ޒީނަތްތެރިވުމަށް ބޭނުންކުރާ ބައެއް އެއްޗެއްސަކީ އަހަރެމެންގެ ތެރެއިން ގިނަ ބަޔަކު ބޭނުންކުރާ އެއްޗެއްސެވެ. މިހާ އާއްމުކޮށް މިތަކެތި ބޭނުންކުރާއިރު، އާއްމުކޮށް ބޭނުންކުރެވޭ މިފަދަ ބައެއް ތަކެތި ތައްޔާރު ކުރުމުގައި ބޭނުންކޮށްފައިވާ ބައެއް ޖަނަވާރު ނުވަތަ ސޫފާސޫފީގެ ބާވަތްތަކަށް ބަލާލާނަމެވެ.

އެގޮތުން ސްކުއަލީން ނަމަކަށް ކިޔާ މާއްދާ އަކީ ހަންގަނޑުގައި އުނގުޅުމަށް ތައްޔާރުކޮށްފައިވާ ގިނަ އެއްޗެހީގައި ހުންނަ މާއްދާއެކެވެ. މި މާއްދާ ހަނގަނޑުގައި އުނގުޅާ ތަކެއްޗަށް އެއްކޮށްފައި ހުންނަނީ މި މާއްދާގައި ހުންނަ، ހަންގަނޑު އޮމާންކޮށްދިނުމުގެ ގާބިލުކަމުގެ ސަބަބުންނެވެ. ސްކުއަލީން އަކީ ސްކުއަލައިޑް ނަމަކަށް ކިޔާ މިޔަރުގެ ބާވަތެއްގެ ފުރަމެއިން ނަގާ މާއްދާއެކެވެ. ނަމަވެސް މިހާރު ބައެއް ލެބޯޓްރީތަކުގައި މި މާއްދާ ތައްޔާރުކޮށްގެންވެސް ބޭނުން ކުރެއެވެ.

ލިޕްސްޓިކް ފަދަ ރަތްކުލަ އޭގައި އެކުލެވޭ ގިނަ ތަކެތި ތައްޔާރު ކުރުމުގައި ބޭނުން ކުރެވޭ ކާމައިން ނަމަކަށް ކިޔާ ރަތްކުލައިގެ މި މާއްދާއަކީ ކޮކްނިއަލް ނަމަކަށް ކިޔާ ކުޑަ ސުއިއްޕަކުން ނަގާ މާއްދާއެކެވެ. މިއީ އެ ސޫފި ޗަސްކޮށްލުމުން ނުކުންނަ ފާޑެއްގެ ކުލަގަނޑެކެވެ. މިއީ އަދި ލެޔެއް ނޫނެވެ. މި މާއްދާ ބޭނުން ކުރެވެނީ ޒީނަތްތެރިވުމަށް އުފައްދާ ބައެއް ތަކެތީގައި ރަތްކުލަ ޖެއްސުމަށެވެ.

ވިދުން އެކުލެވޭ ބައެއް ތަކެތީގައި އެ ވިދުން ގެނައުމަށް ބޭނުން ކުރާ ގުއަނައިން އަކީ މޫދުގައި އުޅޭ ބައެއް މަސްމަހުގެ ހުޅުނބުން ތައްޔާރުކޮށްފައި ހުންނަ އެއްޗެކެވެ. ނިޔަފަތި އޮފްކުރާ ބައެއް ތަކެތީގައި ހުންނަ ޝެއްލެކް ނަމަކަށް ކިޔާ މާއްދާއަކީ ލެކް ނަމަކަށް ކިޔާ ކުޑަ ސުއިއްޕަކުމް ނަގާ މާއްދާއެކެވެ. އަދި ބައެއް ސައިބޯނި ފަދަ ތަކެތީގައި ހުންނަ ގްލައިސެރީން އަކީ ބައެއް ޖަނަވާރުގެ ސަރުބީގަނޑުގަނޑުން ނަގާ މާއްދާއެކެވެ. ނަމަވެސް ބައެއް ގަސްގަހުންވެސް ގްލައިސެރީން ނަގާ އުޅެއެވެ.

އެންޓި-އޭޖިން ޕްރޮޑަކްޓް ތަކުގައި ބޭނުން ކޮށްފައި ހުންނަ ކޮލާޖެން ނަމަކަށް ކިޔާ މާއްދާއަކީ ބައެއް ޖަނަވާރުންގެ މަހާއި ކައްޓާއި އަދި ހަންގަނޑުން ނަގާ މާއްދާއެކެވެ. މިގޮތަށް، ބިއުޓީ އިންޑަސްޓްރީގައި އެއްމެ ގިނައިން ކޮލާޖެން ނަގާ އުޅެނީ ގެރިންނެވެ. 

ބައެއްކަހަލަ ދިރުންތަކާއި ޒީންތްތެރިވުމަށް ބޭނުންކުރާ ބައެއް ތަކެއްޗާ މިވަނީ ގުޅިފައެވެ. ނަމަވެސް އާދަވެ އަހަރެމެން މި ބޭނުން ކުރާއިރު މިކަހަލަ އިހުސާސްތަކެއް ކުރެވޭ ހެއްޔެވެ؟ މިފަދަ ބައެއް ތަކެތި ބިއުޓީ ޕްރޮޑަކްޓްސް ތަކުގައި ބޭނުން ކޮށްފައި ހުރުމަކީ "ހަޑި" ކަމަކަށް ނުވޭތާއެވެ. އެހެނީ އެއީ ޒީީނަތްތެރިވުމަށް ބޭނުން ކުރެވޭތީތާއެވެ.