92 އިންސައްތަ ފެނުން އުފެދިފައިވާ ކަރަޔަކީ ދިވެހިންގެ މެދުގައި ވަރަށް މަޤްބޫލު މޭވާއެކެވެ. ޚާއްސަކޮށް ރޯދަމަހުގެ މޭޒުމަތި ފަޅުފިލުވާ ލުމަށް ހަމަ ކޮންމެ ގެއެއްގައި ކަރާ ބޭނުންކުރެއެވެ. ކަރާފަނި ނުބައި ދިވެއްސަކާ ދިމާވުމަކީ ވަރަށް މަދުން ނޫނީ ނުވާނެ ކަމެކެވެ. ފަނި ނުބޯ މީހުންވެސް ކަރާ ކައެވެ. ނަމަވެސް ކަރަޔަކީ ވެސް ވަކި މިންވަރަކަށް ކާން ޖެހޭ އެއްޗެކެވެ. ކިތަންމެ ގިނަ ފައިދާއެއް ވިޔަސް ކަރައިންވެސް ލިބޭ ގެއްލުން ހުރެއެވެ. ކަރާ ފޮއްޗެއްގައި ވިޓަމިން އޭ، ބީ ސިކްސް އަދި ސީގެ އިތުރުން އެންޓިއޮކްސިޑެންޓް، އެމިނޯ އެސިޑްސް އަދި ގިނަ އަދަކަކަށް ލައިކޮޕީން ހިމެނެއެވެ. ހަމަ މިއާ އެކު ޕޮޓޭސިއަމް ވެސް ހިމެނެއެވެ.
އާދައިގެ ވަރަކަށް ކަރާ ބޭނުންކޮށްގެން އެއްވެސް ސައިޑް އިފެކްޓެއް ނުފެނިދާނެއެވެ. ނަމަވެސް ގިނަ އަދަދަކަށް ކަރާ ބޭނުން ކުރެވޭނަމަ ހަށިގަނޑަށް ބޭނުންވާ ވަރަށް ވުރެ ގިނައިން ޕޮޓޭސިއަމް އަދި ލައިކޮޕީން އެތެރެވާނެއެވެ. ދުވާލަކު 3 މިލިގްރާމަށް ވުރެ ގިނައިން ލައިކޮޕީން ބޭނުން ކުރެވޭނަމަ ބޯއަނބުރާ، ބޭރަށްހިންގާ ހަޖަމްގެ ނިޒާމް ރަގަޅަށް ނުހިނގުމުގެ ސަބަބުން ބަނޑުގައި ވައި ހެދޭގޮތްވާނެއެވެ. ލޭގައި ޕޮޓޭސިއަމް ގިނަ އަދަދަކަށް ހުންނަ ނަމަ އެއް ޖޯޑަށް ވުރެ ގިނައިން ކަރާ ނުކެއުމަށް ސިއްޙީމާހިރުން އިރުޝާދު ދެއެވެ. އެއް ޖޯޑު ކަރާގައި 140 މިލިގްރާމް ޕޮޓޭސިއަމް ހުންނާނެކަމަށް ބެލެވެއެވެ. ލޭގައި ޕޮޓޭސިއަމް ގިނައިން ހުންނަ ނަމަ ހިތުގެ ވިންދުގެ ތަރުތީބު ގެއްލި، ހިތުގެ މައްސަލަތައް ޖެހި ހަށިގަނޑުގެ މަސްތަކުގެ ބާރު ދަށްވާނެއެވެ.
ފެން ގިނައިން ހުންނަ ކޮންމެ މޭވާއެއް ކެއުމުންވެސް ބަނޑު ފުރިފައި ހުންނަ ކަމުގެ އިހުސާސް ގިނަ ވަގުތަށް ކުރެވޭނެއެވެ. އެހެންކަމުން މިއީ ބަރުދަން ލުއިކޮށްލުމަށް ވަރަށް ރަގަޅު މޭވާއެކެވެ. ނަމަވެސް ކޮންމެ އެއްޗެސް ކެއި ނަމަވެސް ސިއްޙީ މައްސަލައެއް ހުރިނަމަ އެކަމަށް ފަރުވާތެރިވެ، ޑޮކްޓަރުގެ އިރުޝާދު ހޯދަން ވާނެއެވެ.
މައުލޫމާތު https://www.livescience.com/ އިން ނަގާފައި
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން