ޒީނަތްތެރިވުމުގައި އެއްމެ މުހިއްމު އެއް ދައުރެއް އަދާކުރަނީ އިންސާނާގެ މޫނެވެ. އިންސާނާގެ މޫނުގެ ހަންގަނޑު އުޖާލާކޮށް އަލިކޮށް ހުރުމަށް ކޮންމެ މީހަކުވެސް ހިތް އެދެއެވެ. ނަމަވެސް އެކަމުގައި ކުރަން ޖެހޭ މަސައްކަތްތަކަކީ ގޭތެރޭގައި ކުރަން އެހާ ފަސޭހަ ކަމަކަށް ނުވެއެވެ. ސްޕާ ތަކުގައި އާންމުކޮށް ލިބެން ހުންނަ މި ފަރުވާތަކުގެ ބަދަލުގައި ގޭގައި ވެސް މޫނުގެ ހަންގަނޑަށް ފަރުވާ ކުރެވިދާނެއެވެ. ނަމަވެސް މިއީ ލެބޯޓަރީ ތަކުގައި އުފައްދާފައި ހުންނަ ކެމިކަލް އެކުލެވޭ މާއްދާތަކުން މުޅިންހެން ސަލާމަތް ވެފައިވާ ފަރުވާ ތަކެކެވެ. އާދޭހެވެ. އެއީ ގޭގައި އުފައްދާ "އޯގަނިކް" ފޭސް މާސްކް ތަކެވެ.

މޫނުމަތީގެ ހަންގަނޑު އުޖާލާކުރުމަށް ފޭސް މާސްކެއް އުފެއްދުމަށް ވަރަށް ބައިވަރު ގޮތްތައް އެބަހުއްޓެވެ. އެންމެ ރަނގަޅު ގޮތަކީ ގޭގައި ތައްޔާރު ކުރާ މާސްކެވެ. މާސްކެއް ހެދުމަށް ބޭނުންވާ ހުރިހާ ބާވަތްތަކެއް އަހަރުމެންގެ ބަދިގޭގައި މިހާރުވެސް ހުރެދާނެއެވެ. ޖީބަށް ލުއި އަދި ދުޅަހެޔޮކަމުން ފުރިފައިވާ މާސްކެއް ތައްޔާރުކޮށް ބޭނުންކުރުމަށް ލޯބި ނުވާންވީ ކިއްވެ ހެއްޔެވެ؟

އަމިއްލައަށް ފޭސް މާސްކް އުފައްދާއިރު، އޭގެ ތެރެއަށް ވަންނަ ހުރިހާ ވިޓަމިންތަކާއި މިނަރަލްސް އެނގި، އެ ތަކެތީގެ މިންވަރު ކޮންޓްރޯލް ކުރުމުގެ ބާރު، އެ މާސްކެއް އުފައްދާ މީހަކަށް ލިބިގެން ވެއެވެ. ލުނބޯ އާއި އޮރެންޖުން ވިޓަމިން ސީ ލިބިދޭއިރު، އެވޮކާޑޯގައި ވިޓަމިން އީ އަދި އޭ ހުރެއެވެ. މީގެ އިތުރުން ދޮންކޭލުގައި ކެލްސިއަމް އާއި ޕޮޓޭސިއަމް ހުރެއެވެ. އާންމުކޮށް މޫނުގައި ހާކާއުޅޭ ލެބުގައި އުފައްދާ ތަފާތު ކެމިކަލްތަކުން ހަންގަނޑަށް "ހުސްވަގުތުކޮޅެއް" ދިނުމަކީ ވަރަށް މުހިންމު ކަމެކެވެ.

ފޭސް މާސްކް ރެސިޕީތަކުގެ ތެރެއިން ފަސޭހައިން ތައްޔާރުކުރެވޭ ބައެއް މާސްކްތަކުގެ މައްޗަށް ބަލާލަމާ ހިނގާށެވެ.

. ގޮށްރީނދޫ ފޭސް މާސްކް ރެސިޕީ:

ކަދުރާއި ގޮށްރީނދޫ އެއްކޮށްލުމުން އެންޓި އިންފްލެމެޓަރީ ފައިދާތަކާއި ހަންގަނޑު އުޖާލާކޮށްދޭ މާއްދާތައް ލިބިގެންދެއެވެ. އަދި މިއީ ތައްޔާރުކުރަށް ވަރަށް ފަސޭހަ މާސްކެކެވެ. މި މާސްކް ތައްޔާރުކުރާނެ ގޮތަކީ:

1. އެއް ސައިސަމުސާ ކަދުރާއި އެއް މޭޒުމަތީ ސަމުސާ ގޮށްރީނދޫ ރަނގަޅަށް އެއްކޮށްލާށެވެ.

2. ސާފު، ހިކި މޫނެއްގައި މާސްކް އުނގުޅާފައި ގާތްގަނޑަކަށް 15 އާއި 20 މިނެޓް ވަންދެން މަޑުކޮށްލާށެވެ.

3. ހޫނު ފެނުން މާސްކް ދޮވެލާށެވެ.

4. "މޮއިސްޗަރައިޒާއެއް" އުނގުޅާލާށެވެ.

 

. މާމުއި ފޭސް މާސްކު:

މާމުއީގައި ހުންނަ ގުދުރަތީ "އެންޓިބެކްޓީރިއަލް" މާއްދާތަކުގެ އެހީގައި އޮށާޅަ ނަގާފައިވާ ހަންގަނޑަށް އޮމާންކަމެއް ގެނެސްދެއެވެ. އޮށާޅަ ނަގާފައިވާ ހަންގަނޑަށް ފަރުވާ ދިނުމަށް ފައިދާހުރި އަނެއް މާއްދާއަކީ "ނިއުޓްރިޝަނަލް ޔީސްޓް" ކަމަށްވާއިރު، މިއީ ހަންގަނޑު ފިނިކޮށްދީ، "ބްރޭކްއައުޓް" ވުން ހުއްޓުވާ ވިޓަމިން ބީ އިން ފުރިފައިވާ އެއްޗެކެވެ.

"ހަނީ ޔީސްޓް" ފޭސް މާސްކެއް ތައްޔާރުކުރާނެ ގޮތް:

1. ދެ "ކެމޮމައިލް" ސައިފަތް ހޫނު ފެނަށް އަޅާފައި ފޭދެންދެން ބަހަށްޓާށެވެ.

2. އެއް މޭޒުމަތީ ސަމުސާ މާމުޔާއި އެއް ސައިސަމުސާ "ނިއުޓްރިޝަނަލް ޔީސްޓް" ވަކި ތައްޓެއްގައި އެއްކޮށްލާށެވެ.

3. މިޕޭސްޓް ތެރެއަށް ކެމޮމައިލް ކުޑަ ސައި ފޮދެއް އެޅުމަށް ފަހު ފޭސް މާސްކެއްގެ ގޮތުގައި ބޭނުންކުރެވޭނެ ވަރަށް ތަތްކޮށް ޕޭސްޓް ހަދާށެވެ.

4. މި ޕޭސްޓް މާސްކެއްގެ ގޮތުގައި މޫނުގައި އުނގުޅާފައި ގާތްގަނޑަކަށް 20 މިނެޓް ވަންދެން ބަހައްޓާށެވެ.

5. މާސްކް ދޮވެ މޫނުގައި "މޮއިސްޗުރައިޒަރއެއް" އުނގުޅާލާށެވެ.

 

. އެވޮކާޑޯ އާއި އެކު ހަންގަނޑު ތެތްކޮށްދޭ ފޭސް މާސްކް:

ހަންގަނޑު ހިކިފައި ހުންނަތާ ދުވަސްކޮޅެއް ވެއްޖެހެން ހީވޭ ހެއްޔެވެ؟ މިކަމަށް ހައްލެއް ބޭނުންވާނަމަ، އެވަކާޑޯއެއް ހޯދާށެވެ. އެވޮކާޑޯއަކީ ހަންގަނޑު ތެތްކޮށްދިނުމަށް އެހީތެރިވެދޭ އޮމެގާ-3 ފެޓީ އެސިޑްތަކުން ފުރިފައިވާ އެއްޗެކެވެ. މީގެ ތެރެއަށް ޒައިތޫނި ތެޔޮ އެޅުމުން ހަންގަނޑު "ސީލް" ކުރުމަށް އެހީތެރިވެދޭނެއެވެ. ހަންގަނޑު އިތުރަށް މަޑުކޮށްލުމަށްޓަކައި މާމުއި އާއި ޔޯގަޓް ވެސް މީގެ ތެރެއަށް އެޅިދާނެއެވެ.

ހަންގަނޑު ތެތްކޮށްދޭ މިފަދަ މާސްކެއް ތައްޔާރުކުރާނެ ގޮތް:

1. އެއް އެވޮކާޑޯ ޗިސް ކޮށްލާށެވެ.

2. ދެ މޭޒުމަތީ ސަމުސާ އާދައިގެ ޔޯގަޓް އަޅާށެވެ.

3. އެއް މޭޒުމަތީ ސަމުސާ ޒައިތޫނި ތެޔޮ އަޅާށެވެ.

4. އެއް މޭޒުމަތީ ސަމުސާ މާމުއި އަޅާށެވެ.

5. ހުރިހާ އެއްޗެއް ރަނގަޅަށް އެއްކޮށްލާށެވެ.

6. 15 އާއި 20 މިނެޓާ ދެމެދުގެ މުއްދަތަކަށް، މޫނުގައި އުނގުޅާފާ ބަހައްޓާށެވެ.

7. ރަނގަޅަށް ދޮވެލާށެވެ.

މި ބަލާލެވުނީ ގޭގައި ތައްޔާރު ކުރެވިދާނޭ ވަރަށް އާދައިގެ ފޭސް މާސްކް ތަކަކަށެވެ. މީގެ އިތުރުންވެސް އަދި ކިތައްމެ ވައްތަރެއްގެ ފޭސް މާސްކް ގޭގައި ހެދިދާނެއެވެ. ޒީނަތްތެރި ވުމަކީ ވަކި ފައިސާ ގިނަވެގެން ކުރެވޭ ކަމެއް ނޫނެވެ. ބަދިގެ ތެރެއިންވެސް ޒީނަތްތެރިވުމަށް ބޭނުންވާ އެތައް "ކާނާއެއް" ތައްޔާރު ކުރެވިދާނެއެވެ.