ރީތި ދިގު އެސްފިޔަ އަކީ ހަމަ ކޮންމެ އަންހެނެއްގެވެސް ހުވަފެނެކެވެ. ނަމަވެސް އެކަން ހާޞިލްކުރުމަށް ކުރެވޭނީ ކޮންކަމެއްތޯ އަމިއްލަ ނަފްސާ ސުވާލުކޮށްލާށެވެ. ދުވަހެއްގެ 10 މިނިޓް އެކަމަށް ހުސްކޮށްލެވޭނެ ހެއްޔެވެ؟ ދިގު އެސްފިޔަ ތަކެއްވާ ރީތި ލޮލަކީ ފެންނަ ކޮންމެ މީހަކަށްވެސް ފާހަގަ ކުރެވޭނެ ކަމެކެވެ. މޫނު ބުރުގާ އަޅާ ކަނބަލުންގެ ވެސް ލޮލަށް ވަރަށް ބޮޑު ސަމާލު ކަމެއް ދެވެއެވެ. އެއީ އެކަނބަލުން ފާހަގަ ކުރެވެނީ ގިނަ ފަހަރަށް ލޮލުން ކަމަށް ވުމުންނެވެ. އެހެންކަމުން މިއަދު މި ބަލާލަނީ ފޭކް ލޭޝްތަކާއި މަސްކާރާއިން ދުރުވެ ގުދުރަތީގޮތުން އެސްފިޔަ ދިގު ކުރުމަށް ސިއްޙީމާހިރުން އިރުޝާދުދޭ އަދި ގިނަ ބަޔަކު އަޖުމަ ބަލާފައިވާ ބައެއް ކަންކަމަށެވެ. ކޮންމެ މީހަކީ ތަފާތު މީހެކެވެ. ކާށިތެލުން އެކަކަށް ރަގަޅު ނަތީޖާފެންނަ އިރު އަނެކަކަށް އާމަނަކަ ތެޔޮ ރަގަޅު ވެދާނެއެވެ. ނަމަވެސް މިއިން ކޮންމެވެސް އެއް ކަމެއް ތިޔައިގެ ތެރެއިން ކޮންމެ ކަނބަލަކާވެސް ގުޅޭނެ ކަމަށް އުއްމީދު ކުރަމެވެ.
- ކާށިތެޔޮ
ދިރާސާތަކުން ދައްކާގޮތުން ބޯދޮވުމުގެ ކުރިންނާއި ފަހުން ކާށިތެޔޮ އުނގުޅާނަމަ އިސްތަށިގަނޑުގެ ޕްރޮޓީން ގެއްލިގެން ނުދާނެއެވެ. މިއީ އެސްފިޔައަށް ވެސް ހަމަ އެހާމެ ރަގަޅު އެއްޗެކެވެ. މަސްކާރާ ބުރުހެއް ކާށިތެލުގެ ތެރެއަށް ލުމަށްފަހު އެސްފިޔައިގައި އުނގުޅާށެވެ. އިނގިލި ކުރިން އުނގުޅި ނަމަވެސް ފުދޭނެއެވެ. ކާށިތަލެކީ ލޮލަށް ރައްކާތެރި ތެލެކެވެ. ނަމަވެސް ލޮލުގެ އެތެރެއަށް ނޭޅޭނޭހެން އެސްފިޔައިގައި އުނގުޅާށެވެ. ރޭގަނޑު އުނގުޅާފައި ހެނދުހޭލައިގެން ދޮވެލާށެވެ.
- ޒައިތޫނި ތެޔޮ
އިތުރު އެއްޗެއް އެއްނުކޮށް ހުންނަ ޒައިތޫނި ތެލަކީ އޭގައި ވަރަށް މުހިންމު އަދި ބޭނުންތެރި ފެޓީ އެސިޑް ހިމެނޭ އެއްޗެކެވެ. މީގެ ސަބަބުން އެސްފިޔަތައް ދިގުކޮށް އަދި ވަރުގަދަ ކުރުމަށް އެހީތެރިކަން ލިބޭނެއެވެ. އަދި އެސްފިޔައިގެ ތެތްކަން އިތުރުކޮށް މަޑުކޮށްދޭނެއެވެ. ޒައިތޫނި ތެލުގެ އިތުރުންވެސް އާމަނަކަތެޔޮ، ލެވެންޑަރ އޮއިލް އަދި އާމަންޑް އޮއިލްއަކީވެސް އެސްފިޔައިގެ ސިއްޙަތަށް ވަރަށް ރަގަޅު ތެލެވެ. ކަފަ ކޮޅެއްގެ ތެރެއަށް ނުވަތަ ސާފު މަސްކާރާ ބުރުހަކަށް ދެތިން ތިކި ޒައިތޫނިތެޔޮ ޖެހުމަށްފަހު އެސްފިޔައިގައި އުނގުޅާށެވެ. ބުޑުތަކުން ފަށައިގެން ކުރިއަށެވެ. ޒައިތޫނިތެލަކީ ވަރަށް ތަތް އެއްޗެކެވެ. މާގިނައިން އޮއްސާނުލުމަށް ސަމާލުކަން ދޭންވާނެއެވެ. ތެޔޮ އުނގުޅާފައި 10-5 މިނިޓް ބެހެއްޓުމަށްފަހު ތާފަނާ ފެނުން ދޮވެލާށެވެ. މިކަން ކޮންމެ ރެއަކު ތަކުރާރު ކުރަމުން ގޮސް 4 ހަފްތާ ވާއިރު ގިނަ މީހުނަށް އެދެވޭ ނަތީޖާ ފެނެއެވެ.
- ގްރީން ޓީ
ގްރީން ޓީ އަކީ ވަރަށް ގިނަ ކޮސްމެޓިކްސް ތައްޔާރު ކުރުމުގައި ބޭނުންކުރާ އެއްޗެކެވެ. އޭގައި ހިމެނޭ މާއްދާތަކުން އިސްތަށިގަނޑާއި ހަމަށް ލިބިދޭ ފައިދާގެ ގިނަކަމުންނެވެ. ރަހަގަދަކޮށް ގްރީން ޓީ ތައްޓެއް ހަދާފައި ހިހޫ ވަންދެން ބަހައްޓާށެވެ. ހިހޫ ވުމުން ކަފަކޮޅެއް ތެންމާލާފައި ލޮލުގެ އެސްފިޔައިގައި އުނގުޅާށެވެ. މާ ބާރަކަށް ނޫނެވެ. މިހެން ކޮންމެ ދުވަހަކު ދެ ފަހަރު ތަކުރާރު ކުރާށެވެ.
- އެސްފިޔަ ފުނާއެޅުން
ގަވާއިދުން އެސްފިޔަ ފުނާއަޅާނަމަވެސް އެސްފިޔައިގެ ބުޑުތަކަށް ކަސްރަތު ލިބި ލޭހިނގުން ރަގަޅުވާނެއެވެ. އެސްފިޔައިގެ ބުޑުތައް ތާޒާވުމުން ނަތީޖާއެއްގެ ގޮތުން އެސްފިޔަ ދިގުވާން ފަށާނެއެވެ. މިކަމަށް ޚާއްސަ ބުރުސްވެސް ހުރެއެވެ. ނަމަވެސް ކުރިން ބޭނުންކޮށްފައިވާ މަސްކާރާ ބުރުހެއް ރީތިކޮށް ދޮވެލައިގެންވެސް ބޭނުން ކުރެވޭނެއެވެ.
މީގެ އިތުރުންވެސް ސަމާލުދޭން ޖެހޭ ބައެއް ކަންކަން އެބަހުއްޓެވެ. އައިލޭޝް ކަރލަރ އިން ކާރލް ކުރާއިރު ނޭނގިނަމަވެސް އެސްފިޔަތަކަށް ދެމޭފަހަރު އާދެއެވެ. އެސްފިޔައިގެ ބުޑަކީ ވަރަށް ތިލަކޮށް ވަރަށް ބަލިކޮށް އިންނަ އެއްޗެކެވެ. ކިރިޔާވެސް ދެމުމެއް އަންނަ ނަމަ ވަރަށް ފަސޭހައިން ވެއްޓޭނެއެވެ.
މަސްކާރާއަކީ އެސްފިޔައިގެ ތެތްކަން ކަނޑުވާލާ އެއްޗެކެވެ. ދުވާލުގަޑީގައި މަސްކާރާ ބޭނުން ކުރި ނަމަވެސް ރޭގަނޑު ނިދުމުގެ ކުރިން ރީތިކޮށް ދޮވެލަން ވާނެއެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން