ހުސް ވަގުތުގައި ގޭގައި ހުރެގެން ތަފާތު ކަންތައްތަކުގެ އަޖުމަ ބަލަމުން، މޫނު ރީތިކޮށްދޭނެ ކަހަލަ ފޭސް މާސްކުތައް ގޭގައި ހެދުން މިވަނީ އާއްމުވެފައެވެ. މިގޮތަށް ގިނަ މީހުން ފުރަތަމަ ބަލަނީ އިންޓަނެޓުގައި ލިޔެފައި ހުންނަ އެއްޗިސަށެވެ. އެހެންނަމަވެސް، ބައެއް އެއްޗިއްސަކީ، މޫނުގައި އުނގުޅައިފިނަމަ މޫނުގެ ހަންގަނޑަށް ގެއްލުންދޭ އެއްޗެއްސެވެ. މިފަހަރު މި ހިމަނައިލަނީ އެފަދަ ބައެއް އެއްޗެހީގެ ލިސްޓެކެވެ.

1. ލުނބޯ

ލުނބޯ އަކީ އެސިޑިކް ލެވެލް ވަރަށް މަތީ އެއްޗެކެވެ. އެހެންކަމުން، މޫނުގައި ލުނބޯ އުނގުޅައިފި ނަމަ ހަންގަނޑު ދިލަނަގައި، އެނދުން ކަހަލަ ގޮތްގޮތް ވާނެއެވެ. ވީމާ ލުނބޯ ހުރިގޮތަށް މޫނުގައި އުނގުޅައިގެން ނުވާނެއެވެ. އޭގެ ބަދަލުގައި އެހެން އެއްޗަކާ އެއްކޮށްގެން ޕޭސްޓެއް ހަދައިގެން އުނގުޅިދާނެއެވެ. އަދި މިގޮތަށް ހަދާއިރު ވެސް، ލުނބޯ ހުތް މާގިނައިން ނާޅައްޗެވެ.

 

2. ދަތްއުނގުޅާ ބޭސް

ދަތް އުނގުޅާ ބޭހަކީ، މޫނުގައި ބިއްސެއް ނެގުމުން އެ ބިހި ނައްތައިލަން ވަރަށް އާއްމުކޮށް އުނގުޅާ އެއްޗެކެވެ. ނަމަވެސް، އެއީ މޫނުގައި އުނގުޅަން ކަމުދާ އެއްޗެއް ނޫނެވެ. މޫނުގެ ހަންގަނޑަކީ އެއަށްވުރެ ނާޒުކު އެއްޗެކެވެ. އަދި ދަތް އުނގުޅާ ބޭހުގެ ސަބަބުން ދިލަނަގައި، ބޭސް އުނގުޅާ ތަންތަންކޮޅު ރަތްވާ ގޮތްވެއެވެ.

 

3. ބޭކިންގ ސޯޑާ

ލުނބޮލެކޭ އެއްގޮތަށް ބޭކިންގ ސޯޑާވެސް ހުރިގޮތަށް މޫނުގައި އުނގުޅާކަށް ނުވާނެއެވެ. ސަބަބަކީ ބޭކިންގ ސޯޑާއަކީ ވަރަށް ބާރުގަދަ އެއްޗަކަށް ވާތީއެވެ. އަދި އެއީ އަލްކަލައިން (ޕީއެޗް ލެވެލް 7 އަށްވުރެ މަތި) އެއްޗެއް ވެސް މެއެވެ. ނަތީޖާއެއްގެ ގޮތުން، މޫނުގައި ބޭކިންގ ސޯޑާ އުނގުޅައިފި ނަމަ ހަންގަނޑު ހަލާކުވެ، ވަރަށް ބައިވަރު ގެއްލުންތައް ކުރިމަތިވެއެވެ.

 

4. ވިނިގާ

ވިނިގާއަކީ ވެސް ވަރަށް ބާރުގަދަ އެއްޗެކެވެ. އަދި އެސިޑިކް ލެވެލް މަތީ އެއްޗެކެވެ. އެހެންކަމުން މޫނުގައި ވިނިގާ އުނގުޅުމަކީ ކޮށްގެން ވާނެ ކަމެއް ނޫނެވެ.

 

5. ލޮނާއި ހަކުރު

ލޮނާއި ހަކުރުގެ ފުށްތަކުގައި ހުންނަ ތޫނުކަމުން، މޫނަށް ގެއްލުންވެއެވެ. އަދި ޙާއްސަކޮށް ނާޒުކު (ސެންސިޓިވް) ހަންގަނޑެއް ލިބިފައިވާ ނަމަ، މޫނުގައި ހާކަން ހަދާ ފޭސް މާސްކު ތަކުގައި ލޮނާއި ހަކުރު ބޭނުން ކުރުން ރަނގަޅެއް ނޫނެވެ.