ގަބޫލުކުރަން ކިތަންމެ ދަތި ނަމަވެސް އަޅުގަނޑުމެންގެ ކެއުމަށް އާންމުކޮށް މި ބޭނުން ކުރެވޭ ބައެއް މޭވާއާއި ތަރުކާރީގެ އިތުރުން ބައެއް ބަދަނުގެ ބާވަތްތަކަކީ އެންމެ ފުރަތަމަ އެތަކެތި އުފެދިފައިވާ ގޮތަށް މިހާރު ހުރި ތަކެއްޗެއް ނޫނެވެ. މީގެތެރެއިން ގިނަ ބާވަތްތަކަކީ ލެބޯޓްރީ ތަކުގައި ބަދަލުގެނެވިފައިވާ ތަކެއްޗެވެ. އަދި ބައެއް ބާވަތްތަކަކީ، އެތަކެތީގެ މާފޮޅި މޭވާއަށް ބަދަލުވުމުގެ މަރުހަލާގައި ކުދި ސޫފާސޫފީގެ ސަބަބުން ބަދަލު އައިސްފައިވާ ތަކެއްޗެވެ. މިހެންވަނީ އެކި ގަހުގެ މަލުގެ ކަރުގަނޑުން ފޮނި ބޯން އައިސް އުޅޭ އިރު އެހެން މާމަލުގެ ކަރުގަނޑުގައިވާ ފުށްތައް މަސްހުނިވުމުގެ ސަބަބުންނެވެ. ނަމަވެސް މިހެން މިކަން ވާނީވެސް ބަދަލު ގެނެސްފައިވާ ކޮންމެވެސް ގަހެއް އެތަނުގައި ހުރުމުންނެވެ.
- ކެބެޖް، ބްރޮކޮލީ، ކޯލިފްލާވަރ
މިހުރިހާ ބާވަތެއްގެ ފެހި ތަރުކާރީގެ މަންމަ ގަހަށް ކިޔަނީ "ބްރެސިކާ އޮލެރާކީ" އެވެ. އާންމު ނަމަކީ ވައިލްޑް މަސްޓަޑެވެ. މީގެ އަސްލުގަސް މިހާރުވެސް ހުރެއެވެ. މީގެ 2500 އަހަރު ކުރިން ވައިލްޑް މަސްޓަޑަކީ ޔޫރަޕް އަދި މެޑިޓެރޭނިއަން ގައުމުތަކުގައި އެކަނި ހެދޭ ގަހެކެވެ. އޭރުގެ ރޯމަން އަދި ގްރީކް މީހުން ބޭނުންވީ މިގަހަށް ބަދަލު ގެނެސްގެން ގަހުގެ ފަތްތައް ބޮޑެތި ކުރާށެވެ. ކޮޕީފަތުގެ ވައްތަރުތައް އުފެދުނީ މިހެންނެވެ. 1600 ގެ އަހަރުތަކުގެ ތެރޭގައި އަނެއްކާވެސް މިގަހަށް ބަދަލު ގެނެސްގެން ކެބެޖް ތައްޔާރު ކުރިއެވެ. އިތުރު ބަދަލު ތަކަކާއި އެކު ބްރޮކޮލީ އަދި ކޯލިފްލާވަރ ދުނިޔެއަށް އުފަންވިއެވެ. މި ސިލްސިލާ 20 ވަނަ ގަރުނާއި ހަމައަށް ކުރިއަށް ގޮސް، 1928 ގައި ރަޝިޔާގެ ބަޔޮލޮޖިސްޓަކު ވަނީ ކެބެޖާއި ރެޑިޝް އެއްކޮށްގެން އާ ތަރުކާރީއެއް އުފައްދަން މަސައްކަތްކޮށްފައެވެ. ނަމަވެސް މިކަން ކާމިޔާބު ވާގޮތެއް ނުވިއެވެ. ސަބަބަކީ ރެޑިޝްއަކީ ކެބެޖް އާއިލާ އާއި އެއްވެސް ގުޅުމެއް ހުރި އެއްޗެއް ނޫނެވެ. 1993 ވަނަ އަހަރު ޖަޕާނުގެ ކުންފުންޏަކުން ބްރޮކޮލީ އާއި ކައި-ލަން ނަމަކަށް ކިޔާ ގަހެއްގެ ބައިތައް މަސްހުނިކޮށްގެން އާ އީޖާދެއް ކޮށްފައެވެ. އެއީ މިހާރު މިފެންނަ ބޭބީ ބްރޮކޮލީ ނުވަތަ ޗައިނީޒް ބްރޮކޮލީއެވެ.
- އޮރެންޖް
އޮރެންޖުގެ ވަރަށް ގިނަ ބާވަތްތައް މިހާރު ހުރެއެވެ. އޮރެންޖަކީ މެންޑަރިން އާއި ޕޮމެލޯ ކިޔާ ނަސްލެއް އެއްކޮށްގެން ބަދަލު ގެނެސްފައިވާ މޭވާއެކެވެ. ޕޮމެލޯއަކީ ގްރޭޕް ފުރުޓް އާއި އެއްގޮތަށް ހިތި ރަހައެއްލާ އެއްޗެކެވެ. އަދި މެންޑަރިން އަކީ ފޮނި މޭވާއެކެވެ. އޮރެންޖް އުފެދުނު ތާރީޚެއް އެނގެން ނެތްނަމަވެސް އެންމެ ފުރަތަމަ އޮރެންޖް ފެނިފައިވަނީ ދެކުނު ޗައިނާއިން ކަމަށް ބެލެވެއެވެ.
- ބަދަން
މިހާރު ލިބެން މިހުންނަ ބަދަނަކީ ކުރީގެ ބަދަނުގެ ދެވައްތަރެއް އެއްކޮށްގެން ބަދަލު ގެނެސްފައިވާ ބަދަނެކެވެ. މީގެ ތެރެއިން އެއް ވައްތަރަކީ އާޖެންޓީނާ އާއި ބޮލީވިއާ ގެ ދެމެދުގައި އޮންނާ ވާދީތަކުގައި ހެދޭ އެއްޗެކެވެ. އަނެއް ވައްތަރު ހެދެނީ ބޮލީވިޔާގެ އެތެރޭގައެވެ.
- ދޮންކެޔޮ
ދޮންކޭލަކީ ވެސް އެހެން އެހެން ދެ ނަސްލެއް އެއްކޮށްގެން ހެދިފައިވާ މޭވާއެކެވެ. ދޮންކެޔޮ ހެދިފައިވާ އެއް ބާވަތުގައި ވަރަށް ނުބައި ރަހައެއް ލައެވެ. އަނެއް ބާވަތުގައި މީރު ރަހައެއް ހުއްޓަސްވެސް ވަރަށް އޮށްގިނައެވެ. މި ދެބާވަތް އެއްކޮށްގެން މި ބަދަލު ގެނެވިފައިވަނީ ދެކުނު އޭޝިޔާގެ ޖަންގަލިތަކުގައެވެ. މިގޮތަށް އަލަށް އުފެދުނު ދޮންކެޔޮ މީގެ 10 ހާސް އަހަރުކުރިން އުޅުން އިންސާނުންނަށް ފެނިގެން އޭގެ ނިރު ބޭނުންކޮށްގެން އަނެއްކާވެސް ހެއްދީއެވެ. އަދި ވެސް އޮށް ބޭނުންކޮށްގެން ދޮންކެޔޮ ހައްދާނެ ގޮތެއް ވަނީ ނުހޯދިއެވެ. އެހެން ކަމުން ބައްޔެއްގެ ސަބަބުން ވިޔަސް ދޮންކެޔޮ ގަހުގެ ބުޑުން ފަޅާ ނިރުތައް މަރުވެއްޖެ ނަމަ މުޅި ދުނިޔެއިން ދޮންކެޔޮ ނެތިގެން ހިނގައިދާނެއެވެ.
- އާމަންޑް
އާމަންޑުގެ އެންމެ ކުރީގެ ނަސްލުގައި ވަރަށް ގަދަ ހިތި ރަހައް ހުރެފައި ގިނައިން ކައިފިނަމަ މަރުވެދާނެ ކަމަށް ބުނެވެއެވެ. މިހާރު މި ފެންނަ އާމަންޑް އުފެދުނު ތާރީޚެއް އެނގެން ނެތް އިރު އެހާ ހިތި އެއްޗަކުން މިހާރު މި ފެންނަ އާމަންޓް އުފެއްދި ގޮތެއް ސައިންސްވެރިންނަށް ވެސް ވަނީ ނުހޯދިއެވެ.
- ކެރެޓް
މިހާރު އާންމުކޮށް މިފެންނަ ކެރެޓް އޮރެންޖް ކުލައިގައި ހުރި ނަމަވެސް އެންމެ ކުރީގައި ކެރެޓަކީ ހުދު ނުވަތަ ދަނބުކުލައިގައި ހުންނަ، ކެއުމަށް ބޭނުން ނުކުރެވޭ އެއްޗެކެވެ. މިހާޜު މިފެން ކެރެޓް އެންމެ ފުރަތަމަ ބޭނުން ކުރެވުނު ކަމަށް ބެލެވެނީ 10 ވަނަ ޤަރުނުގައި ފާރިސީންގެ ތެރޭގައެވެ.
- ސްޓްރޯބެރީ
މިހާރު މި ފެންނަ ސްޓްރޯބެރީއަކީ ޖަންގަލީގައި ހެދޭ، މިއަށް ވުރެ ކުޑަ އެހެން ބެރީ އަކަށް ބަދަލުގެނެސްގެން އުފައްދާފައިވާ މޭވާއެކެވެ. މި މޭވާ އެންމެ ފުރަތަމަ ފެނިފައިވަނީ 18 ވަނަ ގަރުނުގެ ތެރޭގައި ފްރާސުންނެވެ. ނަމަވެސް މި ބަދަލު ގެނައުމުގެ މަސައްކަތް 1300 ގެ އަހަރުތަކުގައި ފްރާންސުގެ ބޮޓަނިސްޓުން ވަނީ ފަށާފައެވެ. މިހާރު މި ފެންނަ ސްޓްރޯބެރީއަކީ ކުރީގެ ބެރީއަށްވުރެ 15 ނުވަތަ 20 ގުނަ ބޮޑު މޭވާއެކެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން