ކޮންމެ މީހަކީވެސް ޒުވާންކަންމަތީ ހުރުމަށް ލޯބިކުރާ މީހެކެވެ. ޒުވާން އުމުރުގައި ހަންގަނޑު ކުރަކިވެ، މޫނުމައްޗަށް ރޫއަރާ، ބިހި ނަގާ ބޮލުން އިސްތަށި ފޭބުން ފަދަ ކަންކަމަކީ މެދުވެރިވުމަށް ނޭދޭ ކަންކަމެވެ. މިއީ ޒީނަތްތެރިކަމުގެ ގޮތުންވެސް ވުމަށް ނޭދޭ ކަންކަމެވެ. މިކަންކަމުން ދުރުވެ، އޮމާމް ހަންގަނޑަކާއި އޮމާން މޫނެއް އަދި ވަރުގަދަ އިސްތަށިގަނޑެއް އޮތުމަށް އެދޭ މީހާ، އެއްމެ ފުރަތަމަވެސް ކުރަންވީ ކަމަކީ ހާސްކަމާ ނުތަނަވަސްކަމުން ދުރުވުމެވެ.
އިނގިރޭސި ބަހުން ކިޔާނަމަ ސްޓްރެސް އަކީ އިސްވެ މި ދެންނެވި ކަންކަން މެދުވެރިވުމުގައި ވަރަށްބޮޑު ދައުރެއް އަދާކުރާ ކަމެކެވެ. އިންސާނާގެ ހަށިގަނޑު އަބަދުވެސް އިންސާނާގެ ސިކުނޑިއަށް ކިޔަމަން ވެއެވެ. އެގޮތުން ހާސްކަމުގައިވާ މީހާގެ ހަށިގަނޑުގެ ލޭގެ ތެރެއަށް ކޯޓިސޯލް އަދި އެޑްރިނަލިން ނަމަކަށް ކިޔާ ހޯމޯނުތަކެއް ދޫވެއެވެ. މިއީ ހަންގަނޑުގައި ހުންނަ ތެޔޮ އުފައްދާ ކުދިކުދި ގްލޭންޑްތައް ހަރަކާތްތެރިކުރުވާ ހޯމޯނުތަކެކެވެ. ނަތީޖާއަކަށްވަނީ ހަންގަނޑު، ހާއްސަކޮށް މޫނު ތެޔޮވުމެވެ. މިގޮތަށް ގިނައިރު، މޫނުގައި ތެޔޮކަމެއް ހުންނަ ނަމަ މޫނުގައި އޮށާޅަ ނެގުމާއި ބިހި ނެގުން ގިނަވާނެއެވެ.
ހާސްކަމުގެ ސަބަބުން ހަށިގަނޑަށް އަންނަ ބަދަލުގެ ތެރޭގައި އިންސާނާގެ ދިފާއީ ނިޒާމަށް އަންނަ ބަދަލުތަކެއް ހުރެއެވެ. ހަށިގަނޑުގައި ހުންނަ ރަނގަޅު ޖަރާސީމުތަކުގެ ހަމަހަމަކަން ގެއްލިދެއެވެ. އެގޮތުން ހަންގަނޑުގައިވެސް ހުންނަ ރަނގަޅު ޖަރާސީމުތަކުގެ ނަހަމަކަމެއްގެ ސަބަބުން އިންފްލެމޭޓަރީ އަސަރުތަކެއް ހަންގަނޑުން ފެނެއެވެ. ނަތީޖާއަކަށްވަނީ ހަންގަނޑުގެ ވާންކަން ކެނޑި ދޫޖެހުމެވެ.
ސްޓްރެސްގައި ވާ މީހާގެ ލޭގެ ޕުރެސަރު މަތިވާނެއެވެ. އަދި އެ މަތުވާ ޕުރެސަރުގެ ބާރު އޭނާގެ ބޮލަށް ކުރާ މިންވަރު އިތުރުވެދެއެވެ. އެހެންކަމުން ސްޓްރެސްގައި ވާ މީހެއްގެ ބޮލުގެ ނާށިގަނޑުގައި ހޫނު ކަމެއް އުފެދެއެވެ. ހަމަ އެއާއި އެކު އިސްވެ ދެންނެވި ދެ ހާލަތުވެސް މެދުވެރި ވެއެވެ. ތެޔޮ ގިނަ ވުމާއި ރަނގަޅު ޖަރާސީމުތަކުގެ ހަމަހަމަކަން ގެއްލުމެވެ. މި ތިން ކަންތައްތަކުގެ ސަބަބުން ބޮލުގެ ނާށިގަނޑުގެ ހަންގަނޑަށްވެސް ބަދަލުތަކެއް އާދެއެވެ. އެ ބަދަލުތަކުގެ ސަބަބުން އިސްތަށިތަކުގެ ބުޑު ބަލިވެއެވެ. ނަތީޖާއަކަށްވަނީ އިސްތަށި ފޭބުމެވެ.
ކަންމިހެން ހުރުމާއި އެކު ވަރުގަދަ އިސްތަށިގަނޑަކާއި، ރީތި އޮމާން މޫނެއް އެދޭމީހާ، ޒާތްޒާތުގެ އެއްޗެހި މޫނާއި ބޮލުގައި އުނގުޅުމުގެ ކުރިން، ހާސްކަމާއި ނުތަނަވަސްކަމުން ދުރުވެލުން ކީއްވާނެތޯއެވެ. އަދި އެކަމުގެ ނަތީޖާ ބަލާލުންވެސް މުހިއްމުނޫންތޯއެވެ.
ހަވާލާ: ޝިފާ ޙާން، ހެލްތް ޝޮޓްސް - 2022
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން