ގްރީން ޓީއަކީ އޭގައި ހިމެނޭ ހަމަށް ފައިދާހުރި އެތައް މާއްދާއެއްގެ ސަބަބުން ޒަމާނުއްސުރެ ޒީނަތްތެރި ވުމުގެ ބާވަތްތަކުގައި ހިމެނޭ އެއްޗެކެވެ. ގްރީން ޓީއަކީ ބޭސްވެރިކަމަށްވެސް ބޭނުންކުރާ އެއްޗެކެވެ. ގްރީން ޓީގެ އެހެން ބައެއް ފައިދާތަކުގެ ތެރޭގައި ސިކުނޑީގެ މަސައްކަތްތައް ހަލުވި ކުރުމާއި ބަރުދަން ލުއިކުރަން އެހީތެރިވުން ހިމެނެއެވެ. މިއަދު މި ބަލާލަނީ ގޭގައި ގްރީން ޓީ ފޭސް މާސްކް ތައްޔާރުކޮށްލެވިދާނެ ވަރަށް ފަސޭހަ ގޮތަކަށެވެ. މިއަށް ބޭނުންވާ އެއްޗެހި ގިނަ ފަހަރަށް ބަދިގެއިން ލިބެން ހުންނާނެއެވެ. އެހެންނަމަވެސް ފެށުމުގެ ކުރިން ލިސްޓް ކޮށްލަމާހެވެ.

1 މޭޒުމަތީ ސަމުސާ ގްރީން ޓީ

1 މޭޒުމަތީ ސަމުސާ  ބޭކިން ސޮޑާ

1 މޭޒުމަތީ ސަމުސާ މާމުއި

ކުޑަ ފެންފޮދެއް (ބޭނުން ޖެހިއްޖެނަމަ)

ކުޑަ ބޯތައްޓެއް

މިން ބަލާނެ ސަމުސަލެއް

ތުވާއްޔެއް

ތައްޔާރުކުރާނެ ގޮތް

ހޫނު ފެންފޮދެއްގެ ތެރެއަށް ސައިފަތް ޕެކެޓް ލާފައި ގަޑިއެއްހާ އިރު ބަހައްޓާށެވެ. ހިހޫވުމުން ޕެކެޓް ކަނޑާލުމަށްފަހު ފަތްކޮޅު ނަގާ ވަކިކޮށްލާށެވެ. ބޯތަށި ތެރެއަށް ފަތްކޮޅު، ބޭކިން ސޮޑާ އަދި މާމުއި އަޅައިގެން ބަނދެލިއެއް ތައްޔާރު ކުރާށެވެ. މާ ހިކި ނަމަ ކުޑަ ފެންފޮދެއް ޖަހާށެވެ. ހަމުގެ ވަޅުތަކުގެ ތެރެ ރީތިކޮށް ސާފުކޮށްލަން ބޭނުން ނަމަ މާސްކް ބޭނުން ކުރުމުގެ ކުރިން ރީތިކޮށް މޫނު ދޮވެލާށެވެ. ދެން މި ބަނދެލި ރީތިކޮށް އެއްވަރަށް މޫނުގައި އުނގުޅާލުމަށްފަހު މަޑުމަޑުން މަސާޖް ކުރާށެވެ. މަރުވެފައި ހުންނަ ހަންތައް ސާފުވެ، ވަޅުތަކުގެ އެތެރޭގައިވާ ހަޑިތައް ބޭރުވާނެއެވެ. 15-10 މިނިޓް ބެހެއްޓުމަށް ފަހު ތާފަނާ ފެނުން ދޮވެލާފައި ސާފު ތުވާއްޔަކުން ހިއްކާލާށެވެ. އެންމެ އެދެވޭ ނަތީޖާ ހޯދުމަށް ހަފްތާއަކު 3 ފަހަރު މި މާސްކް ރިޕީޓް ކުރާށެވެ. މާސްކް ހެދުމުގައި ބޭކިން ސޮޑާގެ ބަދަލުގައި ގްރެނުލޭޓެޑް ޝުގަރ ވެސް ބޭނުން ކުރެވޭނެއެވެ. މާމުއިގެ ބަދަލުގައި ލުނބޯހުތް އަދި ގްރީން ޓީ ފަތުގެ ބަދަލުގައި ގްރީން ޓީ ޕައުޑަރވެސް ބޭނުން ކުރެވޭނެއެވެ.

ގްރީން ޓީއަކީ އެއިން ހަމަށް ވަރަށް ގިނަ ފައިދާ ލިބޭ އެއްޗެކެވެ.

  1. ހަމުގެ ކެންސަރުން ރައްކާތެރިކަން ލިބުން

ގްރީން ޓީގައި ހިމެނޭ އެންޓި އޮކްސިޑެންޓް ގެ ސަބަބުން ހަށިގަނޑަށް ގެއްލުންދޭ އެކި އެކި ކަންކަމުން ސަލާމަތްކޮށް ދޭނެއެވެ. މިހެން ލިބޭ ބައެއް ގެއްލުމުގެ ސަބަބުން ކެންސަރަށް މަގުފަހިވެއެވެ. 2010 ވަނަ އަހަރު ކުރެވުނު ދިރާސާއަކުން ދައްކާ ގޮތުގައި އެންޓިއޮކްސިޑެންޓްގެ ސަބަބުން، އިރުގެ އަލިން އަންނަ އަލްޓްރާ ވައިލެޓުން ހަމަށް ލިބޭ ގެއްލުން މަރާމާތު ކޮށްދެއެވެ. މިކަމުގެ ސަބަބުން ހަމުގެ ކެންސަރުން ރައްކާތެރިވެއެވެ.

  1. މުސްކުޅި ވުމުގެ އަލާމާތްތައް ލަސްކުރުން

2003 ގައި ހެދުނު ދިރާސާއަކުން އެނގުނު ގޮތުގައި ގްރީން ޓީގައި ހިމެނޭ އީ.ސީ.ޖީ.ސީ އެންޓި އޮކްސިޑެންޓްގެ ސަބަބުން ހަމުން މަރުވާ ސެލްތައް ތާޒާކޮށް މަރާމާތުކޮށްދެއެވެ. މީގެ ސަބަބުން ހަންގަނޑުގައި ރޫޖެހުން ދުރުކޮށް ހަމުގެ ވިދުން ދަމަހައްޓާނެއެވެ. ގްރީން ޓީގައި ހިމެނޭ ވިޓަމިންގެ ތެރެއިން ޚާއްސަކޮށް ވިޓަމިން ބީ-2 އަކީ ހަމުގެ ޒުވާންކަން ދެމެހެއްޓުމުގެ މަސައްކަތްކުރާ ވިޓަމިނެވެ. ވިޓަމިން ބީ-2 ކޮލާޖެންގެ މިންވަރު ހިފަހައްޓާ ހަންގަނޑު ބާރުކޮށް ބެހެއްޓުމަށް އެހީތެރިވެދޭނެއެވެ.

  1. ހަންގަނޑު ރަތްވުމާއި ހިރުވުން ދުރުކުރުން

ދުޅަތިރިކުރުމަށް އެހީތެރެވެދޭ މާއްދާ ގްރީން ޓީގައި ހިމެނޭނެއެވެ. މީގެ ސަބަބުން ހަންގަނޑު ހިރުވާ ރަތްވެ އަދި ދުޅަވުމުން ދުރުކޮށްދޭނެއެވެ. އަވިން ހަނގަނޑު ފިހިމުން އަދި ކުދި ޒަޚަމް ލިބުމުން ގްރީން ޓީ އުނގުޅުމުން ފަސޭހަވާނެއެވެ.

  1. އެކްނޭ އިން ދުރުކޮށްދިނުން

ގްރީން ޓީގައި ހިމެނޭ އެންޓިއޮކްސިޑެންޓް، އެންޓިއިންފްލެމެންޓަރީ އަދި އެންޓިމައިކްރޯބަޔަލް މާއްދާތަކުގެ ސަބަބުން މާބޮޑަށް ހަނގަނޑު ތެޔޮވުމާއި އެކްނޭއިން ރައްކާތެރިވުމަށް ފަރުވާއަކަށް ފުދެއެވެ. ދިރާސާއަކުން އެނގުނު ގޮތުގައި އެކްނޭއިން ރައްކާތެރި ކުރުމުގައި ހަރަކާތްތެރިވަނީ ގްރީން ޓީގައި ހިމެނޭ ޕޮލިފެނަލްސްއެވެ. މިއީ ޖަރާސީމުގެ ސަބަބުން ހަންގަނޑަށް އިންފެކްޝަންޖެހުމުން ވެސް ދުރުކޮށްދޭ މާއްދާއެކެވެ. ބެކްޓީރިޔާ ކޮންޓްރޯލް ވާ ނަމަ އެކްނޭގެ މައްސަލަ ކޮންޓްރޯލް ވާނެއެވެ.

  1. ހަމުގެ ތެތްކަން ހިފެހެއްޓުން

ގްރީން ޓީގައި ހިމެނޭ އެތައް ވިޓަމިނެއްގެ ތެރެއިން ހަމުގައި ތެތްކަން ހިފަހައްޓަން އެހީތެރިވެދެނީ ވިޓަމިން-އީ އެވެ. ދިރާސާއެއް ކުރުމަށް އެދިރާސާގެ ބައިވެރިންގެ އަތު މުލައްދަނޑީގައި 15 އަދި 30 ދުވަސް ވަންފެން ގްރީން ޓީ އުނގުޅިއެވެ. ނަތީޖާއިން އެނގުނީ ގްރީން ޓީ އުނގުޅި ހިސާބުގެ ހަމުގެ ތެތްކަން އިތުރުވެ ހަންގަނޑު އޮމާންވިކަމެވެ.