ފަލަ މީހަކު ހިކިކަމަށް ދައްކާގޮތަށް ނުވަތަ ހިކި މީހަކު ފަލަކަމަށް ދައްކާގޮތަށް ހެދުން އެޅޭނެއެވެ. އިސްކޮޅުން ކުރުމީހުންވެސް ހެދުން އަޅާގޮތުން އަސްލު ހުންނަ އިސްކޮޅަށްވުރެ ދިގުކަމަށް ދައްކަފާނެއެވެ. މިއީ ފެޝަން ޑިޒައިނަރުން ސަމާލުކަންދޭ ކަންކަމެވެ. ހެދުން އެޅުމުގައި ގެނެވޭ ކުޑަކުދަ ބަދަލަކުން މުޅިމީހާގެ ސިފަ ފެންނަފެނުމަށް ބޮޑު ބަދަލެއް އަތުވެދާނެއެވެ. މިއަދު މި ބަލާލަނީ މިފަދަ ބައެއް ކަންކަމަށެވެ. އެންމެ ބުއްދިވެރީ އަމިއްލައަށް މިކަންކަމުގެ އަޖުމަ ބަލާލުމެވެ.

  1. ގޮށް ނުހުންނަ ގަމީސް

ރާއްޖޭގެ މޫސުންވެސް ހުންނަ ގޮތުން މިހެން ގޮށް ނުހުންނަ ނުވަތަ ގޮށް ނައްޓާލާފައި ހުންނަ ގަމީސް އަންހެނުން އަދި ފިރިހެނުންވެސް ލަނީ މަދުންނެވެ. ނަމަވެސް އެތެރެއިން ޓީޝަރޓެއް ލުމަށްފަހު، މަތިން ގަމީސްލާފައި ގޮށް ނާޅުވާ ބެހެއްޓުމުން ބަނޑުގެ ދެފަރާތުން ހުންނަ މަސްތައް ފޮރުވި، ހުންނަ ވަރަށްވުރެ ހިކިކަމަށް ދައްކާނެއެވެ.

  1. ތިރިއަކާއެކު ދޫކޮށް ހުންނަ ސްވެޓަރ އެއް

ސްވެޓަރއެކޭ ބުނުމުން އެއީ މާ ބޯކޮށް ހުންނަ އަދި ލައިގެން ހުރުމުން މާބޮޑަށް ހޫނުވާ އެއްޗަކަށް ވާކަށްނުޖެހެއެވެ. ދޫ ސްވެޓަރއަކާއި އެކު ސްކާރޓެއް ލުމުން، ހަށިގަނޑުގެ މަތީބަޔަށް ވުރެ ތިރީބައި ކުރުހެން ހީވާނެއެވެ. ދެން ބޭނުން ކުރާނީ ހިމަ ބެލްޓެކެވެ. އުނަގަނޑުގެ އެންމެ ހިމަކޮށް އިންނަ ހިސާބުގައި ބެލްޓް އެޅުމުން އިސްކޮޅުން ދިގުވެފައި ލޫޅާފަތިހެން ހީވާނެއެވެ.

  1. ޓޮޕް ތިރިއަށް ދެމުމުގެ ބަދަލުގައި ސްކަރޓް މައްޗަށް އަރުވާ

ބަނޑުގެ މަސައްތައް ފޮރުވުމަށްޓަކައި މަތިން ލައިގެން ހުންނަ ޓޮޕް ދަމާ ތިރިކުރުމުގެ ބަދަލުގައި، ތިރިން ލާފައިހުންނަ ސްކަރޓް ނޫނީސް ޖީންސް މައްޗަށް އަރުވާށެވެ. ގޮށްނެތް ގަމީހެއް ނުވަތަ ޖެކެޓެއް ލުމުން އިތުރަށް ފުރިހަމަ ވާނެއެވެ.

  1. އަތުގެ ކުޑަހުޅު އަދި އުނަގަނޑު

ކިތަންމެ ފަލަ މީހެއްގެވެސް މަސްނުޖަހާ ތަންތަން ހުންނާނެއެވެ. މިސާލަކަށް ކަރު އަދި އަތުގެ ކުޑަހުޅު ބަލާށެވެ. ހެދުން އެޅުމުގައި އަތުގެ ކުޑަ ހުޅު ފެންނަ ވަރަށް ހެދުމުގެ އަތް ބަހައްޓާށެވެ. ބުރުގާ ނާޅާ ކަނބަލުން ކަރު ފެންނަހެން ބެހެއްޓުމުން ހިކި ވައްތަރު ޖަހާނެއެވެ. އަދި ދަށަށް ޖެހުމަށްފަހު އުނގަނޑުގެ ބައްޓަން ފެންނަހެން ހުންނަނަމަ ލޫޅާފަތިހެން ހީވާނެއެވެ.

  1. ގޮށް ނުހުންނަ ސްވެޓަރ

ގޮށް ނުހުންނަ ސްވެޓަރ ނުވަތަ ޓޮޕް ލުމުން ބަނޑާއި ދިމާލުން އޮމާންކޮށް ހުންނަކަން ފާހަގަ ކުރެވޭނެއެވެ. ނަމަވެސް ގޮށްހުންނަ އެއްޗެއް ނަމަ ގޮށްވަޅުތަކާއި ދިމާލުން ރޫޖެހި، ބަނޑުގައި ނެތް މަސްތައް ހުންނަ ކަމަށް ދައްކާނެއެވެ.

  1. މާބޮޑަށް ބާރުކޮށް ކުރުކޮށް ހުންނަ ޝޯޓް

ކަކުލުން މައްޗަށް ހުންނަ ޝޯޓްއަށް ވުރެ ކަކުލުން ތިރިއަށް ހުންނަ ޝޯޓް ލުމުން ހިހި ވައްތަރު ޖަހާނެއެވެ. ހަމައެގޮތަށް މާބޮޑަށް ބާރުކޮށް ހުންނަ ނަމަވެސް ފައިގެ މަސްތައް ބޮޑަށް ފާހަގަ ކުރެވޭނެއެވެ. މީގެ ބަދަލުގައި ދޫކޮށް ހުންނަ ޓްރެކްޝޫޓެއް މާބޮޑަށް ރަގަޅު ވާނެއެވެ.

  1. މަތިން ތިރިއަށް ހުންނަ ރޮނގު

ހެދުން ގަތުމުގައި ނުވަތަ ފޮތި ޚިޔާރު ކުރުމުގައި ހުރަސް ރޮނގަށްވުރެ މަތިން ތިރިއަށް ރޮނގު ހުންނަ ހެދުން ޚިޔާރު ކުރާށެވެ. ހަމަ އެގޮތަށް ބޮޑެތި މާޖެހި ހެދުމަށްވުރެ ކުދިމާ ނުވަތަ ޑިޒައިން ހުރުމުން ހިކި ކަމަށް ފެންނާނެއެވެ.