މޫނުމަތީގެ އެކި ހިސާބުތަކުގައި ބިހި ނަގާއިރު، ނޭފަތާއި ނޭފަތުގެ ވަށައިގެން ނަގާ ކުދި އޮލަ ބިހިތަކެއް ހުރެއެވެ. މިސަރަހައްދުގެ ހަންގަނޑުން މާ ގިނައިން ތެޔޮ ނުކުތުމުން ނުވަތަ ކޮންމެވެސް ޖަރާސީމެއްގެ ސަބަބުން ނުވަތަ މަރުވެފައިވާ ހަމުގެ އެތި އެތިކޮޅުގެ ސަބަބުން އުފެދޭ އެލާޖިކް ރިއެކްޝަނަކުން މިފަދަ ބިހިތަކެއް ނަގާފާނެއެވެ. ނޭފަތުގައި ނަގާ މި ބިހިތައް ފިލުވާލުމަށް ގޭގައިވެސް ކުރެވިދާނޭ ބައެއް ކަންކަން ހުރެއެވެ.

އެގޮތުން ސައިފަތް ގަހުގެ ތެލަކީ މިކަމުގައި މޮޅު ހައްލެކެވެ. ކުޑަ ކަފަކޮޅަކުން ނުވަތަ ކަފަބުރަކުން ސައިފަތްގަހުގެ ޔެތޮކޮޅެސް އެ ސަރަހައްދުގައި އުނގުޅާލެވިދާނެއެވެ. ސައިފަތްގަހުގެ ތެޔޮ ނުލިބޭނަމަ، ހާލިސް ކާށި ތެޔޮވެސް މިކަމަށް ބޭނުން ކުރެވިދާނެއެވެ. ހަންގަނޑުން މާ ގިނައިން ތެޔޮ ނުކުންނަ އިރުގައިވެސް ތެޔޮ ހާކަން މި އިރުޝާދު ދެނީ ކީއްވެތޯ ސުވާލު އުފެދިދާނެއެވެ. އޭގެ އެއް ހިކުމަތަކީ "އޮއިލް ބޭސް ބެލެންސެއް" އުފެއްދުމެވެ. ދެވަނައީ ސައިފަތްގަހު ތެލާއި ކާށި ތެލުގައި އެންޓިބެލްޓީރިއަލް ގެ މާއްދާތަކެއް ހުރުމުން، އެއީ ޖަރާސީމެއްގެ ސަބަބުން ވާ ކަމެއް ނަމަ އަވަހަށް އެކަމެއް ހައްލު ވެދެއެވެ.

މިގޮތަށް ނޭފަތުގައި ނަގާފައި ހުންނަ ބިހިތަކުގައި މާމުއިކޮޅެއް އުނގުޅާލާ، ގާތްގަނޑަކަށް 15 ވަރަކަށް މިނެޓު ވަންދެން ބަހައްޓާލާށެވެ. އަދި އެއަށްފަހު، ތާފަނާ ފެނުން މީނު ދޮވެލާށެވެ. މިއީވެސް މި ކުދި ބިހިތައް ފިލުވާލުމަށް ގޭގައި ކުރެވިދާނެ ކަމެކެވެ. 

އަދި ތާޒާ އަލޯވެރާ ގަހުގެ ލޮންޖަކީވެސް މިކަމަށް މޮޅު ހައްލެކެވެ. މީގެ އިތުރުން ލުނބޯ ހުތުގެ ތެރެއަށް ކުޑަ މާމުއިކޮޅެއް އެޅުމަށްފަހު، އުނގުޅާލުންވެސް އެއީ ކުރެވިދާނެ ކަމެކެވެ. މިގޮތަށް އުނގުޅާލުމަށްފަހު، އިސްވެ ފާހަގަކުރިހެން، 15 ވަރަކަށް މިނެޓު މަޑުކޮށްލަން ވާނެއެވެ. އަދި އޭގެ ފަހުގައި ތާފަނާ ފެންފޮދަކުން މޫނު ދޮވެލެވިދާނެއެވެ.

މޫދު ލޮނު ނުވަތަ ފެނުގެ ތެރެއަށް ކުޑަ ލޮނުކޮޅެއް އެޅުމަށްފަހު، ރަނގަޅަށް ކައްކާލާށެވެ. އަދި ތާފަނާ ވެލަންދެން ބެހެއްޓުމަށްފަހު، އެ ފެނުގެ ތެރެއަށް މޫނު ލާށެވެ. މިގޮތަށް ކަންކުރުމުންވެސް ޖަރާސީމެއް ހުރި ނަމަ އެ ޖަރާސީމެއް މަރުވުމުގެ ފުރުސަތު އޮވެއެވެ. މިކަންކަން ކުރުމުގައި ފަރުވާތެރިވެ ސަމާލުކަން ދޭން ޖެހޭނެއެވެ.

އިސްވެ މި ފާހަގަ ކޮށްލީ ނޭފަތުގައި ނަގާފައި ހުންނަ ކުދި އޮލަ ބިހިތައް ފިލުވާލަން ގޭގައި ކުރެވިދާނެ ބައެއް ކަންކަމަށެވެ. މިކަންކަން މިމަގުން ކުރި ނަމަވެސް، އަބަދުވެސް މޫނުމަތި ސާފުކޮށް ދޮވެފައި ބަހައްޓަންވާނެއެވެ. މޫނުގައި ނުވަތަ ނޭފަތުގައި މާ ގިނައިން އަތް ނުކާތާށެވެ. އަދި އެއްވެސް ބިއްސެއް ގޮއްވާލަން ނުހަދާށެވެ. އެހެނީ އޭގައި އެ ހުންނަ ދިޔަވަރުގެ ސަބަބުން، "ކޮންޓެކްޓް ސްޕްރެޑް" އެއް އުފެދި، އެ ދިޔަ ޖެހޭ އެހެން ހިސާބުތަކުން އަނެއްކާ އޭގެ ބިހިތަކެއް ނެގުމުގެ ފުރުސަތު އޮވެދާނެތީއެވެ. އަދި އިސްވެ މި ފާހަގަ ކުރި ކަންކަމަކީ ހަމަ ކޮންމެ މީހަކަށް އެއިން އަސަރު ކޮށްފާނޭ ކަންކަމް ކަމުގައި ނުވެދާނެއެވެ. އެހާލަތުގައި ހަމުގެ ޑަކްޓަރަކަށް ދައްކާ، ޑަކްޓަރުގެ ލަފާގެ މަތިން ކުރިއަށް ގެންދެވިދާނެއެެވެ.