ތުންފަތް ހިކި ތުންފަތުން ހަންފޮޅި، ކުލަ މަރުވާ ގޮތް ވާނަމަ އެކަމަށް ޙާއްސަ ލިޕް ބާމެއް ޤަވާއިދުން ހޭކުމުން ގިނަފަހަރަށް ރަނގަޅު ވެއެވެ. ނަމަވެސް، ފިހާރަތަކުގައި ވިއްކަން ހުންނަ އެއްޗިއްސަށްވުރެ، ގޭގައި އަމިއްލައަށް ތައްޔާރު ކުރާ އެއްޗަކަށް ކުރެވޭ އިތުބާރު ބޮޑުވާނެއެވެ.

އެގޮތުން މިފަހަރު މި ހިމަނާލަނީ، ތުންފަތް ރީތިކޮށް ބެހެއްޓުމަށް އުނގުޅަން ރަނގަޅު "ލިޕް ސްކްރަބް" ތަކެއް ތައްޔާރު ކުރާނެ ގޮތެވެ.

1. ކާށިތެޔޮ އަދި މާމުއި ސްކްރަބް

ކާށިތެލާއި މާމުޔަކީ ހަމައެކަނި ހަންގަނޑު ރީތިކޮށްދޭ ތަކެއްޗެއް ނޫނެވެ. އެ އެއްޗެތީގައި އެކުލެވޭ ފައިދާހުރި މާއްދާތަކުގެ ސަބަބުން ތުންފަތް ވެސް ރީތި ކޮށްދެއެވެ. މި ސްކްރަބް ތައްޔާރު ކުރާނެ ގޮތަކީ، 1 މޭޒުމަތީ ސަމުސާގެ މާމުއި އަދި 1 މޭޒުމަތީ ސަމުސާގެ ކާށިތެޔޮ ކުޑަ ބޯތަށްޓަކަށް އަޅާނީއެވެ. އެއަށްފަހު ބްރައުން ޝުގާ ކޮޅަކާއި ތާފަނާ ފެންފޮދެއް އަޅާފައި ހުރިހާ އެއްޗެއް އެއްކޮށްލާނީއެވެ. އޭރުން ހުންނާނީ ސްކްރަބް ޕޭސްޓުގަނޑެއް ހެދިފައެވެ. ދެން އެ ސްކްރަބުން ތުންފަތް ތިން މިނެޓު ވަންދެން އުނގުޅާނީއެވެ. އެއަށްފަހު ދޮވެލުމުން، ތުންފަތުގައި ފޮޅިފައި ހުރި ހަންތައް ނެތިގޮސް، އޮމާންކަން އިޙުސާސް ކުރެވޭނެއެވެ.

2. ކޮފީ އަދި މާމުއި ސްކްރަބް

ކުރިން ދެންނެވި ސްކްރަބް ފަދައިން މި ސްކްރަބްގައިވެސް މާމުއި އަދި ގްރައުންޑް ކޮފީގެ (ކޮންމެ އެއްޗަކުން) 1 މޭޒުމަތީ ސަމުސާ ތަށްޓަކަށް އަޅާފައި އެއްކޮށްލާށެވެ. ދެން ސްކްރަބް ޕޭސްޓެއް ހެދުމުން، ދެ މިނެޓު ވަންދެން ތުންފަތުގައި އުނގުޅައި މަސާޖު ކޮށްލާށެވެ. އަދި އިތުރު ދެ މިނެޓު ވަންދެން ބެހެއްޓުމަށްފަހު ތުންފަތް ދޮވެލާށެވެ. އޭރުން ތުންފަތް ފެންނާނީ މާ ތާޒާކޮށް، ރީތިކޮށެވެ.

3. ފިނިފެންމާ އަދި ކިރު ސްކްރަބް

މި ސްކްރަބް ތައްޔާރުކުރުމަށް ފިނިފެންމަލުގެ ފިޔަ އަދި ދިޔާ ކިރު މިކްސަރަށް އަޅާފައި އެއްކޮށްލާނީއެވެ. ކިރު އަޅާނީ އޮލަ ޕޭސްޓަކަށް މި މިކްސްޗަރ ވާވަރަށެވެ. ރަނގަޅަށް އެއްވެ ޕޭސްޓަކަށް ވުމުން، ތުންފަތުގައި ހާކާފަ، ދެތިން މިނެޓު ވަންދެން ބަހައްޓާފަ އާދައިގެ ފެނުން ދޮވެލާނީއެވެ.