ނިދާން ހޭލާއިރު، މޫނުމަތި ފޮއްސިވެފައި ހުރޭ ހެއްޔެވެ؟ އެ ފޮއްސިކަމުގައި ބޭރަށް ނުކުންނަން ނުކެރިފައި ހުންނަން ހެއްޔެވެ؟ 

މޫނުމަތި ފޮއްސިވެދާނެ ބައިވަރު ސަބަބުތައް ހުރެއެވެ. އޭގެ ތެރޭގައި ބަނޑުވަތަށް އޮވެ ނިދުމާއި ބާލީހުގައި ބޯ ބޭއްވޭ ގޮތަކުންވެސް މިކަން ދިމާވެދާނެއެވެ. މީގެ އިތުރުން ނިދަން އޮތުމުގެ ކުރިން ފެންބޮވޭ މިންވަރު މަދުވުމާއި، ކެވޭ ކެއުމުގައި ލޮނުގެ މިންވަރު އިތުރު ވުންވެސް ހިމެނެއެވެ. 

މި ސަބަބުތައް މިހެން ހުރިނަމަވެސް، ނިދާ ހޭލާއިރު މޫނުމަތި ފޮއްސި ވެފައި ހުރުމުގެ އެންމެ ބޮޑު އެއް ސަބަބަކީ ނިދާފައި އޮންނައިރު، މޫނުމަތީގެ ހަރަކާތްތައް މަދުވުމެވެ.

މިގޮތަށް މޫނުމަތީގައި ހުންނަ ފޮއްސިކަން އަވަހަށް ފިލުވާލުމަށް ކުރެވިދާނެ ބައެއް ކަންކަން އެބަ ހުއްޓެވެ. އެގޮތުން ހޭލެވުމާއެކު ލަސްނުކޮށް މޫނު ދޮވެލުން ވަރަށްވެސް މުހިންމެވެ. އަދި ހަމައެއާއި އެކު ފެންވަރާލުންވެސް މުހިންމެވެ. މީހާގެ ހަށިގަނޑު ތާޒާކޮށްލުމާއި އެކު ހަށިގަނޑުގައި ލޭދައުރުވާ މިންވަރު ރަނގަޅުކޮށްދޭނެއެވެ. ނަތީޖާއަކީ މޫނުމަތީގައިއެވާ ފޮއްސިކަން އަވަހަށް ފިލައިގެން ދިއުމެވެ. ފިނި ފެނުން މޫނު ދޮވެލާނަމަ އަދި މިކަން އިތުރަށް އަވަސް ވެދާނެއެވެ. ފިނި ފެނުން މޫނު ދޮވެލާ މޫނު ފިނިކޮށްލުމުން މޫނުގެ ފޮއްސިކަން އަވަހަށް ފިލާނެއެވެ.

މީގެ އިތުރުން ފިނިކޮށްފައިވާ ކިއުކަންބާއެއް ބުރިކޮއްލުމަށް ފަހު، ފޮއްސިވެފައިވާ ހިސާބުގައި އުނގުޅާލެވިދާނެއެވެ. މިކަމުގެ ސަބަބުން މޫނު ފިނިކޮށްދިނުމުގެ އިތުރުން ހަންގަނޑުގައި އެއްވެސް ކަހަލަ ވިހަކަމެއް ނުވަތަ "އިންފެކްޝަން" އެއް ވާނަމަ އެކަންވެސް ރަނގަޅުކޮށްދޭނެއެވެ. އެހެނީ ކިއުކަންބާގައި "އެންޓިއޮކްސިޑަންޓް" ނަމަކަށް ކިޔާ މާއްދާއެއް އެކުލެވިގެންވުމާއި އެކު ކިއުކަންބާ އަކީ ޤުދުރަތީގޮތުން އެއްމެ ފިނި ތަރުކާރީއެވެ.

ނިދާ ހޭލުމަށްފަހު ހެލިފެލިވެ ހަރަކާތްތެރިވާނަމަ ވެސް މޫނުގައި ހުންނަ ފޮއްސިކަން ފިލާދިއުމަށް އެހީތެރިވާނެއެވެ. ހޭލެވުމަށް ފަހުގައިވެސް ގިނަ ވަގުތު ތަންމަތީގައި ހޭދަކުރުމަކީ ފޮއްސި ކަން އިތުރުކުރުވާނެ ކަމެކެވެ. މީގެ އިތުރުން ހޭލެވުނުހާ އަވަހަކަށް ފެންފޮދެއް ބޯލުން ވެސް ވަރަށް މުހިންމެވެ. މިކަމުގެ ސަބަބުންވެސް މޫނުގެ ފިނިކަން އިތުރުކޮށްދީ ހަށިގަނޑަށް ތާޒާކަން ވެރި ކުރުވާނެއެވެ.

ނިދަން އޮތުމުގެ ކުރިން، ރަނގަޅަށް ފެން ބުއިމާއި ބަނޑުވަތަށް އޮވެ ނުނިދުމާއި، ނިދުމުގެ ކުރިން މޫނުގައި ހުންނަ މޭކަޕްތައް ފަދަ އެއްޗެހި ފިލުވާލުމަކީ ނިދުމުގެ ސަބަބުން މޫނު ފޮއްސިވާ ފޮއްސިވުން ބޮޑުތަނުން ކުޑަކުރެވޭނެ ކަންކަމެކެވެ.