ވަރަށް ގިނަ މުޖުތަމަޢުގައި ރީތި އަންހެނެއްގެ ސިފަތައް ގުނާނަމަ ދިގު އިސްތަށިގަނޑެއްގެ ވާހަކަ ޔަގީނުންވެސް ގެނެވެއެވެ. އަދި ބުނެވޭ ގޮތުގައި ރީތި ދިގު އިސްތަށިގަނޑެއް އެތައް އައިބެއް ފޮރުވައެވެ. މިއަދުވެސް ރީތި ދިގު އިސްތަށިގަނޑެއްގެ ހުވަފެން ވަރަށްގިނަ ކަނބަލުން ދެކެއެވެ. ބުރުގާ އެޅި ނަމަވެސް އިސްތަށިގަނޑަށް ބޭނުންވާ ފަރުވާތަކަށް މިހާރުވެސް އަންހެނުން ބޮޑު ހޭދައެއް ކުރެއެވެ. ނަމަވެސް އަޅުގަނޑުމެން ކެއުމަށް ބޭނުންކުރާ ތަކެތިން އިސްތަށިގަނޑަށް ބޭނުންވާ މުހިންމު މާއްދާތަށް ލިބޭނަމަ މިއަށް ވުރެ ވަކި ރަގަޅު ގޮތެއް މިކަމުގައި ނެތެވެ. އެހެންކަމުން މިއަދު މި ބަލާލަނީ ރީތި ދިގު އިސްތަށިގަނޑަކަށް ބޭނުންވާ މުހިންމު މާއްދާތައް ލިއްބައިދޭ ކާނާއަށެވެ.

  1. ގްރީކް ޔޯގަޓް

ގްރީކް ޔޯގަޓަކީ މަދުން ފެޓް ހިމެނޭ އަދި ވިޓަމިން-ބީ އަދި ވިޓަމިން-ޑީ އިން މުއްސަނދިވެފައިވާ ކާނާއެކެވެ. މިއީ ފަން އިސްތަށިގަނޑަކަށް ބޭނުންވާ ވަރަށް މުހިންމުބައެކެވެ. މިއީ ހަމަ އެކަނި އިސްތަށިގަނޑަށް ބޭނުންވާ މާއްދާތަކެއް ނޫނެވެ. މީގެ ސަބަބުން ހަމުގައި މަރުވެފައި ހުންނަ ސެލްތައް މަރާމާތުކުރުމުގެ އިތުރުން ނިޔަފަތި ރީތިވާނެއެވެ.

  1. ސާމަން

މިއީ އަޅުގަނޑުމެންގެ ގޭގޭގައި އާންމުކޮށް ކައްކާ މަހެއް ނޫނެވެ. ނަމަވެސް ރިސޯޓްތަކާއި ހޮޓެލްތަކުން ލިބޭނަމަ މިއީ ދޫކޮށްލަން ނުވާވަރުގެ ފައިދާހުރި ކާނާއެކެވެ. ސާމަންގައި ވިޓަމިން-ޑީ އަދި އޮމެގާ 3 ފެޓީ އެސިޑް ހިމެނެއެވެ. މިއީ އިސްތަށިގަނޑު ވަރުގަދަ ކުރުމަށް ވަރަށް މުހިންމު މާއްދާއެކެވެ.  ތާޒާ ސާމަން، ބޮލުގެ ހަންގަނޑުގައި ބަންދުވެފައި ހުންނަ ވަޅުތައް ސާފުކޮށް ހަންފުޅުމުން ދުރުކޮށްދެއެވެ. ބޮލުގެ ހަންގަނޑު ތާޒާވެ، ލޭހިނގުން ރަގަޅުވުމުން އިސްތަށިގަނޑު ބާރު ސްޕީޑްގައި ދިގުވާނެއެވެ.

  1. ރީނދޫކުލައިގެ ބޮޑު މިރުސް

މިއީ ވިޓަމިން-ސީ އިން މުއްސަނދިވެފައިވާ ތަރުކާރީއެކެވެ. ރީނދޫކުލައިގެ ބޮޑު މިރުހެއްގައި އޮރެންޖަކަށް ވުރެ 5 ގުނަ އިތުރު ވިޓަމިން-ސީ ހިމެނެއެވެ. މީގެ ސަބަބުން އިސްތަށިތަކުގެ ބުޑުތައް ވަރުގަދަކޮށް އިސްތަށި ބުރިވުމުން ދުރުކޮށްދެއެވެ.

  1. އޮއިސްޓަރ

އިސްތަށިފޭބުމާއި، ބޮލުގެ ހަންގަނޑުގެ ސިއްޙަތު ދަށްވާން ދިމާވަނީ ޒިންކް މަދުވުމުގެ ސަބަބުންނެވެ. އޮއިސްޓަރއަކީ ޒިންކުން މުއްސަނދިވެފައިވާ ކާނާއެކެވެ. އާންމު ދިރިއުޅުމުގައި ގޭގޭގައި ނުކެއްކިނަމަވެސް ބުފޭއަކުން ފެނިއްޖެނަމަ މިއީ ދޫކޮށްލަން ހެޔޮވާވަރުގެ އެއްޗެއް ނޫނެވެ. އެންމެ 3 އައުންސް އޮއިސްޓަރ މަސް ދުވާލަކު ބޭނުން ކުރިނަމަވެސް، ބޮލުގެ ހަންގަނޑުގައިވާ އޮއިލް ގްލޭންޑްތައް ރަގަޅަށް މަސައްކަތް ކުރާނެއެވެ. ނަތީޖާއަކީ އިސްތަށިގަނޑު އަވަހަށް ދިގުވުމެވެ.

  1. ކުކުޅު ބިސް

އޮމެގާ 3 އިން މުއްސަނދިވެފައިވާ ކުކުޅު ބިހަކީ އަޅުގަނޑުމެންގެ ކެއުމުގައި ހަމަ ކޮންމެ ދުވަހަކުމެ ބޭނުންކުރާ ކާނާއެކެވެ. މިއީ އިސްތަށިގަޑު ދިގުކޮށް ވަރުގަދަ ކުރުމަށް ވަރަށް މުހިންމު އެއްޗެކެވެ. ބިހުގައި އޮމެގާ 3 ގެ އިތުރުން ބަޔޮޓިން ވެސް ހިމެނެއެވެ. ބިހުގައި ހިމެނޭ މި މާއްދާތައް ލިބެނީ ބިހުގެ ހުދުބަޔަކުން ނޫނެވެ. ބިހުގެ ގޮބޮޅިންނެވެ. ބިހުގެ ހުދުބައި ގިނައިން ކެވޭ ނަމަ ހަށިގަނޑަށް ބަޔޮޓިން ލިއްބައިދޭ އަދަދު މަދުވާނެއެވެ.

  1. ސަންފްލާވަރ އޮށް

ސަންފްލާވަރ އޮށުގައި ހިމެނޭ ވިޓަމިން-އީ ގެ ސަބަބުން ބޮލުގެ ހަންގަނޑަށް ލޭފޮނުވާ ލޭ ދައުރުކުރުން ހަމައަކަށް އަޅުވައެވެ. މިކަމުގެ ސަބަބުން އިސްތަށިގަނޑު އަވަހަށް ދިގުވުމަށް އެހީތެރިކަން ލިބެއެވެ. މިއީ ދޭތެރެއަކުން ކާލަން ގެންގުޅޭ ބަދަން ކަހަލަ ލުއި ކާނާގެ ތެރެއަށް އިތުރުކޮށްލަން ރަގަޅު އެއްޗެކެވެ.

  1. ކައްޓަލަ

ކައްޓަލައިގައި ހިމެނޭ ބީޓާ ކެރޮޓިން އަކީ ސެލްތައް އުފެއްދުމަށް ވަރަށް ބޮޑު އެހީތެރިކަމެއް ދޭނެއެއްޗެކެވެ. ސެލްތައް އުފެދޭނަމަ އިސްތަށިބުޑުތައް ތާޒާވެ  އިސްތަށިގަނޑު އަވަހަށް ދިގުވާނެއެވެ. ނަމަވެސް ވިޓަމިން-އޭ މާގިނަ ވާނަމަވެސް އިސްތަށިފައިބަން ދިމާވާނެއެވެ.

  1. އެވަކާޑޯ

އެވަކާޑޯގައި ހިމެނޭ ފެޓީ އެސިޑަކީ ހަމުގެ ސެލްތައް ތާޒާކޮށް ބެހެއްޓުމަށް ވަރަށް ބޭނުންތެރި އެއްޗެކެވެ. އެވަކާޑޯއަކީ އެންމެ ގަދީމީ ޒަމާނުއްސުރެ އަންހެނުންގެ ޒީނަތްތެރިކަމަށް ބޭނުންކުރަމުން އަންނަ އެއްޗެކެވެ. އެވަކާޑޯއަކީ ހެއަރ މާސްކާއި ފޭސް މާސްކް ހެދުމުގައި ވަރަށް ގިނައިން ބޭނުންކުރާ އެއްޗެކެވެ. ބޮލުގެ ހަންގަނޑުގައި ކޮލާޖެން އާއި އިލާސްޓިން އުފެއްދުމަށް އެވަކާޑޯ އިން އެހީތެރިކަން ލިބެއެވެ.