އަހަރުމެންގެ ތެރެއިން ގިނަ މީހުންނަކީ މިހާރު ހަށިގަނޑަށް ބަލާ މީހުންނެވެ. ދުޅަހެޔޮ ހަށިގަނޑަކަށް އެދި މަސައްކަތް ކުރާ މީހުންނެވެ. ހަށިގަނޑުގައި ޖަހާފައިވާ ސަރުބީތައް ވިރުވާލުމަށް ނުހަނު ބޭނުން ވެގެން މަސައްކަތް ކުރާ މީހުންމެއެވެ. ކަސްރަތު ކުރުމާއެކު ކެއުމަށް ބަލައެވެ. ކެއުމުގައި ހުރި ނުރަނގަޅު އާދަތައް ދޫކޮށްލާ ރަނގަޅު ޑައިޓެއް ގެންގުޅޭ މީހުން ވަރަށް ގިނައެވެ. މީގެ ތެރެއިން ވެސް ބައެއް މީހުން އެންމެ ފަރުވާ ކުޑަކުރާ އެއްކަމަކީ ހެނދުނުގެ ނާސްތާއެވެ. ބައެއް މީހުން ހެނދުނުގެ ނާސްތާ ނުނަގާ މެންދުރުވުމުން ކާ މީހުންވެސް އުޅެއެވެ. ނަމަވެސް، ޑައިޓީޝަނުން މިކަމުގައި ދެކެނީ ކިހިނެއްތޯ ބަލައިލަމާ ހިނގާށެވެ.

މަޝްހޫރު ލިޔުންތެރިއެއްކަމަށްވާ ރޮބަޓް އ. ހެއިންލެއިން ލިޔެފައިވެއެވެ. "ރަނގަޅަށް ހެނދުނުގެ ނާސްތާ ނުނަގާ ދުނިޔެ ނިމުމުގެ ދަރުބާރަށް ވެސް ހާޒިރުވެގެން ނުވާނެއެވެ". މަޖާޒީ އެ ބުނުމުގައި އެ ލިޔުންތެރިޔާ ހާމަ ކޮށްދޭން ބޭނުން ވެފައިވަނީ ހެނދުނުގެ ނާސްތާ ނެގުމުގެ މުހިންމުކަމެވެ. ހެނދުނުގެ ނާސްތާގައި ހަށިގަނޑަށް ފައިދާހުރި ކާނާ ހިމެނުމުން މުޅި ދުވަހަށް ހަށިގަނޑު ތައްޔާރު ކޮށްދެއެވެ. ދުވަހަށް ބޭނުންވާ ހަކަތަ އުފައްދާދެއެވެ. ލޭގައި ހުންނަ ހަކުރުގެ މިންވަރު ހެޔޮ ކުރުމަށާއި ބަރުދަން އެއްވަރެއްގައި ހިފެހެއްޓުމަށް އެހީވެދެއެވެ.

ފުޑް އިންސައިޓާ ހަވާލާދީ ފޯބްސް.ކޮމްގައި ލިޔެފައިވާ ގޮތުގައި، ސާވޭއަކުން ދައްކާ ގޮތުގައި އެމެރިކާގެ 90 އިންސައްތަ މީހުން ގަބޫލު ކުރާ ގޮތުގައި ދުވަހުގެ އެންމެ މުހިންމު ކެއުމަކީ ހެނދުނުގެ ނާސްތާއެވެ. އަދި ކޮންމެ ދުވަހަކު ހެނދުނުގެ ނާސްތާ ނަގާކަމަށް އެ ދިރާސާއިން ދައްކާފައިވަނީ އެމެރިކާގެ 44 އިންސައްތަ މީހުންނެވެ.

ހެނދުނުގެ ނާސްތާ ސްކިޕް ކުރުމުގެ ސަބަބުން (ނުނަގާ ދޫކޮށްލުމުގެ ސަބަބުން) އެތައް ސިއްހީ ގެއްލުންތަކެއް ހަށިގަނޑަށްވެއެވެ. ސްޓްރެސް ވުމާއި، ހަކުރު ބައްޔަށް މަގުފަހިވުމާއި ފަލަވުމަށް މަގުފަހިވުން ހިމެނެއެވެ.

ޓޯޓަލް ހެލްތު ގެ ފައުންޑަރ އަދި ޑައިޓީޝަނެއްކަމަށްވާ ކިމް ލާސަން ހާމަ ކޮށްފައިވާ ގޮތުގައި، ހެނދުނުގެ ނާސްތާ ނުކުރުމުން ހަށިގަނޑުގެ ހޯމޯންތަކަށް އޮޅޭކަމަށާއި، އޭގެ ސަބަބުން ދުވަހުގެ ބާކީ ބައިގައި އެތަން ފޫބެއްދުމަށް އެ ހޯމޯންތައް މަސައްކަތް ކުރަންޖެހޭކަމަށެވެ. އަދި ހެނދުނުގެ ނާސްތާ ދޫކޮށްލާ ގިނަ މީހުންނަކީ ނިދުމުގެ މައްސަލަ ކުރިމަތިވާ މީހުންކަމަށާއި ލަހުން ނިދުމާއި ނިދަން އުނދަގޫވުމުގެ އުނދަގޫ އެ މީހުން އުފުލަން ޖެހޭކަމުގައި ކިމް ފާހަގަ ކޮށްފައިވެއެވެ.

ނަމަކަށް ހެނދުނުގެ ނާސްތާ ނެގުމަކުން ހަށިގަނޑަށް ފައިދާއެއް ނުވާނެއެވެ. ހެނދުނުގެ ނާސްތާގައި ހަކުރުން ފުރިފައިވާ އެއްޗެހި ބޭނުން ކޮށްގެން ކުރަން އުޅޭ ކަމެއް ނުވާނެއެވެ. އޭގެ ބަދަލުގައި ނާސްތާގައި ހިމަނަންވާނީ ހަށިގަނޑަށް ފައިދާހުރި ކާނާއެވެ. ނިއުޓްރިއެންޓްސް، ޕްރޮޓީން، ފައިބާރ، ވިޓަމިންސް ހިމެނޭ ކާނާ ބޭނުން ކުރުމަކީ ކޮންމެހެން ކުރަން ޖެހޭކަމެކެވެ. ބަންދުކުރި ޖޫސް ޕެކެޓާއި ސްމޫތީ ގަނެގެން ބޭނުން ކުރުމަކީ ރަނގަޅު ނާސްތާއެއް ނެގުމާ ޚިލާފުކަމެއްކަމުގައި ކިމް ލާސަން ދެކެއެވެ.

ކިމް ގަބޫލު ކުރާ ގޮތުގައި ހެނދުނުގެ ނާސްތާ ނެގުން އެންމެ ރަނގަޅީ ހޭލާތާ 2 ގަޑިއިރު ތެރޭގައެވެ. ގިނަ ޑޮކްޓަރުން އިރުޝާދުދޭ ގޮތުގައި ހެނދުނު 10 ޖެހުމުގެ ކުރިން ނާސްތާކޮށް ނިންމަންވާނެއެވެ. އަދި ހެނދުނު ކަސްރަތުކޮށް ޖިމަށް ދާނަމަ، ޖިމަށް ނުވަތަ ކަސްރަތު ކުރުމުގެ 20 ނުވަތަ 30 ކުރިން ލުއި އެއްޗެއް ކާލުމަކީ ރަނގަޅުކަމެކެވެ. އެގޮތުން ދޮންކެޔޮ ވަކެއް ނުވަތަ އެވަކާޑޯ ޓޯސްޓެއް ކާލެވިދާނެއެވެ.

ބިޒީކޮށް އުޅެމުން މި ހުރިހާކަމަކާ ވިސްނާނީ ކިހިނެއްހޭ ސުވާލު އުފެދިދާނެއެވެ. ނަމަވެސް މި ދަންނަވާ ކަންކަމަށް ވިސްނާލައިގެން މިކަން ކުރިޔަށް ގެންދިޔުމުން އެ މައްސަލަވެސް ހައްލު ވެދާނެއެވެ.

  • ނާސްތާ ނެގުމުގައި ލުއި އަދި ފަސޭހައިން ލިބޭ ހަށިގަނޑަށް ރަނގަޅު ނާސްތާ ޚިޔާރު ކުރާށެވެ.
  • ކުރިޔާލާ ހެނދުނުގެ ނާސްތާއަށް ނަގާނެ އެއްޗެއް ރާވާލާށެވެ.

އެ ދުވަހަކަށް ނާސްތާއެއް ކަނޑައެޅުމުގެ ބަދަލުގައި ހަފްތާއަކަށް ނުވަތަ މަހަކަށް ވާވަރަށް ރާވާލާށެވެ.