށްލުމަށްފަހު، ތެތް އިސްތަށިގަނޑުގަ (އިސްތަށީގެ ބުޑުން ފެށިގެން ކޮޅާހަމަޔަށް) ހޭކުމަށްފަހު މަދުވެގެން 20 މިނެޓް ވަންދެން ބަހެއްޓާށެވެ. އެއަށްފަހު ޝޭމްޕޫ ބޭނުންކޮށްގެން އިސްތަށިގަނޑު ދޮވެ ކޮނޑިޝަނަރވެސް ބޭނުންކުރަންވާނެއެވެ. މި މާސްކް ކޮންމެ ވައްތަރެއްގެ އިސްތަށިގަނޑުގައިވެސް ބޭނުންކުރެވޭނެއެވެ. ހަފްތާއަކު އެއްފަހަރު މި މާސްކް ބޭނުންކުރާނަމަ، އިސްތަށިގަނޑުގެ އޮފުކަން ދަމަހައްޓައިދޭނެއެވެ.