ދަށްފައިގައި ރެނދުލުން ނުވަތަ ފައި ފަޅައިގެން ދިއުމަކީ ދިވެހިންގެ ތެރޭގައި ވަރަށް ޢާންމު ކަމެކެވެ. ފައި ފަޅައިގެން ދިއުމަކީ ފަރުވާ ނުހޯދާ ހުރެފިނަމަ، ސިއްހީ ގޮތުން ބޮޑެތި މައްސަލަތަކެއް ކުރިމަތިވެދާނެ މައްސަލައެކެވެ. 

ފައި ފަޅައިގެން ދާ ގިނަ ސަބަބުތަކެއް ހުރެއެވެ. އޭގެ ތެރެއިން އެންމެ ޢާންމުކޮށް ދިމާވާ ސަބަބަކީ ފައިގެ ވަށައިގެންވާ ހަންގަނޑު ހަރުވެ، ވާންކެނޑި، ހިކިވުމުގެ ސަބަބުން ދިމާވާ މައްސަލައެކެވެ. ދޭތެރެ ދޭތެރެއިން ފައި ވަރަށް ބޮޑަށްފަޅައިގެން ދާއިރު އިންފެކްޓްވެ، "ސެލޫލައިޓިސް" ކިޔާ ހަމުގެ އިންފެކްޝަނެއް ވެސް ކުރިމަތިވެދާނެއެވެ. ފައި ފަޅައިގެންދާ ސަބަބަކީ ކޮބައިކަން ސީދާ ނޭނގުނު ކަމުގައި ވިޔަސް، އެކަމަށް ފަރުވާ ދިނުމަށް އެޅިދާނެ ފިޔަވަޅުތަކެއް އެބަހުއްޓެވެ. 

ފައި ފަޅައިގެންދާ ސަބަބުތަކަކީ ކޮބައި ހެއްޔެވެ؟ ފައިގެ ވަށައިގެންވާ ހަންގަނޑު ހިކި ބޯވެއްޖެނަމަ އެއީ ފައި ފެޅުމުގެ ފެށުމަކަށް ވެދާނެއެވެ. ދަށްފަޔަށް އިތުރު ޕްރެޝަރެއް ދިނުމުން ހަންގަނޑު ހިކިވެ ބޯވެ ފަޅައިގެން ދެޔެވެ. ކޮންމެ މީހެއްގެވެސް ފައި ފަޅައިގެން ދިއުމުގެ ފުރުސަތު އޮތް ކަމުގައި ވިޔަސް، ބައެއް ކަންތައްތަކުގެ ސަބަބުން އެކަމުގެ ފުރުސަތު ބޮޑުވެއެވެ. އޭގެ ތެރޭގައި ހިމެނެނީ؛ 

- ފައި އެއްކޮށް ނިވާ ނުވާ ފައިވާނަށް އެރުން 

- ގިނަ ކެމިކަލް އެކުލެވޭ ސައިބޯނި ބޭނުން ކުރުން

- ފިނި، ހިކި ހަންގަނޑެއް ހުރުން 

- ފިނި މާހައުލު

- ދިގު މުއްދަތަކަށް ކޮޅަށް ހުރުން

މީގެ އިތުރުން ބައެއް ސިއްހީ ހާލަތްތަކުގެ ސަބަބުންވެސް ފައި ފަޅައިގެން ދިއުމަށް މެދުވެރިވެދާނެއެވެ. އޭގެ ތެރޭގައި ހިމެނެނީ؛

- ހައިޕޮތައިރޮއިޑިޒަމް

- ޖުވެނައިލް ޕްލާންޓަރ ޑަރމަޓޯސިސް 

- ޝޮގްރެންސް ސިންޑްރޯމް

- ފަންގަލް އިންފެކްޝަން

 - ހީލް ސްޕަރސް

މިގޮތަށް ފައި ފަޅައިގެން ދިއުމުން ގޭގައި ފަރުވާ ކުރާނެ ގޮތްތަކެއް އެބަހުއްޓެވެ. އޭގެ ތެރޭގައި؛

- ކޮންމެ ދުވަހަކު ފައި ދޮވެލާށެވެ. ފައި ދޮންނަން ހޫނު ފެން ބޭނުން ކުރުން

- ގެއިން ބޭރަށް ނުކުންނައިރު ފައި ނިވާވާ ފަދަ ބޫޓަކަށް އެރުން ނުވަތަ އެއްކޮށް ނިވައިވާ އުސް ފައިވާނަކަށް އެރުން

- ހަންގަނޑު މަޑުކޮށްދޭ އެއްޗެހި ހިމެނޭ މޮއިސްޗުރައިޒިން ކްރީމްފަދަ އެއްޗެއް އުނގުޅުން

- ދުވާލު ގަޑީގައި ފައިގެ ހާމަވެފައިވާ ތަންތަން، އަލްޓްރާ ވައިލެޓް ދޯދިތަކުން ރައްކާތެރި ކުރުމަށް ސަންސްކްރީން ބޭނުން ކުރުން 

- ރޭގަނޑު ނިދާ ވަގުތު ފައި ފިނިވާނަމަ އިސްޓާކީނު ލައިގެން ނިދުން

ފައި ފަޅައިގެން ދިއުން ހުއްޓުވުމަށް ފަސޭހައިން ގޭގައި މިކަންކަން ކުރެވޭނެއެވެ. މިއީ ވަކިން ހާއްސަކޮށް ހަކުރުބަލި ހުންނަ މީހެއްނަމަ މުހިއްމު ކަމެކެވެ. އަދި ކޮންމެ ދުވަހަކު ފައިތިލަ އަށް ބަލާ، ފައިގެ ހާލަތު ދެނެގަންނަ ނަމަ ގޯސް ވުމުގެ ކުރިން ފަރުވާ ފެށޭނެއެވެ. އާންމުކޮށް ފައި ފަޅައިގެންދާ މީހެއްނަމަ މިކަންކަމަށް ހާއްސަ ސަމާލުކަމެއް ދޭން ވާނެއެވެ.