ބޮލުގައި މާގަދަޔަށް ހަންފޮޅި، ޝޭމްޕޫ ލައިގެން ބޮލުތެރެއާޢި އިސްތަށިގަނޑު ދޮވުނުނަމަވެސް ހަންފޮޅުން މަދުނުވާނަމަ އެކަމަށް އޮތް އެންމެ ރަނގަޅު ހައްލަކީ ބޮލުގެ ހަންގަނޑު ސްކްރަބް ކޮށްލުމެވެ. ސްކްރަބް ބޭނުންކޮށްގެން ބޮލުތެރެ ސާފް ކޮށްލުމުން ބޮލުގައި ފޮޅިފައި ހުންނަ ހަމުން ކޮންމެސް ވަރަކަށް ސަލާމަތްވެ ބޯކެހުމުން ލުއި ލިބޭނެއެވެ.

ބޮލުގެ ހަންގަނޑު ސްކްރަބް ކުރަން ޖެހެނީ ކީއްވެ؟

ބޮލުގެ ހަންގަނޑު ސްކްރަބް ކުރުމުން އިސްތަށިގަނޑު ތެރޭގައި ހަރުލާފައިހުންނަ ހަޑި އަދި މަރުވެފައި ހުންނަ ހަމުގެސެލް ސާފުކޮށްދެއެވެ. ގުދުރަތީ ގޮތުން ބޮލުތެރޭގައި ހުންނަ ހަން ނެއްޓިގެންދިއުމަށް ކިއަނީ ކެރަޓިނައިޒޭޝަންއެވެ. މިއީ އިންސާނުން އަދި ޖަނަވާރުންގެ ހަންގަނޑަށްވެސް މުހިންމު ކަމެކެވެ. މީގެ ސަބަބުން ބޮލުގައި މަރުވެފައި ހުންނަ ހަންގަނޑު ނެތިގޮސް ވޯޓަރޕްރޫފް ޕްރޮޓީންއެއް އުފައްދައިދީ އިސްތަށި ބުޑަށް ބާރުޖައްސައިދެއެވެ. އެހެންކަމުން ސްކްރަބް ބޭނުންކޮށްގެން ބޮލުގެ ހަންގަނޑު ސާފްކޮށްލުމުން އިސްތަށިގަނޑު ދިގުވެ ވަރުގަދަވެ ބޮލުތެރޭގައި ރަނގަޅު މާހައުލެއް އިސްތަށިތަކަށް ގާޢިމްވެއެވެ. ބޮލުގެހަންގަނޑު ސްކްރަބް ކުރުމުން ބޮލުތެރޭގެ ޕީއެޗް ލެވަލަ ހިފަހައްޓައިދެއެވެ. އޭރުން ހަންފޮޅުމާ ބޮލުގެހަންގަނޑު ހިކުމާއި ބޯކެހުމާއި ބިހިނެގުމުން ސަލާމަތް ކޮށްދެއެވެ. އަދި އިސްތަށިބުޑުގައި އުފެދޭ ތެޔޮ ނައްތާލާ އިސްތަށިގަނޑު ދިގުވެ ވަރުގަދަވުމަށް އެހީވެދެއެވެ. ސްކްރަބް ކުރާއިރު ބޮލުތެރެ މަސާޖް ވުމުން ލޭދައުރުވުން ރަނގަޅުކޮށްދީ ބޮލުތެރެއަށް އޮކްސިޖަން ދައުރުވުން ރަނގަޅުވެ އިސްތަށީގައި ހުންނަންޖެހޭ ގުދުރަތީ އޮފްކަން ދަމަހައްޓައިދެއެވެ. އަދި އިސްތަޑށި ބުޑަށް ބޭނުންވާ ކާނާ ފޯރުކޮށްދިނުމަށްވެސް އެޙީތެރިވެދެއެވެ. ތިރީގައި މިބަޔާން ކުރާ 2 ސްކަރަބަކީ ވެސް ފަސޭހައިން ތައްޔާރުކޮށްލެވޭ ހަރަދުކުޑަ ސްކްރަބް ތަކެކެވެ. މިއީ މަހަކު އެއްފަހަރު ނަމަވެސް ބޮލުގެހަންގަނޑު އެކީގައި ސާފުކޮށްލާ ބޮލަށް ތާޒާކަން ގެނުއިދޭނެ ސްކްރަބް ތަކެކެވެ.

ޑިޓޮކްސިފައިންގ ސޯލްޓް ސްކްރަބް

މިސްކްރަބްގައި އެކުލެވޭ ވިނިގަރ ގެ ސަބަބުން އިސްތަށިބުޑުގައި ހުންނަ ފަންގަސް ނައްތާލުމުން ބޮލުގައި ހަންފޮޅުން ހުއްޓުވައިދެއެވެ. އަދި ކާށިތެލާއި މާމުއިގެ ސަބަބުން އިސްތަށިގަނޑު ވަރުގަދަކޮށް އޮފްކޮށްދެއެވެ.

ބޭނުންވާތަކެތި:
  1. 1/4 ޖޯޑު ހިމާލިއަން ޕިންކް ލޮނު ( ނުލިބިއްޖެނަމަ އާދައިގެ ލޮނު)
  2. 1 ސަމުސާ އެޕަލް ސައިޑަރ ވިނިގަރ
  3. 1 ސަމުސާ ކާށިތެޔޮ
  4. 1 ސަމުސާ މާމުއި
  5. ޕެޕަރމިންޓް އޮއިލް ނުވަތަ ޓީޓްރީ އޮއިލް ހުރިނަމަ 5 ތިކި ބޭނުންކޮށްލެވިދާނެ، ނެތްނަމަ ނޭޅިއަސް ކަމުދާނެ.

މަތީގައި ބަޔާންކުރެވުނު ތަކެތި އެއްކޮޮށްލުމަށްފަހު އިސްތަށިގަނޑު ތެތްކޮށްލުމަށްފަހު ބޮލުގެހަންގަނޑުގައި އުނގުޅާލާށެވެ. އެއަށްފަހު އިނގިލި ތަކުން މަޑުމަޑުން މަސާޖް ކޮށްލާށެވެ. 10 ވަރަކަށް މިނެޓް ބެހެއްޓުމަށްފަހު ޝޭމްޕޫ ލައިގެން ބޯދޮވެލުމަށްފަހު ކޮންޑިޝަނަރ ބޭނުންކޮށްލާށެވެ.

ޑީޕް ކްލެންސިންގ ލެމަން ސްކްރަބް

މޫދު ލޮނު އަދި ލުނބޯ އެކުލެވޭ މި ސްކްރަބް އަކީ ބާރުގަދަ ސްކްރަބެކެވެ. ލުބޮހުތުގައި އެކުލެވޭ ސިޓްރިކް އެސިޑަކީ ކެމިކަލް ނައްތާލަދޭ އެއްޗެކެވެ. މީގައި އެކުލެވޭ ޒައިތޫނި ތެލަކީ ބޮލުތެރެ ތާޒާކޮށް ވިޓަމިން އޭ އަދި ވިޓަމިން އީ ލިއްބައިދޭ އެއްޗެއްކަމުން އިސްތަށި ދިގުކޮށްދެއެވެ.

ބޭނުންވާތަކެތި :
  1. 2 ސަމުސާ މޫދު ލޮނު
  2. 2 ސަމުސާ ލުންބޯހުތް
  3. 2 ސަމުސާ ޒައިތޫނި ތެޔޮ

މަތީގައި މިދެންނެވުނު ތަކެތި އެއްކޮށްލުމަށްފަހު ބޮލުގެހަންގަނޑާއި އިސްތަށިގަނޑު ތެންމާލުމަށްފަހު ބޮލުގެ އެތެރޭގައި މަސާޖް ކޮށްލަމުން އުނގުޅާލާށެވެ. އޭރުން ބޮލުތެރޭގައި ލޭދައުރުކޮށްދިނުންވެސް ރަނގަޅުވެއެވެ. ގާތްގަނޑަކަށް 10 މިނެޓްވަރު ބެހެއްޓުމަށްފަހު ޝޭމްޕޫއިން ބޯދޮވެލުމަށްފަހު ކޮންޑިޝަނަރ ބޭނުންކޮށްލާށެވެ.