ރައްޔިތުންނަށް ޚިދުމަތް ދިނުމަށްޓަކައި ބޭސިކް ޕޮލިސިންގ ރަނގަޅުކޮށް، މަގުމަތިން ފުލުހުންގެ ހިދުމަތް ދޭތަން ވަރަށް ގާތުން ކުރިއަށް އޮތް ދުވަސްތަކުގައި ރައްޔިތުންނަށް ފެނިގެންދާނެކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވެއްޖެއެވެ.

ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު މިގޮތަށް ވިދާޅުވީ އިސްކަންދަރު ބިލްޑިންގްގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ދެއްވަމުންނެވެ.

ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވީ ގާތުން ރައްޔިތުންނަށް ހިދުމަތް ދިނުމަށްޓަކައި ބޭސިކް ޕޮލިސް ރަނގަޅު ކުރާނެ ކަމަށެވެ. އެގޮތުން ރައްޔިތުންނާ ގާތުން ހިދުމަތްކުރާ ފުލުހުން ރާއްޖޭގެ އެކި ހިސާބުތަކުން ފެނިގެންދާނެ ކަމަށާއި ފައި މަގުގައި ޕެޓްރޯލުކުރާ ފުލުހުން އިތުރުވެގެން ދާނެ ކަމަށް ވިދާޅުވިއެވެ. އޭގެ ނަތީޖާ އަކަށް ވެގެންދާނީ މުޖްތަމައުގައި ކުށް ކުރާ މިންވަރު މަދުވެ، ރައްޔިތުންނަށް އަމާންކަން އިހުސާސު ކުރެވުން ކަމުގައި ވިދާޅުވިއެވެ. އަދި ބޭސިކް ޕޮލިސިންގ ރަނގަޅު ކުރުމަށް މަސައްކަތް ކުރުމުން ލިބިގަނެވޭނެ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ފުލުހުންނަށް ހުށަހެޅޭ މައްސަލަތައް އަވަހަށް ތަހުގީގު ކުރެވި އެ މައްސަލަތަކުގައި ގެއްލުން ލިބޭ ފަރާތަށް އިންސާފު ލިބުން އަވަސްވެގެން ދިޔުންކަމަށް ކޮމިޝަނަރ އޮފް ޕޮލިސް ފާހަގަކުރެއްވިއެވެ.

ހަމައެހެންމެ، މަސްތުވާތަކެއްޗާއި ގޭންގް މާރާމާރީތަކާ ދެކޮޅަށް ކުރަމުންދާ މަސައްކަތްތައް އިތުރަށް ފުޅާވެގެންދާނެ ކަމަށްވެސް ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވިއެވެ. އެގޮތުން، މަސްތުވާތަކެތި އެތެރެވުމަށް ހުޅުވިފައިވާ ދޮރުތައް ބަންދުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއާއެކު މިހާރަށްވުރެ ރަނގަޅަށް މަސައްކަތްކުރުމަށް ފުލުހުންނަށް ފުރުޞަތުލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ. އަދި މަސްތުވާތަކެތި ބޭނުންކުރާ މީހުން ހޯދައި، ނޭޝަނަލް ޑްރަގް އޭޖެންސީއާ ޙަވާލުކުރުމުން، އެ އޭޖެންސީގެ ފަރާތުން އެ މަސައްކަތްތައް މިހާރަށް ވުރެ ހަރުދަނާ ގޮތެއްގައި ކޯޑިނޭޓް ކުރަމުންދާނެ ކަމަށް ވިދާޅުވިއެވެ.

ހަމައެއާއެކު މަސްތުވާތަކެތި އެތެރެކޮށް، އެ ތަކެތި ވިއްކުމާއި  އޭގެ ބޭނުންކުރާ ބިދޭސީންގެ މައްސަލަތައް ބަަލައި ނިމުމުން، މޯލްޑިވްސް އިމިގްރޭޝަނާ ގުޅިގެން ބިދޭސީންގެ ކަންކަން ހައްލުކުރުމަށް މިހާރަށް ވުރެ ބޮޑަށް މަސައްކަތް ކުރެވޭނެ ކަމަށް ވިދާޅުވިއެވެ. އަދި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ ޑްރަގް ނެޓްވޯކްތަކުގެ ބޮޑުންނާއި މިކަމުން ނަފާލިބޭ އެންމެން ހޯދައި އަދި ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށަށް ބަނގުރާ އެތެރެކުރާ ސަފާރީތައް ހޯދައި ފިޔަވަޅު އެޅުމުގައި ކުރަންޖެހުނު ކޮންމެ މަސައްކަތެއް ފުލުހުން ސާބިތުކަމާއެކު ކުރަމުންދާނެ ކަމަށް ވެސް ވިދާޅުވިއެވެ. 

އޭގެއިތުރުން، ގްރޭޓަރ މާލެ އާއި ރާއްޖޭގެ ބޮޑެތި ސިޓީތަކުގައި ކުށްކުރާ ގްރޫޕްތަކުގެ ބިރުވެރިކަން އޮތްކަން ފާހަގަކުރައްވައި، މިފަދަ ބޮޑެތި ކުށްތައް ހުއްޓުވުމަށް އަބަދުވެސް ފުލުހުން މަސައްކަތް ކުރަމުންދާކަމަށާއި އެ މަސައްކަތްތަކުގެ ނަތީޖާ އެންމެ ރަނގަޅު ނޫންކަމަށް ވިދާޅުވިއެވެ. އަދި ގްރޫޕްތަކުން ރެކްރޫޓްކުރުމާއި ހާއްސަކޮށް 18 އަހަރުން ދަށުގެ ކުދިން މިކަންކަމަށް ވައްދާކަން ފާހަގަވެފައިވާކަމަށާއި މިފަދަ ގްރޫޕްތަކަށް އަމާޒުކޮށްގެން ކަންކަން އެންފޯސްކުރުމުގެ އިތުރުން ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއާ ގުޅިގެން މިކަންކަމުގައި އުޅޭ ކުޑަކުދިން ދެނެގަނެ، އެ ޑިޕާޓްމަންޓުގެ ބެލުމުގެ ދަށުން މިފަދަ ކުދިން ރީހެބިލިޓޭޓްކުރުމުގެ މަސައްކަތް ފެއްޓުމަށް މަޝްވަރާކުރެވެމުންދާ ކަމަށް ވިދާޅުވިއެވެ. އަދި މިކަމަށް ފުލުހުންގެ ފަރާތުން ދޭންޖެހޭ ހުރިހާ އެއްބާރުލުމެއް ދޭނެކަމުގެ ޔަޤީންކަން ކޮމިޝަނަރ އޮފް ޕޮލިސް ދެއްވިއެވެ.