ޓެކްނިކަލީ ބުނަންޏާ ކިއުކަމަބާއަކީ މޭވާއެކެވެ. އެއީ ކަރައާއި ބަރަބޮލާ އެއް އާއިލާއެއްގެ މޭވާއެއެކެވެ. އެހެންނަމަވެސް ގިނަ މީހުން ކިއުކަމްބާ ބޭނުންކުރަނީ ތަރުކާރީއެއްކަމުގައި ދެކިގެންނެވެ. މޭވާއަކަސް ތަރުކާރީއަކަށް މިއީ ދިވެހިންނަށް ހެޔޮ އަގެއްގައި ގަންނަން ލިބޭ އަދި ރާއްޖޭގައިވެސް ފަސޭހައިން ހައްދާލެވޭ، ހަށިގަނޑަށް ވަރަށް ފައިދާހުރި އެއްޗެކެވެ.

ކިއުކަމްބާ އަކީ އިންޑިއާއަށް ނޭޓިވް، ފެން ގިނައިން އެކުލެވޭ، މަޑު ފޮނިރަހައެއް އަދި ބައެއް ފަހަރު ކުޑަކޮށް ހިތި ރަހައެއް ހުންނަ އެއްޗެކެވެ.

ދޮޅު ޖޯޑު (އެއްޖޯޑު ބައި) ކިއުކަމްބާގެ 95 އިންސައްތައަކީ ފެނެވެ.

އާދައިގެ ސައިޒެއްގެ ކިއުކަމްބާގައި އަންނަނިވި މާއްދާތަށް އެކުލެވިގެންވާނެއެވެ.

ކެލޮރީޒް: 30

ފެޓް: 0 ގ

ކާބޯހައިދްރޭޓްސް: 6ގ

ޕްރޮޓީން: 3ގ

ފައިބަރ: 2ގ

ވިޓަމިން ސީ: ބޮޑު މީހަކަށް ދުވާލަކަށް ބޭނުންވާވަރުގެ 10 އިންސައްތަ

ވިޓަމިން ކޭ: ބޮޑު މީހަކަށް ދުވާލަކަށް ބޭނުންވާވަރުގެ 57 އިންސައްތަ

މްގްނީޒިއަމް: ބޮޑު މީހަކަށް ދުވާލަކަށް ބޭނުންވާވަރުގެ 9 އިންސައްތަ

ޕޮޓޭސިއަމް: ބޮޑު މީހަކަށް ދުވާލަކަށް ބޭނުންވާވަރުގެ 12 އިންސައްތަ

މެންގަނީޒް: ބޮޑު މީހަކަށް ދުވާލަކަށް ބޭނުންވާވަރުގެ 9 އިންސައްތަ

ކިއުކަމްބާގައި ހުންނަ ހުރިހާ ފެނަކީ ހަށިގަނޑު ހައިޑްރޭޓްކޮށްފަ ބެހެއްޓުމަށް އެހީތެރިވެދޭނެ އެއްޗެކެވެ. އަދި، ކިއުކަމްބާގައި ހިމެނޭ ފައިބަރގެ ސަބަބުން ގިނަ އިރުވަންދެން ބަނޑު ފުރިފަ ހުރި ކަމުގެ އިޙްސާސްކުރެވި ކެއުން މަދުކުރުމަށް އެހީއަކަށް ވާނެއެވެ.

ކިއުކަމްބާގައި އެކުލެވޭ ވިޓަމިން ކޭ އަކީ ލޭހގަނޑުވެ ލޭހޮޅިތައް ބެދުމުން ރައްކާތެރިކޮށްދިނުމުގެ އިތުރުން ކަށިތައް ދުޅަހެޔޮކޮށް ބެހެއްޓުމަށް އެހީތެރިވެދޭ އެއްޗެކެވެ. ވިޓަމިން އޭ އަކީ ލޮލުގެ ފެނުމާއި، ހަށިގަނޑުގެ ދިފާއީ ނިޒާމާއި، ދަރިމައިވުމުގެ ނިޒާމުގެ މަސައްކަތްތަކަށް ވަރަށް މުހިއްމު މާއްދާއެކެވެ. މީގެ އިތުރުން ހިތާއި ފުއްޕާމޭ އަދި ކިޑްނީ ފަދަ ގުނަވަންތައް މަސައްކަތް ކުރަންޖެހޭ ގޮތަށް މަސައްކަތްކުރާކަން ވިޓަމިން ކޭ ޔަގީންކޮށްދެއެވެ.

ކިއުކަމްބާގައި ލިގްނަންސް އޭ ކިޔާ ފައިޓޯނިއުޓްރިއެންޓްތަކެއް ހިމެނެއެވެ. މި ލިގްނަންސް އިން އޮސްޓިއޯޕޮރޮސިސް އާއި ހިތުގެ ބަލިތަކާއި ބައެއް ކެންސަރުތަކުން ރައްކާތެރިވުމަށް އެހީތެރިވެދެއެވެ.

ކިއުކަމްބާގައި ހުންނަ ބީޓާ ކެރޮޓީން ފަދަ އެންޓިއޮކްސިޑެންޓްތަކަކީ ހަށިގަނޑުގައި ހުންނަ ފްރީ ރެޑިކަލްތަކާއި، ޖޯޑު ނުކުރެވި ހުންނަ އިލެކްޓްރޯންތަކުން ސެލްތަކަށް ގެއްލުންދީ، ބަލިތަކަށް މަގުފަހިކޮށްދޭ މާއްދާތަކާ ދެކޮޅަށް ހަނގުރާމަ ކުރުމަށް އެހީތެރިވެދޭ މާއްދާތަކެކެވެ.

ކިއުކަމްބާގެ ސަބަބުން ހަށިގަނޑުގެ ބޭރުންވެސް ފައިދާތަކެއް ހޯދިދާނެއެވެ. ކިއުކަމްބާ ފޮއްޗެއް ބޭނުންކޮށްގެން އަވިން ހަނގަނޑު އަނދާފަ ހުންނަތަންތަން އަވަހަށް ރަނގަޅުކޮށްލެވިދާނެއެވެ. އަދި ލޮލުގެ ތިރިން ފުއްޕާފައި ހުންނަނަމަ ލޯމަތީގައި ކިއުކަމްބާ ފޮއްޗެއް އަޅާލުމުން ރަނގަޅުވާނެއެވެ. ކިއުކަމްބާއަކީ ފިނިކޮށްދޭ އެއްޗެއްކަމުން ލޯމަތީ މިހެން ކިއުކަމްބާ ފޮއްޗެއް ބާއްވާއިގެން އޮށޯވެ އޮވެލުމަކީ މީހާ ރިލެކްސްކޮށްލަންވެސް އެހީއަކަށް ވާނެއެވެ.